ads
ފޮޓޯ: ހެލްތު މިނިސްޓްރީ
ޑޮކްޓަރު ލަސްވެގެން މަހެއްހާ ދުވަހުގެތެރޭ ތިން މަރު! ޑޮކްޓަރުން ލިބުން ދަތިހާލަތެއްގައި!
ލ . އަތޮޅުގައި ވެސް ހުވަދު އަތޮޅުގައި ވެސް ހޭނައްތާ ޑޮކްޓަރަކު ނެތެވެ. ގދ.ވާދޫ އަހުމަދު އާސިމް، ގއ. ވިލިނގިއްޔަށް އޭނާގެ އަންހެނުން ދައްކަން ދިއުމަށްފަހު ކަނޑު ހުރަސްކޮށް އައްޑު އަތޮޅަށް ގޮސް، އޭނާގެ އަލަތު ދަރިފުޅު ހެޔޮ ހާލުގައި ލިބުމުގެ އުންމީދު ކުރީ އެހެން ވެގެންނެވެ.

ގދ. ތިނަދޫ ހޮސްޕިޓަލުގައި ވެސް ހޭނައްތާ ޑޮކްޓަރަކު ހުރިތޯ އޭނާ ބެލި އެވެ. ރައްޓެއްސަކު ފޮނުވައިގެން ބެލިއިރު އެތާނގައި ވެސް ޑޮކްޓަރަކު ނެތްކަން އެނގުމުން ދެން އޮތް ގޮތަކީ އައްޑޫ އަށް ދިއުން ކަން އޭނާ އަށް އެނގުނެވެ. އަންހެނުން ގޮވައިގެން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގޮސް ވިއްސުމުގެ ކަންކަން ހަމަޖައްސަން ނިންމީ އެ ހިސާބުންނެވެ. 

އެހެން ނަމަވެސް އެކުރި ދަތުރުގެ ނިމުމަކަށްވީ އަލަތު ދަރިފުޅު ނިޔާވުމެވެ. އަހަރެއްހާދުވަހު ކުއްޖެއް ނުލިބި ހުރުމަށްފަހު ކުރި އުންމީދު ފޯވެގެން ދިޔައީ ކަރުނައިންނެވެ. 

އާސިމް ބުނީ ދަރިފުޅުގެ މަރުގެ މައްސަލާގައި ޑޮކްޓަރުގެ އިހުމާލު އެބަ އޮތް ކަމަށެވެ. އޭނާ ބުނީ ނޮވެމްބަރު 12 ވަނަ ދުވަހުގެ ރޭ 10:30 އެހާކަށްހާއިރު ޑޮކްޓަރު އައިސް ބަލައިފައިވާ ކަމަށާއި އަދި ސިޒޭރިއަން ހަދަން ޖެހޭނަމަ އެންމެ ފަހުވަގުތު ސިޒޭރިއަން ހަދައަިގެން ދަރިފުޅު ނަގާނެ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ. 

އެހެންނަމަވެސް ދަރިފުޅު ވިހެއުމަށް ތައްޔާރުވެ، އެތައްއިރެއް ވީއިރު ވެސް ޑޮކްޓަރު އައިސްފައި ނުވާކަމަށް އާސިމް ބުންޏެވެ. 

"މިތާނގައި އޮންނަގޮތުން އިމަޖެންސީވީމަ ގުޅަންޖެހެނީ ޑޮކްޓަރަށް. ދަރިފުޅުގެ ބޯ ނުކުތުމަށްފަހު ކޮނޑުހުޅުން ތާށިވެ 10 ވަރަކަށް މިނިޓް ތާށިވެފައި ހުރި. އޭގެ ފަހުން ޑޮކްޓަރަށް އާދެވުނީ. ޑޮކްޓަރު އައިސް ތިން އިންޗި ކަފާލި،" ދަރިފުޅުގެ ދަރިފުޅު ވަޅުލުމަށްފަހު ބައްޕަ އާސިމް ސީއެންއެމް އަށް ކިޔައިދިނެވެ.

your imageފޮޓޯ: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފޯނަށް ޖަވާބު ނުދޭތީ އެ ހޮސްޕިޓަލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. އެހެން ނަމަވެސް ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރުންގެ ދަތިކަން މިދަނޑިވަޅު ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. ހެލްތު މިނިސްޓްރީން ސީއެންއެމްއާ ވާހަކަދެއްކީ މި މަރުތަކުގެ މައްސަލަތަކާ ގުޅިގެންނެއް ނޫނެވެ. ނަމަވެސް ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ ޑޮކްޓަރުންގެ ދަތިކަން ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް އެބަހުރިކަމަށެވެ.

އެކަން ފާހަގަ ކުރެވެއެވެ. ވޭތުވި މަހެއްހާ ދުވަހުގެ ތެރޭ ހަމައެކަނި ދެކުނުގެ އަތޮޅުތަކުން އެކަނިވެސް ތުއްތު ކުދިންގެ މަރުގެ ތިން ހާދިސާއެއް ވަނީ ހިނގާފަ އެވެ. އައްޑުއަތޮޅަށް ނިސްބަތްވާ ކުއްޖަކާއި ގދ.ތިނަދޫ ކުއްޖަކާއި އަދި އިހަކަށް ދުވަހު މަރުވި ކުއްޖާއެވެ. ހެލްތު މިނިސްޓްރީން ދަނީ މަރުގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. މިނިސްޓްރީން ބުނީ މަރުގެ މައްސަލަތަކުގައި އެއްޗެއް ބުނަން އެނގޭނީވެސް ތަހުގީގުތައް ނިމުމުން ކަމަށެވެ. 

އާސިމްގެ ދަރިފުޅުގެ މަރުގެ މައްސަލަ މިހާރުވަނީ އާއިލާގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށްވެސް ހުށަހަޅައިފަ އެވެ. އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އައްޑޫ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކުއްޖާ ނިޔާވުމަށް މެދުވެރިވި ސަބަބަކީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވުން ކަމަށެވެ. އަދި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުންނާއި ނަރުހުން ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާދިސާ ހިނގާފައިވާއިރު އޮކްޓޫބަރު މަހުގެ 23 ވަނަދުވަހުވެސް ވަނީ ތުއްތު ކުއްޖެއް މަރުވެފައެވެ. ކުއްޖާގެ އާއިލާއިން “ސީއެންއެމް“ ބުނީ ތިން މަހުގެ ތުއްތު އިވީލިއާ ވިސާމް ސަމީރަކީ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ކަމަށެވެ. ކުއްޖާ އަކީ 32 ހަފްތާގައި ވިހޭ ޕްރިމެޗުއާ ކުއްޖެއް ކަމުގައި ވިޔަސް ކުއްޖާ އަކީ ބޭރުފުށުން ސިއްހަތު ރަނގަޅުކޮށް އޮތް ކުއްޖެއް ކަމަށާއި ގަވާއިދުން ޑޮކްޓަރަށްވެސް ދައްކަމުންދިޔަ ކަމަށެވެ.

ނަމަވެސް އޭރުވެސް ކުއްޖާގެ ފަރާތުން ފެންނަ ބައެއް ކަންތައްތައް ދަރިފުޅުގެ މަންމަ އާއި ބައްޕަ ޑޮކްޓަރާ ހިއްސާ ކުރަމުން ދިޔަ އިރުވެސް އެއްވެސް ބޮޑު މައްސަލައެއް އުޅޭ ކަމަށް ބުނެފައިނުވާ ކަމަށް އޭނާ ބުނެއެވެ. 

ކުއްޖާއަށް ތިން މަހުގައި މިމަހުގެ 19 ވަނަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ގާތުން ބުއިން ހުއްޓާލުމުންނާއި، އަބަދު ނިދާފައި އޮންނާތީ އާއި، ނޭވާލާން އުނދަގޫވެގެން އުޅޭކަން ބޭރުފުށުން ވެސް ވަރަށް ބޮޑަށް ކުއްޖާގެ މައިން ބަފައިންނަށް ފާހަގަވެގެން ކަމަށް އޭނާ ބުނެއެވެ. 

ހޮސްޕިޓަލަށް ގެންދިޔުމުން ފުރަތަމަ ކުއްޖާއަށް ޑޮކްޓަރު އެޓެންޑުނުވާކަމަށާއި، މެންދުރު ގެންދިޔަގޮތަށް ކުއްޖާ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ކުއްޖާއަށް ދެވުނުގޮތަކަށް ގާތުން ދިނުމަށް ހޮސްޕިޓަލުން ބުނިކަމަށާއި ކުއްޖާގެ މަންމަ އެކި ގޮތްގޮތުން ގާތުން ދެވޭތޯ މަސައްކަތް ކުރި ނަމަވެސް ކުއްޖާ އޯކަށްދެމި އެތެރެއަށް ނުދާތީ އެކަން ކުރެވޭގޮތެއް ނުވިކަމަށް އޭނާ ކިޔައިދިނެވެ.

your imageއައިޖީއެމްއެޗް

"ދެން އެ ހިސާބުން ކެނިއުލާއެއް ޕާސް ނުކުރެވުނު ބޭބީއަކަށް. ނުކުރެވިގެން އެތަނުގައި އަޑުގަދަކޮށްގެން އެރޭ 10:00 ޖަހާކަށް ހާއިރު ޑޮކްޓަރު ކަށިގަނޑު އަޅާފައި ބުނީ އެބަ އިވެޔޭ ބޭބީގެ ހިތުގައި އިތުރު އަޑެއް. ދެން ބުނީ ބޭބީގެ ހިތް އުމުރާއި ބަލާފައި ބޮޑުވެފައޭ އިނީ. މިހެންވެސް ކުރީގައި ބުނެވޭނެ ނޫންތޯ! ސިވިއާ އަށް އެވަރު ވެގެން ދިޔާމަތޯ މިހެން ބުނަން ޖެހޭނީ! ކުރިން ވެސް ދައްކާ ކޮންމެ ފަހަރަކު ބޭބީގެ ޕޭރެންޓުން ބޭބީ ނޭވާލާން އުނދަގޫ ވެގެން އުޅޭ ވާހަކަ ބުނާއިރުވެސް އެކަން އެމީހުންނަށް އިނގެންވާނެ ނޫންތޯ ބަލަން ސްކޭނެއް ކޮށްލައިގެން ނަމަވެސް. އެކަމަކު ކޮންމެ ފަހަރަކު ބުނަނީ މައްސަލައެއް ނެތޭ،" ކުއްޖާގެ އާއިލާއިން ބުނެއެވެ.

އެއްތަނުން ފަރުވާ ނުލިބިގެން އުދުހިފައި ރާއްޖޭގެ ވެެރިކަން ކުރާ ރަށް މާލޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަށް ދަރިފުޅުގެ ބައްޕަ ތިން މަހުގެ ކުއްޖާ ގޮވައިގެން މިދިޔަ މަހުގެ 19 ވަނަ ދުވަހު އައީ ދަރިފުޅަށް ރަނގަޅު ފަރުވާއެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. ފުރަތަމަވެސް ލިބުނު ޖަވާބަކީ “އޭނާ ކައިރީ ބުނޭ ދަރިފުޅު ގޮވައިގެން ގެއަށް ދާށޭ” މިއެވެ. 

އެއަށްފަހު ވެސް ވާނުވާ ނޭނގި ތިން މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން ދެކޮޅަށް ދުވެދުވެ ފަރުވާއަށް އާދޭސްކުރާތާ ތިން ދުވަސްވީއިރުވެސް އެކަށީގެންވާ ފަރުވާއެއް ނުލިބި ބައްޕަގެ ލޯމަތީ ދަރިފުޅު މަރުވެދިޔައީ މިމަހުގެ 23 ވީ ހޮނިހިރު ދުވަހު އެވެ. 

މިފަދަ އިތުރު މަރުގެ ހާދިސާއެއް ގދ. ތިނަދޫގައި ވެސް ހިނގާފައިވެ އެވެ. ހަމަ ތުއްތު ކުއްޖެކެވެ. 

އޮކްޓޫބަރު މަހުގެ 15 ވީ ހުކުރު ދުވަހު ދަރިފުޅު އޮންލައިންކޮށް ގދ.ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކިއިރު ހަމީދު އުމަރުގެ މާބޮޑު ހާސްކަމެއް ނެތެވެ. އެދުވަހު އޭނާ ދަރިފުޅު ޑޮކްޓަރަށް ދެއްކީ ދަރިފުޅުގެ ބޮޑުކަމު ދިއުމުގެ މައްސަލަ އުޅޭތީ އެވެ. އެދުވަހުވެސް ހޮސްޕިޓަލުން ބުނީ ކޮވިޑް ކޭސް ތަކަކަށްވާތީ ހޮސްޕިޓަލަށް ނުދެވޭނެ ކަމަށެވެ. އޮންލައިންކޮށް ޑޮކްޓަރަށް ދައްކަން ޖެހުނީވެސް އެހެން ބުނީތީ އެވެ.

"ޑޮކްޓަރު އެދުވަހު ދިނީ ދެ ބޭހެއް. ދީފައި ބުނީ އިތުރަށް ގޯސް ވަންޏާ އަންގާށޭ. ދެން އެބޭސް ބޭނުން ކުރަމުންދިޔައީ،" ހަމީދު ބުންޏެވެ.

your imageޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ވުމަށް އެންގުނު ކަމަށެވެ. އެކަމަކު ހަމީދު ބުނީ އެހެން ނުބުނާ ކަމަށާއި ކޮވިޑް ފެސިލިޓީގައި ވެސް އެޑްމިޓްވާން ނުބުނާ ކަމަށެވެ.

ހަމީދު ބުނީ ދެން ހޮސްޕިޓަލުން ނެގީ ދަރިފުޅުގެ ބޮޑުކަމުދާ ތަކެތީގެ ސާންޕަލް ކަމަށެވެ. އެކަމަކު ދަރިފުޅު މަރުވެގެން ދިޔައިރު ވެސް އެ ސާންޕަލްގެ ނަތީޖާ ވެސް ނުލިބޭ ކަމަށެވެ. 

އޭގެ ތިން ދުވަސް ފަހުން ދަރިފުޅަށް އޭނާގެ މަންމަ ބުއްދޭން ފެށުމުން މާބޮޑަށް ބޮޑުކަމު ދެވޭތީ ފަތިހު ތިންގަޑިބައި އެހާކަށްހާއިރު އިރު ގުޅާފައި އެމްބިއުލާންސް ފޮނުވައިދޭން އެދުނެވެ. އޭގެ ޖަވާބުގައި ހޮސްޕިޓަލުން އެމްބިއުލާންސް މިފޮނުވަނީ ކަމަށް ބުނެ، އޭގެ ފަސް މިނިޓް ފަހުން އެމްބިއުލާންސްގެ ހަބަރެއް ނުވުމުން އަމިއްލައަށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރިއެވެ. ހޮސްޕިޓަލާއި ގެއާ ކައިރި ވުމުން އެންމެ މިނިޓެއްގެ ތެރޭގައި ހޮސްޕިޓަލަށް ދެވެ އެވެ. 

އެކަމަކު ހޮސްޕިޓަލުން ދިން ޖަވާބަކަށްވީ އެ އާއިލާ އަކީ ކޮވިޑްގެ ކޭސްތަކެއް ކަމަށާއި، ޑޮކްޓަރަށް ދައްކަން ޑޮކްޓަރު އެއްބަސް ނުވާ ކަމަށެވެ. ހަމީދު ބުނީ ކޮވިޑްގެ މުއްދަތު ފަހަނަ އަޅާފައިވާ ކަމަށް އެތައް ފަހަރަކު ތަކުރާރުކޮށް ބުނެފައިވާ ކަމަށާއި އެކަމަކު ހޮސްޕިޓަލުން އެގޮތަށް އެއްބަސް ނުވި ކަމަށެވެ.

"އެމީހުން ބުނީ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔަޔަސް އެމްބިއުލާންސަށް ލާފައި ފޮނުވާނީ ކޮވިޑް ފެސިލިޓީއަށް ކަމަށް. މުއްދަތު ހަމަވެފައިވާނަމަ ލިޔުން އޮންނާނެ ކަމަށް،" ހަމީދު ބުންޏެވެ.

ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވާފައިވަނީ ހުއްޓާ ނުލައި ހަމީދު ގުޅާތާ ދެގަޑިއިރު ފަހުން ހެނދުނު 6:15 ހާއިރު އެވެ. ދެން ދަރިފުޅު ގެންދިޔައީ ކޮވިޑް ފެސިލިޓީ އަށެވެ. ކޮވިޑް ފެސިލިޓީ އާއި ހޮސްޕިޓަލް އެއީ ދެ ސަރަހައްދެއްގައި ހުންނަ ދެ ތަނެކެވެ. ކޮވިޑް ފެސިލިޓީގައި ފަރުވާއެއް ނުލިބި ދަރިފުޅު ބާއްވައިގެން ހަމީދު ހުރީ އެވެ. އެތާނގައި ތިބީ ދެ ނަރުހެކެވެ. އެ ދެ ނަރުހުންނަށް އެ ކުއްޖާއަށް ވަމުންދިޔަ ގޮތް ފެނެ އެވެ. އެމީހުން ހޮސްޕިޓަލަށް ހުއްޓާނުލައި ގުޅަމުންގެންދިޔައީ އެހެން ވެގެންނެވެ. އެކަމަކުވެސް ހޮސްޕިޓަލުން އެއްވެސް ޑޮކްޓަރަކު އެތަނަށް ގޮސްފައި ނުވާ ކަމަށް ހަމީދު ބުނެ އެވެ. 

ކޮވިޑް ފެސިލިޓީއަށް ގެންގޮސް ފަރުވާއެއް ނުދީ ދޮޅުގަޑިއިރު ވަންދެން ބޭއްވި އެވެ. ދަރިފުޅުގެ ވިންދު ހުއްޓުނީވެސް ދަރިފުޅު މަރުވީވެސް ހަމީދުގެ ކުރިމަތީގަ އެވެ. ޑޮކްޓަރަކު އެޓެންޑް ނުވެ އެވެ.

މިއީ ވޭތުވި މަހެއް ހާދުވަހުގެ ތެރޭ ހިނގާފައިވާ މަރުގެ ބައެއް ހާދިސާތަކެވެ. ކޮންމެ ހާދިސާއެއްގައި ވެސް ޑޮކްޓަރުން އައުން ލަސްވެފައިވާ ކަމަށް އާއިލާތަކުން ބުނެ އެވެ. ހުރިހާ އާއިލާތަކުންނެވެ. ދެން އޮތީ ހެލްތު މިނިސްޓްރީގެ ވާހަކަ އެވެ. މި މަރުތަކާ ގުޅިގެން މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ޑޮކްޓަރުންގެ ދަތިކަން ހުރިކަމަށް ހެލްތު މިނިސްޓްރީން އެއްބަސް ވެއެވެ. އެހެން ކަމަށްވާ ނަމަ މިވަގުތު ތިބި ޑޮކްޓަރުންގެ މަސައްކަތު ލޯޑު ބޮޑުވާނެ އެވެ. ޕްރެޝަރު ވެސް ބޮޑުވާނެ އެވެ.

މިނިސްޓްރީން ދަނީ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދީގެން ކުރަމުންނެވެ. އެހެންނަމަވެސް ދަތިތަކެއް ހުރިކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޑޮކްޓަރުން ލިބުމުގައި ދަތިކަން ހުރި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މުސާރައިގެ މައްސަލަ އާއި، ކޮވިޑްގައި ޗުއްޓީ ނުނަގާ ތިބި ޑޮކްޓަރުންނަށް ޗުއްޓީ ދޭން ޖެހުމާއި، ކައިރި ގައުމުތަކުން ޑޮކްޓަރުން ހޯދަން އުނދަގޫވުން ހިމެނޭ ކަމަށެވެ. 

"ކޮވިޑް ހާލަތުގައި ވަރަށް ގިނަ ޑޮކްޓަރުން ޗުއްޓީ ނުނަގައި މަސައްކަތް ކުރެއްވީ. ދެން ޗުއްޓީ ނުދީވެސް ނުހިފެހެއްޓޭނެ. ނުދީފިއްޔާ ވަޒީފާ ދޫކޮށްފައި ދަނީ. އެހެންވީމަ ޑޮކްޓަރުންގެ ދަތިކަން ވަރަށްބޮޑަށް އެބަހުރި،" އާދިލް ވިދާޅުވި އެވެ.

your imageސްޓޭޓް މިނިސްޓަރު އާދިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ:އަވަސް

ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމަށެވެ. އެ ގޮތުން މިހާރު ކިއުބާ ސަރުކާރުގެ އެހީތެރިކަމާއެކު މިނިސްޓަރު އިސްވެ ހުންނަވައިގެން އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި މިހާރު މިއޮތް ތާށިކަމަށް ހައްލެއް ގެނައުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ ޑޮކްޓަރުން ގެނައުމާއި ޑޮކްޓަރުންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުނެެ އެވެ.

“މިހާރު މިއޮތް ޝޯޓްފޯލް (ބޭނުންވާ ވަރަށް ޑޮކްޓަރުން ނެތުން) ހައްލުކުރަން އެންމެ އިސްކަމެއް ދެނީ. އޭގެ އިތުރުން މުސާރައިގެ ކަންކަމުގައި ވެސް ސަރުކާރުން މިހާރު ދަނީ މަސައްކަތްކުރަމުން،" އާދިލް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އައި ގޮންޖެހުން ތަކާއެކު ހުރި ހުރަސްތައް ގިނަ އެވެ. ލިބުނު ގެއްލުންތައް ވެސް ގިނަ އެވެ. މަރުތައް ވެސް ގިނަ އެވެ. ކަންކަން ފުށުއެރުމާއި، ތަރުތީބު ގެއްލުން ވެސް ގިނަ އެވެ. އެކަމަކު މިހާރު އެކަންކަން ހަމައަކަށް އެޅުވުމަކީ މުހިއްމު ކަމެކެވެ. ސަރުކާރުން ބުނަނީ އެމަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެމްބިއުލާންސް ލަސްވުމާއި، ސިއްހީ ދާއިރާގެ އެހެނިހެން މައްސަލަތައް ވެސް ކޮންމެ ދުވަހަކުހެން އަންނަނީ ފެންނަމުންނެވެ. ބޭނުންވަނީ އެކަންކަން ހައްލު ވުމެވެ. މަރަކަށްފަހު މަރެއް އިހުމާލުގެ ސަބަބުން ފެނުމެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް