މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޗާޕު ޖަހައިގެން ދިވެހި ރުފިޔާ ނެރުމަށް މަޖިލީހުން ހުއްދަދިނެވެ. އޭރު އެ ހުއްދަދިނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީން އެދިގެންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ހާމަކުރައްވާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ވެސް ޕަބްލިކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ވަރަށް ބޮޑަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށެވެ.
"ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާ އެކު 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ވެސް ޕަބްްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ." އަމީރު ފޮނުވި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ވެކްސިން ޖަހަން ފެށުމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އެކަށީގެންވާ ބަދަލުތަކެއް އަންނަން ފެށި ނަމަވެސް ދުނިޔެ ކޮވިޑުން މިންޖު ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
އެހެން ކަމުން ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގެ އޯވާޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖްކުރުމާއި ދައުލަތުގެ ބަޖެޓު ތަންފީޒު ކުރުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެ ސިޓީގައި އަމީރު ބަޔާން ކޮށްފައި ވެއެވެ.
އެހެންކަމުން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ (ހ)، (ރ) އަދި (ބ)އަށް ދީފައިވާ އިސްތިސްނާ އޭޕްރީލް 2023އާ ހަމައަށް ދަންމާލަން އެ ސިޓީގައި އަމީރު ވަނީ އެދިލައްވާފައެވެ.
ޕަބްލިކް ބޭންކުން ވަކި ލިމިޓެއް ނެތި ޗާޕު ޖެހުން އެއީ 2013 ގެ ކުރިން ކޮންމެ ވެރި ކަމެއްގައި ވެސް ކުރަމުން އައި ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް އޭގެފަހުން ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރުން ފެށިގެން ޗާޕު ޖަހައިގެން ސަރުކާރު ހަރަދު ހަމަޖެއްސުން ހުއްޓި، އަދި ސަރުކާރުން އެމްއެމްއޭއަށް އަނބުރާ ފައިސާ ދައްކަން ފަށިއެވެ.
ޕަބްލިކް ބޭންކު އެކައުންޓް އޯވާ ޑްރޯކުރަން އަނެއްކާވެސް ފަށާފައިމިވަނީ ކޮވިޑާއި ގުޅިގެން އައި އިގްސާދީ އަޑިގަނޑާއި އެކުއެވެ.