ފައިސާ ޗާޕު ކުރުމަށް ދީފައިވާ މުއްދަތު އެއް އަހަރަށް އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވި ސިޓީ އަށް ބަހުސް ކުރައްވަމުން، ފައިސާ ޗާޕު ކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ބަޖެޓް މެނޭޖްކުރަން އުނދަގޫވާނަމަ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް ދައުލަތުގެ ރިކަރެންޓް ކުޑަ ކުރުން މުހިއްމު ކަމަށެވެ.
އިތުރަށް ވިދާޅުވީ، ފައިސާ ޗާޕު ކުރުމަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ފައިސާ ޗާޕު ކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެ މައްދަތު އިތުރުކޮށްފި ނަމަ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ ދިވެހި ފައިސާގެ އަގު ބޮޑުތަނުން ދަށްވާނެ ކަމަށެވެ. އޭގެ އިތުރުން އިންފްލޭޝަން ވެސް މައްޗަށް ދާނެ ކަމަށާއި އެކަމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް ކުރިމަތިވާނީ ހަމަ އާންމު ރައްޔިތުންނަށް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވަނީ މިނިސްޓަރު އަމީރު ފޮނުއްވި ސިޓީ އަށް ތާއިދު ނުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރުކޮށްފި ނަމަ ދިމާވެދާނެ ދަތިތަކާއި ގެއްލުންތަކުގެ ވާހަކަ ދައްކަވާފައެވެ.
މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަމީރު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ޕަބްލިކް ބޭންކު އެކައުންޓު އޯވާ ޑްރޯ ކުރަން މިހާރު ދީފައިވާ މުއްދަތު އެއް އަހަރަށް އިތުރު ކޮށްދިނުމަށެވެ.
ކޮވިޑްގެ ސަބަބުން ދަތިތައް ހުރިކަން ފާހަގަކުރައްވާ 2023 ވަނަ އަހަރުގެ ނިޔަލަށް އެ މުއްދަތު ދިގު ދައްމާލަން އެދިފައިވާ އިރު މިއީ އެ މުއްދަތު އިތުރު ކުރުމަށް އެދުނު ތިން ވަނަ ފަހަރެވެ.