ads
އަފްރާޝީމް އަލީ، ޔާމީން ރަޝީދު އަދި އަހްމަދު ރިލްވާން: ގޮތްނޭނގޭ މަރުތަކެއް
މަރުތަކަށް ހަމަ އިންސާފު ލިބެން ނެތީތޯ؟
މިކުޑަ ކުޑަ ރާއްޖޭގައި މީހުން މެރުންވަނީ އާންމު ކަމަކަށް ވެފައެވެ. އެއްވެސް މަރަކަށް އިންސާފު ނުލިބުމަކީ މިއަދު އަޅުގަނޑުމެން ލަދު ގަންނަންޖެހޭ ކަމެކެވެ. ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި މަރުތަކުގެ އިންސާފު ނުލިބި ލަސްވުމަކީ ކޮންމެ ދިވެއްސެއްގެވެސް އޮތް ކަންބޮޑުވުމެކެވެ. ކޮންމެ ސަރުކާރަކުންވެސް އިންސާފު ގާއިމްކުރާނެ ކަމަށް ވައުދުވެ ވަޑައިގަނެއެވެ. މި ވައުދު ފުއްދޭ ދުވަހެއް އެއްވެސް ސަރުކާރަކަށް ނާދެއެވެ.

2013 ވަނަ އަހަރު ސެޕްޓޭމްބަރު މަހުގެ 20 ވަނަ ދުވަހުގެ އިރު އެރީ ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ ހަބަރު މުޅި ރާއްޖޭގައި ގުގުމާލަމުންނެވެ. ސޯޝަލް މީޑިއާ ހޫނުވެގެން ދިޔައީ މިމަރަށް އިންސާފު ނުލިބި ލަސްވެގެންދާތީ އެވެ. މިމަރަށް 9 އަހަރުވެފައިވާއިރު އަދިވެސް އިންސާފުގެ ކޮޅެއް ފެނިފައެއް ނުވެއެވެ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ އޭނާ ދިރިއުޅުއްވި ގޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. ރަހުމު ކުޑަގޮތަކަށް މަރާލެވިފައިވާ އަފްރާޝީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދެ މީހެއްގެ މައްޗައް ދައުވާ އުފުލާފައިވާއިރު ދައުވާ ސާބިތުވީ ހުސައިން ހުމާމުގެ މައްޗައް އެކަންޏެވެ. އިންސާފު ނުލިބި 9 އަހަރު ވެގެންދިއުމަކީ އާއިލާއަށް ދެވޭ ބޮޑު ހިތްދަތިކަމެއްކަން ޔަގީނެވެ. މިވެސް ހަމަ ހަރުކަށި ފިކުރުގެ ސަބަބުން މަރާލެއުނު ފުރާނައެއްތޯއެވެ؟ ނޫނީ ބައެއްގެ ސިޔާސީ ބޭނުންތަކެއް ފުއްދަން މަރާލެވުނު ފުރާނައެއްތޯއެވެ؟

ދެން މުޅި ރާއްޖެ ސިއްސުވާލި އެއް ހަބަރަކީ މީގެ 8 އަހަރު ކުރިން ވަގަށްނަގައި ގެއްލުވާލި އަހްމަދު ރިލުވާނުގެ ހަބަރެވެ. މިއަދާ ހަމައަށްވެސް މިކަމުގެ ހަގީގަތެއް އެނގިފައެއް ނުވެއެވެ. ރިލުވާނުގެ މަންމަ ރޮއެ އާދޭސް ކުރަމުންދަނީ ދަރިފުޅު ދުނިޔޭގަ ހުރިއްޔާ ހުރިކަން އަންގަދޭށޭ ބުނަމުންނެވެ.  ރިލުވާން ކޮބައިކަމެއް ދުނިޔޭގަ ހުރިކަމެއްވެސް އެންމެ ކުޑަމިނުން އެނގޭކަށް ނެތެވެ. މީގެ ހަގީގަތް އޮޅުވާލަން ސިޔާސީބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދާ ކަމީ ކޮންމެ ދިވެއްސަކަށްވެސް އެނގޭނޭ ކަމެއް ކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ. 

ރިލުވާން ގެއްލުވާލިކަމަށް ތުހުމަތުކުރާ އާލިފް ރައޫފްއަކީ ޑރ އަފްރާޝީމް އަލީގެ މަރުގެ ތުހުމަތު ކުރި އަޒްލިފް ރައޫފްގެ ކޮއްކޮއެވެ. އޮގަސްޓް 8، 2014 ގައި ރިލުވާން ވަގަށް ނަގައިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ކުޑަހެންވޭރު ގުރޫޕައް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން  އެރުވި ރަތް ކާރުގެ ވެރިޔާއެވެ. މިކަމުގެ ހަގީގަތް އަދި ލޮލުން ފެނިފައިވާ ބަޔަކުވާނޭކަން ހަމަ ޔަގީނެވެ. 

ރިލްވާނަކީ މިނިވަން ނޫހުގެ ނޫސްވެރިއެކެވެ. ރިލްވާނުގެ މަރަށް އިންސާފު ހޯދައިދިނުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ، ބްލޮގާ  އަދި ރިލްވާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ ޔާމީން ރަޝީދުގެ މަރުގެ ހަބަރުން މުޅި ރާއްޖެ ހޫނުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ރަހުމު ކުޑަ ގޮތަކަށް މަރާލެވިފައިވާ ބްލޮގާ ޔާމީން ރަޝީދުގެ މަރަށް މިހާރު ހަތަރު އަހަރު ވެފައި ވާއިރު މިމައްސަލައަށްވެސް އޮތީ އިންސާފު ނުލިބިއެވެ. ޔާމީން ރަޝީދު ދިރިއުޅުނު ގެއަށް ވަންނަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ވަރަށްވެސް ރަހުމު ކުޑަކޮށެވެ. 

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން މާރާލީ އޭޕްރިލް، 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގެ ސިޑި ކައިރީގައި އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ އެވެ. ޔާމީންގެ ކަރާ މޭގެ އިތުރުން ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާއިރު، އޭނާގެ މޭގެ އެކި ތަނަކަށް 14 ފަހަރު ވަޅި ހަރާފައިވެއެވެ. ޔާމީނަށް ދިން މި ޒަހަމްތަކަށް ފަރުވާ ދެނިކޮށް އޭނާ މަރުވެފައިވަނީ އެރޭ 3:40 ހާއިރުއެވެ. ފުލުހުންނާއި މަރު ކޮމިޝަނުން ބުނާ ގޮތުގައި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ. މިކަމަށްވެސް އޮތީ އިންސާފު ނުލިބިއެވެ.

އިންސާފު ނުލިބި މިހެން އެތަކެއް މަރުތަކެއް އެބަހުއްޓެވެ. ރައީސް ނަޝީދަށް އަމާޒުކޮށްގެންދިން ހަމަލާގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ބާރު މިނަށް މިކަންކަމުގެ ތަހުގީގު ކުރިއަށް ނުދަނީ ކީއްވެގެންތޯ؟ ނިކަމެތި ރައްޔިތަކަށް ވީމަތޯ؟ މިކަންކަމަށް އިންސާފު ނުލިބި އޮތީ ކީއްވެގެންތޯ ނާހާ ދިވެއްސަކު މަދުވާނެއެވެ. ދެންވެސް ހަމަ މިކަންކަން ކުރާކަށް އެބަޔަކު ފަހެއް ނުޖޭނެއެވެ. ގާތިލުން ދިފާއުކުރާ އެބަޔަކަށް ހިތްވަރުދޭ ބަޔަކު ރާއްޖޭގައި ތިބޭ ކަމީ އަޅުގަނޑުމެން މިއަދު ބިރުވެތިވާންވީ ކަމެކެވެ. ދެން ހަމަލާ ދޭނީ އަހަރެންނަށް ނޫންކަމެއްވެސް ނޭންގެއެވެ. ކޮންމެ މަރަކާ އެކު ސޯޝަލް މީޑިއާ ހޫނުވެ ދުވަސް ވާ ވަރަކުން ދަނީ އެކަންކަން ހިނދެމުންނެވެ. ކީއްވެގެން ހެއްޔެވެ؟ ރާއްޖޭގައި މަރުތަކަށް ހަމަ އިންސާފު ލިބެން ނެތީ ހެއްޔެވެ؟      

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް