"ދެކެ ދެނެ ތިބެ ދަންނާށެވެ!
ހިޖުރައިން 1372 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައި ދިވެހި ރައްޔިތުންގެ އާންމު ރައުޔާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނީ ހަމަތަކުން ގަސްތުކޮށްފައި ވަނީ ފުރަތަމަ ރައީސަކު ކަމުގައި އަޅުގަނޑު މުޙައްމަދު އަމީން އަޙުމަދުލް ހުރަވީ ހުރެގެން ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރައިލުމެވެ.
ދެންފަހެ ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރައިލާނޭ ދުވަހަކީ މިއަދު ކަމުގައި އަޅުގަނޑު ކަނޑައަޅައިފީމެވެ.
އަޅުގަނޑު މި އަމުރު ކުރަނީ މިއަދުން ފެށިގެން ދިވެހި ރަސްކަމަކީ ޖުމްހޫރިއްޔަތެކެވެ."
އެތައް ސަތޭކަ އަހަރެއް ވާންދެން ރާއްޖޭގައި ހިންގަމުން އައި ރަސްކަން ހަމަ ކުއްލިއަކަށް ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ ރަސްކަމުގެ ކޮއިލުގެ ތެރޭގައި އުޅުއްވަމުން ގެންދެވި ބޭބޭފުޅުންގެ ތެރޭގައި އޮތް ކޯޅުމެވެ. ރަސްކަމަށް އިސްކުރާނޭ މަގުބޫލު ރަސްމަތިފުށުގެ ގާބިލު ބޭފުޅަކު ނެތުމެވެ. ބަނޑަށް ޖެހި ދަރައި ވިކިފައިވާ ގައުމު ހަމަމަގަށް ގެންދެވޭނޭ ވަރުގެ ރަސްކަލަކު ނެތުމެވެ. ދައުލަތުގެ އެންމެ އިސް މަގާމުތައް އަދާކުރައްވަމުން ގެންދެވި މުޙައްމަދު އަމީން ރަސްކަމަށް އިސްކުރައްވަން އުޅުއްވުމުން އެ މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތުމަށް ބޭނުންފުޅު ނުވުމެވެ. އެމަނިކުފާނު ޖުމްހޫރީ ރައީސަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވެ ވަޑައިގަތުމެވެ. ރަސްކަމުގެ އާރާއި ބާރަށްވުރެ ޖުމުހޫރީ ވެރިކަމުން އިތުރު ބާރުތައް ހޯއްދެވުމަށް މުޙައްމަދު އަމީނު ބޭނުންފުޅު ވެވަޑައިގަތުމެވެ. ނަތީޖާއަކަށްވީ "ދިވެހި ރަސްކަމަކީ ޖުމްހޫރިއްޔަތެއް" ކަމަށް ވެގެން ދިއުމެވެ.
ގާނޫނީ ހަމަތަކުގެ މަތީން ރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ 1 ޖެނުއަރީ 1953 އިން ފެށިގެން ރައީސް މުޙައްމަދު އަމީންގެ ޒަޢާމަތުގައި ހިންގަން ފެށި ޖުމްހޫރީ ވެރިކަން އެންމެ ހަތް މަހާއި 26 ދުވަސް ފަހުން ބަޣާވާތަކުން ނިމުމަކަށް ގެނައެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ނައިބު ރައީސް ވެލަނާގޭ އިބްރާހީމް މުޙައްމަދު ދީދީ އެވެ. ފަހަތްޕުޅުގައި ތިއްބެވީ ރަސްކަމުގެ ފޮނިމީރާއި ލައްޒަތު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނާއި އެބޭފުޅުންނަށް ބައިއަތު ހިއްޕަވައިގެން ތިއްބެވި ނުފޫޒުގަދަ "ރުއް ގިނަ" ބޭފުޅުންނެވެ. ރައީސް މުޙައްމަދު އަމީނުގެ "ޚުދު މުޚުތާރު ޖުމްހޫރިއްޔަތާ" ދެކޮޅު ބޭފުޅުންނެވެ.
ފުރަތަމަ ޖުމްހޫރިއްޔާއަށް ފަހު ރާއްޖޭގައި އަނެއްކާވެސް ފެށުނީ ރަސްކަމެކެވެ. ރަސްކަމަށް އިސްކުރެވުނީ މުޙައްމަދު ފަރީދު ދީދީ އެވެ. ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ.
ބޮޑު ވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ވެރިކަމުގެތެރޭގައި އުފެދުނު ސިޔާސީ ކޯޅުން ތަކާ ގުޅިގެން އެމަނިކުފާނު ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން ބޮޑު ވަޒީރުކަމަށް އިސްކުރެވުނީ ވެލާނާގޭ އިބްރާހީމް ނާސިރެވެ.
ނާސިރަކީ ބަސްމަދު ޒުވާން ބޭފުޅަކަށްވިޔަސް ވަރަށް ވިސްނުން ތޫނު ހިންގުންތެރި ބޭފުޅެކެވެ.
ނާސިރު ބޮޑު ވަޒީރުކަމުގައި ހޭދަކުރެއްވި 11 އަހަރުގައި އެމަނިކުފާނަށް އެނގިވަޑައިގަތީ އަދި ތަޖުރިބާ ކުރެއްވުނީ މުޙައްމަދު ފަރީދު ރަސްކަމުގައި ބަހައްޓަވައިގެން ނާސިރު ބޭނުންފުޅުވާ ގޮތަށް ބޭނުންފުޅުވާ އަވަސް މިނެއްގައި ގައުމާއިގެން ކުރިއަށް ވަޑައި ނުގެންނެވޭނޭ ކަމެވެ. ގައުމަށް ބޭނުންވާ ތަރައްގީ ނުގެންނެވޭނޭ ކަމެވެ. އެހެންވެ ފުރަތަމަ ޖުމްހޫރީ ރައީސް މުޙައްމަދު އަމީނެކޭ އެއްގޮތަށް ބޮޑު ވަޒީރު ނާސިރު ވެސް ބޭނުންފުޅުވީ ރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރެއްވުމަށެވެ. ރަސްގެފާނު އެކަމާ ފާޅުގައި ދެކޮޅެއް ނަހައްދަވައެވެ. ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ އެއްބާރުލުން ވެސް ބޮޑު ވަޒީރު ނާސިރަށް ލިބިވަޑައިގަތެވެ.
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރުމަށް ބޮޑުވަޒީރު އިބްރާހީމް ނާސިރު ވެސް ބޭނުންފުޅުވި މައިގަނޑު ބޭނުމަކީ ވެރިކަމުގެ ހުރިހާ ބާރެއް ހޯއްދެވުމެވެ. ހުރިހާ ބާރެއް ނާސިރުގެ އަތްޕުޅަށް ނެންގެވުމެވެ.
ރާއްޖެއަށް ޖުމްހޫރީ ވެރިކަން ގެނެވުނީ ވެރިންގެ އަތްޕުޅަށް ބާރު ޖަމާ ކުރެއްވުމުގެ ބޭނުމުގައެވެ. ރައްޔިތުންނަށް ބާރު ހޯދައި ދިނުމަކަށް ނޫނެވެ. ރައްޔިތުން ބާރު ވެރިކުރުވުމަކަށް ވެސް ނޫނެވެ. ނަމަވެސް އެކި ދުވަސްވަރު ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކުގެ ނަތީޖާއަކަށްވެފައި ވަނީ ރާއްޖޭގެ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމަކަށްވުމެވެ.
"ރާއްޖޭގައި ހިނގަމުން އައި ރަސްކަން ޖުމްހޫރީ ވެރިކަމަށް ބަދަލުވާން ދިމާވި ގޮތް" ބަޔާން ކުރައްވައި މަޝްހޫރު ތާރީޚީ ލިއުއްވުންތެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީ ލިއުއްވާފައި ވެއެވެ.
"އެހިސާބަށް އައި އިރު ރާއްޖޭގައި ތިބި ޒުވާނުންގެ ތެރެއިން ބައެއްގެ ހިތުގައި ރާއްޖޭގެ ވެރިކަން ހަމަޖެހިފައި އޮންނާންވީ ގޮތާމެދު ތަފާތު ޚިޔާލުތައް އުފެދޭން ފަށައިފިއެވެ. އަދި މި ޚިޔާލުތަކަށް އަޑެއް ގެނެސް ދެއްވުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ނިންމެވުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކުނެވެ. އަދި އެ މަޖިލީހުން ނިންމެވީ އެކަމާމެދު ރައްޔިތުންގެ އާއްމު ވޯޓެއް ނަންގަވާށެވެ. އެ ވޯޓުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ފާސްވީ ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރާށެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރުމަށް ހެދުނު ޤާނޫނުތައް ތަޞްދީޤް ކުރެއްވީ ވެސް ކީރިތި މަހާރަދުން މުޙައްމަދު ފަރީދެވެ. ރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމަކަށް ބަދަލުވީ ވަގުތުން ފެށިގެން އެ ރަދުންގެ ރަސްކަން ނިމުނީއެވެ."
އިބްރާހީމް ނާސިރު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގެ ހުވާ ކުރެއްވީ 11 ނޮބެމްބަރ 1968ގައެވެ. ރައީސް ނާސިރު ދެ ދައުރު ރައީސްކަން ކުރެއްވިއެވެ. އެ މަނިކުފާނު ބޮޑު ވަޒީރެއްގެ ގޮތުގައި ހޭދަ ކުރެއްވި 11 އަހަރާއި ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހޭދަ ކުރެއްވި 10 އަހަރު ގައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރެއްވިއެވެ.
ނާސިރު 10 އަހަރު ދުވަސްވާނދެން ރާއްޖޭގެ ރައީސްކަން ކުރެއްވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވީ ހަށިކޮޅު ބަރުހެލިވެވަޑައިގަތުމާއެކު އިތުރު ގޮންޖެހުންތަކާ ކުރިމަތި ނުލެއްވުމުގެ ގޮތުންނެވެ. އަދި ވެރިކަމަށް ދަހިވެތިވެ ތިއްބަވައިގެން ގައުމުގައި ފިތުނަ އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންނާ ކުރިމަތި ނުލެއްވުމަށެވެ. ގައުމު އިތުރަށް ތަރައްގީ ކުރުމަށް އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 53 އަހަރު ފުރިފައިވާ އިރު ޖުމްހޫރީ ވެރިކަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދު އިސްވެ ހުންންވައިގެން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި ރައީސް ނަޝީދު ރާއްޖޭގެ ޖުމްހޫރީ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވަން ބޭނުންފުޅުވެގެން އުޅުއްވަނީ ޖުމްހޫރީ ނިޒާމެއްގައި ރައްޔިތުންގެ ވޯޓަކުން އެމަނިކުފާނަށް ގައުމުގެ ވެރިކަން ކުރިއަށް އޮތްތާނގައި ލިބިވަޑައި ނުގަންނަވާނެތީ މަޖިލީހުގެ މެންބަރުންގެ ތާއިދާއެކު ވެރިކަމަށް ވަޑައިގަތުގެ "ކަނި" އުއްމީދެއް އޮތުމުގެ ސަބަބުންނެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ ގާނޫނު އަސާސީގައި ވަނީ "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަން ކުރާ ދިމިޤްރާޠީ ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ."
ރާއްޖޭގައި ބަރުލަމާނީ ވެރިކަމެއް ގާއިމުކުރުމަށް ފާޅުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު ބަރުލަމާނީއަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ރާއްޖޭގެ "އެންމެ ބާރުގަދަ މީހާ" އަށް ވެވަޑައިގަތުމަށެވެ. އެކަމަކު އެފަދަ ފުރުސަތެއް ރައީސް ނަޝީދަށް އަރުވަން ދިވެހިރައްޔިތުން ބޭނުން ވާކަމުގެ އަލާމާތެއް ރާއްޖެއަކުން ނުފެނެއެވެ.
ރައްޔިތުންނަށް އާރާއި ބާރު ލިބިދޭ ދިވެހި ޖުމްހޫރިއްޔާ ގަތުލުކޮށް ކަފުންކޮށް ވަޅުލުމަށްފަހު ބަރުލަމާނީ ވެރިކަމެއް ރާއްޖޭގައި ގާއިމުކޮށް، ދިރުވަން ރައްޔިތުން ފޫގަޅައި މަސައްކަތް ކުރަންވީ ކީއްވެގެން ހެއްޔެވެ؟
ޖުމްހޫރިއްޔަތުގައި ރައްޔިތުންނަށް ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ހައްގު އޮވެއެވެ. ރައްޔިތުން ބޭނުން މީހަކަށް ވޯޓުދީގެން ވެރިކަމަށް ހޮވުމުގެ ބާރު ރައްޔިތުންނަށް އޮވެއެވެ. ރާއްޖޭގެ ޖުމްހޫރީ ވެރިކަން ދަނީ އިތުރަށް ފައްކާވެ ފުރިހަމަ ވަމުންނެވެ. ބަރުލަމާނީއަކީ ރައްޔިތުންގެ ބާރު ކުޑަ ރައްޔިތުންނާ ދުރު ރައްޔިތުންނަށް ބުރަ އަދި ބަރު ވެރިކަމެކެވެ.
މައްސަލައަކީ ޖުމްހޫރިއްޔަތެއްނޫނެވެ. މައްސަލައަކަށް ވެގެން އުޅެނީ ޖުމްހޫރީ ވެރިކަމަށް އިސްކުރެވޭ މީހުންގެ ލަޔާޤަތާއި ޤާބިލިއްޔަތާއި ސިޔާސަތެވެ.
ދިވެހިން ޖުމްހޫރިއްޔަތަށް އާއެކޭ ބުނަމުން ދަނީ ގައުމުގައި ބަރުލަމާނީއެއް ރަސްކަމެއް ބާއްވަން ބޭނުން ނުވާތީއެވެ.
ދިވެހިރާއްޖެއަށް ގެންނަންވީ ޖުމުހޫރިއްޔަތުގެ މަތިވެރި އާދަތަކާއި އުސޫލުތަކެވެ. ދިވެހިރާއްޖޭގައި ޖެހެނީ ޖުމްހޫރިއްޔަތުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށް ޖުމްހޫރިއްޔަތުގެ މަންފާއައި ފައިދާ ރައްޔިތުންނަށް އެންމެ މޮޅަށް ލިބޭނޭގޮތް ހަދައިދޭށެވެ.
މިއީ ރާއްޖޭގެ ޖުމްހޫރީ ވެރިކަން ބަރުބާދުކޮށް ނައްތާލާކަށް ޖެހޭ ދަނޑިވަޅެއް ނޫނެވެ. ރާއްޖޭގެ ޖުމްހޫރީ ނިޒާމުގައި މައްސަލައެއް އުޅޭނަމަ ޖެހެނީ އެ މައްސަލައެއް ހައްލުކޮށް އިސްލާހުކޮށް ރައްޔިތުންނަށް ޖުމްހޫރިއްޔަތުގެ ފޮނި މީރުކަން އިތުރަށް ހޯދައިދޭށެވެ.
ދިވެހި ރަސްކަމަކީ މިހާރު ޖުމްހޫރިއްޔަތެކެވެ. އަމިއްލަ އެދުމުގެ މާބަނޑުން އުފަންވި ޖުމްހޫރިއްޔަތުން ރައްޔިތުންނަށް ކުރަމުން ދަނީ ފައިދާއެވެ.