ސިއްހީ މަރުކަޒުން ބުނާ ގޮތުގައި ފެށިގެން ދިޔަ ލެބޯޓަރީގެ ޚިދުމަތާއިއެކު އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެއެވެ.
މިހުޅުވުނު ލެބޯތަރީގައި ޖުމްލަ 57 ޓެސްޓެއް ހެދޭނެއެވެ.
މިގޮތުން މިވަގުތު ހެދެން ހުރި ޓެސްޓުތަކަށް ބަލާއިރު، ލޭގެ 11 ޓެސްޓް، ހަކުރު ބަލީގެ 3 ޓެސްޓް، ކިޑްނީގެ ތަޙްލީލުގެ 4 ޓެސްޓް، ޗިސްމޭ ތަޙްލީލުގެ 6 ޓެސްޓް، ހިތުގެ ތަޙްލީލުގެ 4 ޓެސްޓް، ކަށީގެ ތަޙް ުލީލގެ 1 ޓެސްޓް، އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަޙްލީލުގެ 4 ޓެސްޓް، ކުޑަކަމުދާ ތަކެތީގެ ތަހްލީލުގެ 11 ޓެސްޓް، ބޮޑުކަމުދާ ތަކެތީގެ ތަޙްލީލުގެ 3 ޓެސްޓް، ދިފާއީ ނިޒާމު އަދި ލޭގައި ހިމެނޭ ސިރަމްގެ 8 ޓެސްޓުގެ އިތުރުން ޕްރެގްނެންސީ 2 ޓެސްޓް ހިމެނެއެވެ.
މީގެއިތުރުން، މި ފެށޭ ޑިސެންބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ޚިދުމަތް ވެސް ފެށިގެންދާނެއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަޙްމަދު އާދިލް މިހަފްލާ އިފްތިތާހް ކޮށްދެއްވަމުން ވިދާޅުވީ، ސަރުކާޒުގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ ސިއްހީ ހިދުމަތް ސަރަހައްދީ ފެންވަރެއްގައި ތަރައްގީކޮށް ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުން ކަމަށެވެ.މިގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީ ކުރެވިގެންދާ މަންޒަރަކީ މިކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. އޭނާގެ ވާހަކައިގައި، މިފަދަ ޚިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަ ފާހަގަކުރައްވާ، ކުރިޔަށް އޮތްތާ މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ކޮވިޑުގެ ދަތި އިގްތިސާދީ ޙާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނުގެ ހިކްމަތު ޢަމަލީ ބޭނުންކުރައްވާ ޤައުމު އާރާސްތު ކުރުމުން މި ދާއިރާއަށް ކުރެއްވި ހޭދަ އަކީ ތަޢުރީފް ހައްގު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު ދާއޫދު، މި ޚިދުމަތް މިއަދު ފެށުމުގައި ހިއްސާވި ފަރާތްތަކަށް ޝުކުރު ދަންނަވަމުން، ވިދާޅުވި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން ނޮޅިވަރަންފަރު ރައްޔިތުންގެ ޖީބަށް ލުއިވެ، ދަތުރު ކުރުމުގައި ކުރިމަތިވާ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައި ވެސް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެއްކަމަކީ، ބަލިވެގެން ނުވަތަ އެނޫން ޚިދުމަތެއް ހޯދަން އަންނަ ފަރާތެއްކަމުގައި ވިޔަސް، އޯގާތެރި ހިތްހެޔޮ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެއިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށް ހިދުމަތްތެރީންނަށް އިލްތިމާސް ކުރެއްވިއެވެ.