ads
އޭޖީ ރިއްފަތު-- ފޮޓޯ: ސަން
ކަނޑު ބައިކުރުމުގެ މައްސަލައިގައި ޖަވާބުދީފި
ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބައި ކުރުމުގެ މައްސަލާގައި ދިވެހި ސަަރުކާރުގެ ފަރާތުން މިއަދު ޖަވާބު ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ  ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެއް ކަމަށެވެ. 

މޯރިޝަސް އިން  އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ހުށަހެޅި މައްސަލައިގައި އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު 28 ޖެނުއަރީ 2021 ގައި ޓްރައިބިއުނަލުން ނިންމާފައިވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތްކަމަށް އިނގިރޭސި ވިލާތުން ބުނަމުން ގެންދިޔަ ނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށެވެ.

ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން 25 މޭ 2021 ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދިވެހިރާއްޖެއިން މިއަދު ޖަވާބު ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވި، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށެވެ.

އެގޮތުން، މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައެއް ކަން ފާހަގަކޮށް އޭޖީ އޮފީހުން ބުނީ، މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ މައުލޫއީ ގޮތުން ބަލައި، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ  ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ. ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެންނެވެ. އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްގުތައް ލިބިގެން ދިއުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

 މި މައްސަލައިގެ އަޑުއެހުން ދެން ބާއްވާނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް