އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުން ކުރަމުންދިޔަ އަލިފާން ނިއްވާ ފުޅިތަކެއް މުއްދަތު ހަމަވެފައި ހުންނަތާ މިހާރު އަހަރަކަށް ވުރެއް ގިނަ ދުވަސް ވެއްޖެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުއްދަތު ހަމަވި އެ ފުޅިތަކުގެ ވާހަކަ ހިއްސާކުރަމުން އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ، މުއްދަތު ހަމަވި އަލިފާން ނިއްވާ ފުޅިތައް މިހާރު އިންސްޕެކްޓް ކުރެވިފައިވާ ކަމަށެވެ.
އިތުރަށް ބުނީ، މާލިއްޔަތު ގާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަައް ކޮށް، ފުޅިތައް އާ ކުރުމަށް ކަމާ ގުޅުން ހުރި ފަރާތަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗްގައި މުއްދަތު ހަމަވެފައި ހުރި އަލިފާން ނިއްވާ ފުޅިތައް އާ ކުރުން މިހާ ލަސްވެގެންދަނީ ކީއްވެތޯ ސީއެންއެމް އިން ސުވާލު ކުރުމުން އެ ސުވާލުގެ ޖަވާބު އަދި ލިބިފައެއް ނުވެއެވެ.
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރެވޭ މިފަދަ އާލާތްތައް މުއްދަތު ހަމަ ވުމުން ވެސް އަޅާ ނުލާ ދޫކޮށްލުމުގެ ސަބަބުން ބޮޑެތި ހިތާމަ ވެރި ހާދިސާތައް ހިނގާފައި ހުރިކަން ފާހަގަކޮށްލެވެއެވެ.