ޖޯން އާއި ދިވްޔާ ކޯޝްލާ ލީޑު ރޯލު ކުޅެފައިވާ އެ ފިލްމު ރިލީޒްކުރީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ފިލްމު މިހާރު ވަނީ އޮންލައިން ޕްލެޓްފޯމް ތަކުގައި ވެސް ލީކުކޮށްލާފައެވެ.
ބޮލީވުޑް ގިނަ ފިލްމުތައް ލީކުކޮށްލާ ތަމިލް ރޮކާސް އިން "ސަތިޔަމޭވް ޖަޔަތޭ 2" ރިލީޒްކޮށްލި އިރު މިހާރު އެނޫންވެސް ސައިޓް ތަކުގައި މި ފިލްމުގެ ކޮޕީ ލިބެން ހުރި ކަމަށް ހަބަރުތައް ބުނެއެވެ.
މީގެ އިތުރުން މި ފިލްމަށް ހީކުރި ވަރުގެ އާމްދަނީ އެއް ނުލިބޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެގޮތުން ފިލްމު ރިލީޒްކުރިތާ ދެ ދުވަސް ވީއިރު 1.85 ކްރޯޑު ލިބުނު އިރު އެއީ އެ ފިލްމަށް ލިބެން ޖެހޭ ވަރު ނޫން ކަމަށް ފިލްމީ ކްރިޓިކުން އަންނަނީ ބުނަމުންނެވެ.
މިލަފް ޒަވޭރޯ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ނުހިނގާ ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރަނީ އެ ފިލްމު ރިލީޒް ކުރި ދުވަހު ސަލްމާން ހާންގެ "އަންތިމް" ވެސް ރިލީޒް ކުރުމެވެ.
ތިން އަހަރު ފަހުން ސީކުއެލް އެއްގެ ގޮތުގައި ގެނެސްދިން މި ފިލްމަކީ ކޮރަޕްޝަނާ ދެކޮޅަށް ފުލުހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.