ads
ސީޕީ މަގާމުން މުނާޒު ވަކިކޮށް، އެ މަގާމަށް އަހުމަދު މުހައްމަދު
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒު ވަކިކޮށް، އެ މަގާމަށް އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމުގައި ހުންނެވި، އަހުމަދު މުހައްމަދު ފުޅު ހަމަޖައްސަވައިފިއެވެ.

މި ބަދަލު ގެނެސްފައިމިވަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މުނާޒް ގެންގުޅުއްވާ ސްޓްރެޓަޖީއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. 

މި މަހު މާފުށީ ޖަލުގެ ރިމާންޑު ގޮޅިތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބައެއް ގައިދީންނާއި ޖަލުގެ އޮފިސަރުން ވަނީ އަނިޔާ ވެސް ވެފައެވެ. 

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ކުރަން އޮތް އެންމެ މުހިއްމު އެއް ކަމަކީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ވަނީ މިމަހު ވިދާޅުވެފައެވެ.

ސީއެންއެމް ޓީވީގެ އިތުރުކާފް ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މުހުތާޒު ވިދާޅުވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރުމުގެ ކުރިން މުނާޒަކީ ދަންނަ މީހެއް ނޫން ކަމަށެވެ. އެހެންކަމުން މުނާޒު އިސްތިއުފާ ދެއްވުމަށް އެދިވަޑައިގަންނަވަނީ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށާއި މުނާޒު އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވަނީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންނަވަނީ ސާފުކޮށް އަޅުގަނޑު ދެކޭ ގޮތުގައި މުނާޒު ދުރަށް ޖެހިވަޑައިގަންނަވަން އެބަޖެހޭ މިހާރު. ދެން އެ ނޫން ގޮތަކަށް އެކަމެއް ރަނގަޅެއް ނުކުރެވޭނެ. ރަނގަޅުކުރުމުގެ ނިޔަތް އޮތް ނަމަ އެއް އަހަރުގެ ތެރޭގައި ރަނގަޅުވީސް،" މުނާޒަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވި އެެވެ.

މުހުތާޒު ވިދާޅުވީ ޖަލުގައި އެންމެ ފަހުން ހިނގާދިޔަ ހަމަނުޖެހުންތައް ބޮޑު މައްސަލައަކަށް ވެގެން ދިޔައީ މުނާޒުގެ އަމުރަށް އޮފިސަރުންތަކެއް ގޮޅިއަކަށް ވައްދާ ހިންގި އަމަލުތަކެއްގެ ސަބަބުން ކަމަށެވެ. ޖަލުގެ ގޮޅިއަކަށް ވަނުމަށް އޮފިސަރުންތަކަކަށް މުނާޒު އަމުރުކުރެއްވީ އެކަން ކުރަން އޮންނަ އުސޫލުން ނޫން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ޖަލުތަކާ ގުޅޭ ތަމްރީން އޭނާ ހޯއްދަވާފައި ނުވި ނަމަވެސް ޖަލުގައި ގޯސްކޮށް ކަމެއް ކުރުމުން އެއީ ގޯސްކަމެއް ކަން އެނގިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުހުތާޒު ވިދާޅުވީ ޖަލުގައި އެންމެ ފަހުން ހިނގާ ދިޔަ ހަމަނުޖެހުންތައް ދިފާއުކޮށް މުނާޒު އަމަލުކުރެއްވި ގޮތުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހްމަދު މުހައްމަދުފުޅާއި، އެޗްއާރްސީއެމްގެ ބޭފުޅުންނާއި، ޕޮލިސްގެ ބޭފުޅުން މިހާރު ތިއްބެވީ މުނާޒާ ގުޅުން ގޯސްވެފައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލުގައި ގިނަ ދުވަސްތަކަކު ހޭދަކުރައްވާފައިވާ މުހުތާޒު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުގެ ރަނގަޅު ސިޔާސަތެއް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ޖަލުތައް ހިންގަން ތިބީ މުނާޒުގެ އިތުރުން ކުރިންވެސް ޖަލުތަކުގައި ގޯސްތައް ހެއްދެވި ބޭފުޅުން ކަމަށްވާތީ ޖަލުތަކުގެ ހާލަތު ސަރުކާރުން ބޭނުންވާ ގޮތަށް އިސްލާހުކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް މިސަރުކާރުން ހެދި އޮޑިޓް ރިޕޯޓްގައި އެތައް ކަމެއް ރަނގަޅުކުރަން ބުނެފައި ހުރިއިރު އެކަންކަން ރަނގަޅުކުރުމަށް ކަރެކްޝަންސް އިން އެއްބާރުލުންދޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަންވެސް މުހުތާޒު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުނާޒު ހިމެނޭ ގޮތަށް ޖަލުތަކުގެ އިސްވެރިން ދުރުކޮށް އެތަންތަނަށް ރަނގަޅު މީހުން ހަމަޖައްސަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބުނެފައި ހުންނަ ކަންކަމަށް ޗެލެންޖު ކުރައްވާ، އެކަމާ ދެކޮޅު ހައްދަވާ ކަމަށް ވަންޏާ ދެން އެކަމެއް ނުކުރެވޭނެ. ސަރުކާރުން މައިގަނޑު ގޮތެއްގައި ސިޔާސަތުތަކެއް އެކުލަވާލުމަށްފަހު ދެން އެ ސިޔާސަތުތަކެއް ތަންފީޒުކުރައްވާށޭ ދެންނެވީމާ ދެން އެ ތަންފީޒު ކުރައްވަންޖެހޭނެ. ތަންފީޒު ނުކުރާ ކަމަށްވަންޏާ ސަރުކާރުންވެސް އަޅުގަނޑު ދެކޭ ގޮތުގައި އެބަޖެހޭ ފިޔަވަޅުތަކެއް އަޅުއްވަން. އެއީ މުނާޒު މަގާމުން ވަކިކުރައްވައިގެން ވިޔަސް، މާފުށި ޖަލުގެ ޑިރެކްޓަ އޮފް ޕްރިޒަންސް މަގާމުން ވަކިކުރައްވައިގެން ވިޔަސް، ނޫނީ ޑެޕިއުޓީ ކޮމިޝަނާ މަގާމުން ވަކިކުރައްވައިގެން ވިޔަސް. އަޅުގަނޑު މިދެންނެވީ ހުސްވެރިން. ދެން ވެރިންގެ ލެވަލްގައި ކޮން ވެރިއެއްގަތޯ މައްސަލަ ހުރީ. ގާނޫނު ބުނާ ގޮތުން ޖަލުތައް ހިންގުމުގެ އެންމެ އިސްވެރިންނަކީ ޖަލުގެ ޑިރެކްޓާ އޮފް ޕްރިޒަންސް. އެމީހުން އިރުޝާދު ނަގަން މިޖެހެނީ ކޮމިޝަނާ ކައިރިން،" މުހުތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފިނަމަ ޖަލުތަކުގެ ހާލަތު މާބޮޑަށް ގޯސްވެ، ވަގުތު ފާއިތުވެދާނެ ކަމަށެވެ. ޖަލުތަކުގެ ހާލަތު ބެލުމުގައި ހޯމް މިނިސްޓްރީއާއި، އެމިނިސްޓްރީގެ ވެރިންގެ ދައުރެއް ވެސް އޮންނާނެ ކަން ފާހަގަކުރައްވަމުން މުހުތާޒު ވިދާޅުވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ ނުފޫޒުގެ ސަބަބުން ހޯމް މިނިސްޓްރީގެ ވެރިންނަށްވެސް ޖަލުތަކުގެ ހާލަތު ބެލުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނަކަށްވެސް ކަރެކްޝަނަލް ސާވިސް އަށް އެކްސަސްއެއް ނުލިބޭ. އެހެންވީމާ އެއީ އެތަނުގެ [ކަރެކްޝަންސްގެ] ހާލަތު ހުރި ލެވަލް. ދެން މުނާޒުގެ ބާރުވެރިކަން ކިހިނެއްތޯ ހުރީ މި ކޮން ސަބަބަކާ ހުރެތޯ އެހެން އެވަނީ އެކަމަށް ޖަވާބުދާރީވާން އެބަޖެހޭ ހޯމް މިނިސްޓްރީން. ހޯމް މިނިސްޓްރީން ކޮންމެވެސް އެއްޗެއް ދަންނަވަން އެބަޖެހޭ މިކަމުގައި ކިހިނެއްވެގެންތޯ މިހާ ޖަލުގެ ކަންކަން ހަލަބޮލިވެގެން މިދަނީ،" މުހުތާޒު ވިދާޅުވި އެވެ.

މުހުތާޒު އިތުރަށް ވިދާޅުވީ ޖަލުތަކުގެ ހާލަތު ގޯސްކޮށް އޮތް އިރު އެކަމުގައި ސިޔާސީ ބޭފުޅުން ވާހަކަދެއްކެވުން ވަރަށް ބޮޑަށް މަދުވެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީގައި މިހާރު ތިއްބެވި ބޭފުޅުންނަށް ޖަލުގެ ހާލަތު ގޯސްކޮށް އޮތް ކަމަށް ބުނެ ވާހަކަ ނުދެއްކެވޭނެ ކަަމަށާއި ސަބަބަކީ ޖަލުގެ ހާލަތު މިހާރު މިއޮތް ހިސާބަށް އައީ އެބޭފުޅުން ވެރިކަން ކުރިއިރު ކަންކަން ކުރެއްވި ގޮތުން ކަަމަށްވާތީ ކަމަށްވެސް ވިދާޅުވި އެެވެ. ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް އޭނާއަށް ކުރެއްވިދާނެ ކަންކަމުގައި އެހީތެރިކަމަށް އެދެފިނަމަ ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ޖަލުގެ ހާލަތު ރަނގަޅު ކުރަންދެން ޖަލުގެ ވާހަކަ ދެއްކެވުމުގައި ދެމިހުންނަވާނެ ކަމުގައިވެސް މުހުތާޒު ވަނީ ވިދާޅުވެފަ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް