ads
ޕޮލިޓެކްނިކްގެ ކޯހެއްގައި ބައިވެރިން
މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
2022 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް މޯލްޑިވްސް ޕޮލިޓެކްނިކުން އިޢުލާންކޮށްފައިވާ ބައެއް ކޯސްތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައި އޮތީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތު މިހާރުވަނީ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ، ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އިތުރު ފަރާތްތަކުން ފާޅުކުރަމުންގެންދަވާތީ އާއި ވީހާވެސް ގިނަ ބަޔަކަށް ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައިކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ބުނެއެވެ.

ޖަނަވަރީ އިންޓޭކަށް އެޕްލައިކުރުމަށް ޕޮލިޓެކްނިކުން ހުޅުވާލި ކޯސްތަކުގެ ތެރޭގައި އޮޓޮމޯޓިވް އެންޖިނިއަރިންގ، މެރިން އެންޖިނިއަރިންގ، ސިވިލް އެންޖިނިއަރިންގ، އާކިޓެކްޗަރ، ބިލްޑިންގ ކޮންސްޓްރަކްޝަން، މެޝިނިންގ، ވެލްޑިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، އައި.ޓީ، ކާޕެންޓްރީ އަދި ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާގެ ކޯސްތައް ހިމެނެއެވެ.

ޕޮލިޓެކްނިކުން ހުޅުވާލާފައިވާ 40 ކޯހުގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ ފެންވަރުގެ 7 ކޯހަކާއި، އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ސެޓްފިކެޓް ލެވެލް ތިނެއްގެ 16 ކޯހަކާއި، ސެޓްފިކެޓް ލެވެލް 1 ގެ 1 ކޯހާއި ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ 7 ކޯހެކެވެ.

މީގެ ތެރެއިން ބައެއް ކޯސްތައް ހުޅުވާލާފައިވަނީ ޕޮލިޓެކްނިކްގެ ގދ. ގައްދޫ ކެމްޕަހާއި ގއ. ވިލިނގިލި ކެމްޕަސް އަދި އައްޑޫ ސިޓީ ކެމްޕަހަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯސްތަކެކެވެ. މިކޯސްތަކުގައި ބައިވެރިވުމަށް ދަރިވަރުން ކޯސްފީ ދައްކާކަށް ނުޖެހޭނެއެވެ.  

ޤައުމީ ތަރައްޤީއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުންގެންދާ މޯލްޑިވްސް ޕޮލިޓެކްނިކުން ގެންދަނީ، ސިނާޢީ އެކިއެކި ދާއިރާތަކަށް ބޭނުންވާ އިތުރު ކޯސްތައް ފަރުމާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކޯސްތަކުގެ ކިޔަވައިދިނުމުގެ ކަނަކަންއިތުރަށް ތަރައްޤީ ކުރަމުންނެވެ.

ސްކޫލް ނިންމާ ދަރިވަރުންނަށާއި އެކި އެކި ވޮކޭޝަނަލް ދާއިރާތަކުގެ ވަޒީފާތަކަށް ބޭނުންވާ ހުނަރު އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޕޮލިޓެކްނިކުން ހިންގާ ގިނަ ކޯސްތަކަކީ ސްޓެމް ދާއިރާތަކުގެ ކޯސްތަކެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ އެކިއެކި ކޯސްތައްވެސް ޕޮލިޓެކްނިކުން ދަނީ ހިންގަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ކޯސްތަކާ ބެހޭ މަޢުލޫމާތު އެ މަރުކަޒުގެ ވެބްސައިޓުންނާއި  (www.polytechnic.edu.mv) ސޯޝަލް ނެޓްވަރކް ޕޭޖްތަކުން ލިބޭނެއެވެ. ޕޮލިޓެކްނިކްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ޕޮލިޓެކްނިކަށް ޒިޔާރަތް ކޮށް ކޯސްތަކަށް އެޕްލައިކުރުމުގެ ފޯމު ފުރިހަމަކުރައްވައިގެންވެސް ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައިވެރިވެވޭނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް