ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ސީއެންއެމް އަށް ވިދާޅުވީ އެރަށުތެރޭގައި ރޭ ފިހާރައެއް ފަޅާލާފައިވާ ކަމުގެ ހަބަރު ފެތުރިފައިވާ ކަމަށާއި އެހެންނަމަވެސް އެކަންކުރީ އަމާންވެށީގައި އުޅޭ ކުދީން ކަމަށް ބުނަން ނުކެރޭނެ ކަމަށެވެ.
"އަމާންވެށި" އަކީ ކުރީން މާލެ ސިޓީ ވިލިނގިލީގައި ތިބި ކުދީންގެ ތެރެއިން ވިއްސަކަށް ކުދީން ބަލަހައްޓަމުން ގެންދާ ތަނެކެވެ.
ދިއްދޫ ކައުންސިލުން ބުނީ އަމާން ވެށީގައި އުޅޭ ކުދީން ހަވީރުކޮޅު ނުކުމެ އުޅޭކަމަށެވެ. އެހެންނަމަވެސް ފުލުހުންވެސް އެކަމަކީ އެކުދީން ކުރިކަމެއްކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ.
ކުޑަކުދީން ބަލަހައްޓާ ސެންޓަރުތަކަުގައި ދޭތެރެދޭތެރެއިން ތަފާތު ހާދިސާތައް ހިނގައެވެ.
އެގޮތުން ވޭތުވި ސެޕްޓެމްބަރު 17 ވަނަދުވަހުގެ ރޭ ފިޔަވަތީގައި ކުދިންތަކެއް ފުރާޅަށް އަރައި ހަމަ ނުޖެހުންތަކެއް ވަނީ ހިންގާފައެވެ. ފިޔަވަތީގައި މައްސަލަތައް ގިނަވެ އެރޭ އެ އިމާރާތުގައި ވަނީ ރޯވެސް ކޮށްލާފައެވެ.
އެތާނގައި އަލިފާން ރޯކޮށްލައިފައިވަނީ، ބައެއް ކުދިން ބޭރަށް ނުކުމެ ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުންނެވެ.
އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފަ އެވެ. އަދި އެކަން ސިފައިންގެ ފަޔާ އެންޑް ރެސްކިޔު އަށް ރިޕޯޓް ކޮށްފައި ވާތީ، ފަޔާ ޓްރަކެއް ވަގުތުން އެތަނަށް ވަނީ ގޮސްފައެވެ. އޭގެ ކުރިން ދެ ފަހަރެއްގެ މަތިން އެތަން ވަނީ ރޯކޮށްލާފައެވެ.
އެރޭ ހައެއްކަ ކުދިން ފިޔަވަތީގެ ފުރާޅުމައްޗަށް އެރިއެވެ. އޭގެ ތެރޭގައި ވަރަށް ހަގު އުމުރުގެ ކުދިން ވެސް ހިމެނެ އެވެ.
އެތަނުގައި ތިބި ކުދިންތަކަކަށް އަނިޔާ ކުރި މައްސަލައެއް ވެސް ފެތުރުނެވެ. އެކަމަކު ފިޔަވަތީގައި ތިބި ކުޑަކުދިންނަށް އެތަނުގެ މުވައްޒިފުން އަނިޔާކުރި ކަމެއް ބުނެ ފެންމަތިވެފައިވާ ވާހަކަތައް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ވަނީ ދޮގުކޮށްފަ އެވެ.
އެހާދިސާއާ ގުޅިގެން ފިޔަވަތީގައި ތިބޭ ކުދީންނަށް ފުރާޅަށް ނޭރޭ ގޮތަށް އިމާރާތަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.