ads
މާލޭ ސިޓީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަދި ގާނޫނީ ވަކީލު ނިޝާން އިބްރާހީމް- ފޮޓޯ: ސީއެންއެމް
މާލޭ ސިޓީ ކައުންސިލުން ގާނޫނުގެ ރަތް ރޮނގު ހުރަސްކޮށްފި، ނިންމުން ގޯސް: ނިޝާން
މާލޭ ސިޓީ ކައުންސިލުން، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްފައިވާ ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ރަޖިސްޓްރީ ބާތިލުކޮށް ކައުންސިލުގެ ބާރުގެ ދަށަށް ގެންދިޔަ ގެންދިޔުމަކީ ގާނޫނުގެ ރަތް ރޮނގު ހުރަސްކުރުން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅު ވެއްޖެއެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ނިޝާން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުން ގާނޫނީ އުސޫލުތަކާއިވެސް ތައާރަޒުވާކަމާއި، އެކަން ތައާރަޒުވަނީ އެންމެ ގާނޫނަކާއި ނޫން ކަމަށެވެ. އެގޮތުން ދިވެހި ޖުމްޖޫރިއްޔާގެ ގާނޫން އަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުއާމަލާތް ކުރުމުގެ ހައްގު ކޮންމެ ރަށްޔިތަކަށް ލިބިގެންވާކަމަށް ބަޔާންވެގެންވާކަމަށާއި، އެ މާއްދާގެ (ށ) ގައި، މީސްތަކުންގެ މުދަލަކީ ނިއުޅައި ގަނެވިގެންވާނޭ ތަކެއްޗެއް ނޫންކަމަށް އޮންނަ ކަމަށް ނިޝާން ވިދާޅުވިއެވެ.

ނިޝާން އިތުރަށް ވިދާޅުވީ، އެމާއްދާގައި އާންމުވެގެންވާ މަންފާއަކަށްޓަކައި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށާއި، މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށް ފަހުގައި ކަމަށް ބަޔާންވެގެންވާ ކަމަށެވެ. 

ގާނޫނު އަސާސީގައި މިހާ ސާފުކޮށް މިކަން ބަޔާންކޮށްފައި ނިންމާލީ ނޫންކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެގާނޫންގެ ފަހަތުން ވުޖޫދުކުރެވިފައިވާ ވަޟުއީ ގާނޫނުތަކުގައި ވެސް މިކަން އިތުރަށް ތިލަކޮށްދީފައިވާ ކަމަށެވެ.  

" އެގޮތުން ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) އިން ވެސް އަދި އެގާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގެ ފަހަތުން ގެނެވިފައިވާ މާއްދާތަކުން ވެސް ބިންބިމާއި އިމާރާތްތައް ގާނޫނީ މިލްކުވެރިކަން ބަދަލުކުރުމަށް އިޖުރާއަތުތަކެއް ވަނީ ކަނޑައަޅާފައި،" ނިޝާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންގެންވާ މަފްހޫމަށް ބަލާއިރު އެ އެމާއްދާގައި ބަޔާންވެގެންވަނީ، އެގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީން އާންމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން އޮންނާނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީން އެތަންތަން މިލްކުވެގެންވާ ފަރާތްތަށްކަމަށެވެ.

ބަޔާންވެގެންވާ ގާނޫނަކީ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަށް ވަނަ އިސްލާހުކަން ފާހަގަކުރައްވަމުން ނިޝާން ވިދާޅުވީ، އެގާނޫނަށް އަމަލުކުރަން ފެށިއިރު ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 އޮންނަނީ އެޗްޑީސީގެ ތަނެއްގެގޮތުގައި ރަޖިސްޓްރީވެފައި ކަމަށާއި، އެހެންކަމުން މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން އެބިންތަކުގެ މައްޗަށް ތަސައްފަރު ކުރުމުގެ ގާނޫނީ އިހުތިޔާރު ލިބިގެން ނުވާކަމަށެވެ. 

ނިޝާން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ސިޔާސީ ސަބަބުތަކާއި ހުރެ އެ ނިންމުން ނިންމިކަމުގައި ވިޔަސް އެކަންކުރުމަށް އެބޭފުޅުން ބޭނުންވީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ބޭނުމުގައި ހުޅުމާލޭ ފޭސް 2 އަށް އެއްވުމަށްކަމާއި، އެކަން އެގޮތަށް ނިންމި ކަމުގައިވިޔަސް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހުއްދަ ކުރިން ހޯދުމަކާއި ނުލާ އެތަނަށް އެއްވުން އެ ގާނޫނު ވެސް ހުއްދަ ނުކުރާ ކަމަށެވެ. 

ހުޅުމާލެ މައްސަލާގައި ކައުންސިލަށް ގާނޫނީ އެތައް ގޯހެއް ހެދިފައި އެބައޮތްކަމަށާއި އެހެންކަމުން ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލަށް ދަމާދީފައިވާ ރަތް ރޮނގު ހުރަސްކޮށް ފަހަނައެޅީކަމުގައި ވަކީލު ނިޝާން ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް ދެން މިކަމުގައި ހައްލު ހޯދުމަށް އަމަލުކުރަންޖެހޭ އިޖުރާއަތަކީ ޝަރުއީ މަރުހަލާކަމަށާއި، އެޗްޑީސީއަށް އެކުންފުނީގެ ހައްގު ހޯދުމަށް ޝަރީއަތަށް ދިޔުމުގެ އިހުތިޔާރު އޮންނާނެކަމަށާއި، އެކަން އެގޮތަށް ކުރުމަށް ނިޝާން ގޮވާލެއްވިއެވެ. 

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް