
ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ބޭރުކުރުމުން އެކަމާ ހިތްހަމަ ނުޖެހި ޕީޕީއެމާ ފެޔަށް ޖެހި އަދި ފަހުން އަނެއްކާ ކޮޅު ބަދަލުކޮށް ޔާމީންއާ އެކު މަސައްކަތް ކުރަމުން އަންނަ އަހްމަދު ތޯރިގުވަނީ ހުކުރު ދުވަހުގެ ރޭ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ތޯރިގުގެ ފާޑު ކިޔުން އަމާޒުވި އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާއެވެ. އަދި އޭގެ އިތުރުން އިންޑިޔާއަށް ވެސް ތޯރިގު ފާޑު ކިޔެއެވެ. މީގެ އިތުރުން ދެން ތޯރިގުގެ ފާޑު ކިޔުންތައް އަމާޒުވީ ޖޭއެސްސީގެ ކޮމްޕޮސިޝަނާ ގުޅޭ ގޮތުންނާއި ތިނެއް ނޮވެންބަރު ނަވާރަ ސަތޭކަ އަށްޑިހަ އަށެއްގެ އުދުވާނީ ހާދިސާއާ ގުޅޭ ގޮތުންނެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކީ ތޯރިގަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހަތަރެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަތަރު ފަހަރެއްގެ މަތިން ޖުމްލަ ހަތަރެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ އަހްމަދު ތޯރިގަށް ލިބިފައިވެއެވެ.
އެއީ އެންމެ ފުރަތަމަ ކެމްޕެއިނަށް ޔާމީން އަތްޕުޅުން ލިބުނު އެއް މިލިއަން ރުފިޔާއާ، ރައީސް ޔާމީން ވިދާޅުވެގެން އަދީބު ދެއްވި ދެ ލައްކަ ރުފިޔާއާ، ދެހާސް ފަނަރަވަނަ އަހަރުގ ދެ ފަހަރެއްގެ މަތިން އޮއިއްޓޭ މެދުވެރިކޮށް ލިބުނު ބައި މިލިއަން ރުފިޔާއަދި ވެސްޓް ޕާކު ކައިރީ ހުރި ގެއަކަށް ގެންގޮސް ކަޅު ކޮތަޅެއްގައި ލިބުނު ތިން މިލިއަން ރުފިޔާއެވެ.
މީގެ ތެރެއިން ބައެއް އަދަދުތަކީ މީގެ ކުރިން ލީކުވެފައިވާ އަދީބުގެ ބަޔާންތަކާއި އަދި ފޯން މެސެޖުތަކުން އަދި މަޖިލީހުން އާއްމު ކުރި ރިޕޯޓުން ހާމަވެފައިވާ މައުލޫމާތެވެ.