ads
ވެލާ ރިސޯޓުގެ އަހަރީ ދުވަހާއި ގުޅުވައިގެން އަމިއްލަ ތިން ޖަމިއްޔާއަކަށް އެހީދިނުން
ވެލާގެ ފަސްވަނަ އަހަރީ ދުވަސް: ތިން ޖަމިއްޔާއަކަށް ދެލައްކަ ރުފިޔާއަށް ވުރެ ބޮޑު އެހީއެއް!
ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ފަސްވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ތިން އަމިއްލަ ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާއަށް ވުރެ ބޮޑު ފައިސާގެ އެހީއެއް ދީފި އެވެ.
Advertisement

ސީ ހައުސްގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވެލާ ރިސޯޓުގެ ފަރާތުން ފައިސާގެ ހަދިޔާދީފައި ވަނީ މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އާއި މޯލްޑިވްސް ކެންސާ ސޮސައިޓީގެ އިތުރުން ކެއާ ސޮސައިޓީ އަށެވެ.

އެގޮތުން ވެލާގެ ފަރާތުން މިއިން ކޮންމެ ޖަމިއްޔާއަކަށް ވެސް 250000 [ދެ ލައްކަ ފަންސާސް ހާސް] ރުފިޔާ ހަދިޔާކޮށްފައިވާއިރު އެރިސޯޓުގެ ފަރާތުން މި ހަދިޔާ، ތިން ޖަމިއްޔާއާ ވެސް ހަވާލުކޮށްދެއްވީ ޖެނަރަލް މެނޭޖަރު މައިކަލް ސްމެޖޭ އެވެ.

މިރަސްމިއްޔާތަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ވެލާ ރިސޯޓުން ބުނި ގޮތުގައި މި އެހީ އެ ޖަމިއްޔާތަކަށް ދޭން ނިންމީ މުޖުތަމައަށް އެންމެ އަގު ހުރި މަސައްކަތްކޮށްދޭ ޖަމިއްޔާތަކުގެ ގޮތުގައި އެ ތިން ޖަމިއްޔާ ފާހަގަކުރެވުމުންނެވެ. 

މީގެއިތުރުން ކުރިއަށް އޮތްތަނުގައި ވެސް މުޖުތަމައަށް ފައިދާކުރަނިވި މަސައްކަތްތައް ކޮށްދޭ މިފަދަ ޖަމިއްޔާތަކަށް އެހީތެރިވުމުގައި ދެމިތިބޭނެކަން ފާހަގަކުރަމުން އެ ރިސޯޓުން ވަނީ އެފަދަ ކަންކަމުގައި ރާއްޖޭގެ އެހެން ރިސޯޓުތަކުން ވެސް ބައިވެރިވުމަށް އެދިފަ އެވެ. 

ވެލާ ރިސޯޓުން މި ދިން އެހީތެރިކަމާ ގުޅިގެން ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑައިރެކްޓަރު އައިމިނަތު ނައުޝާން އަބްދުލް މުހައިމިން ވިދާޅުވީ މިގޮތަށް ދޭ އެހީތަކާއެކު ވަރަށް ރަނގަޅު ނަތީޖާއެއް ފެނިގެންދާ ކަމަށެވެ. އެގޮތުން އެ ޖަމިއްޔާގެ މިދިޔަ އަހަރުގެ ކާމިޔާބެއްގެ ގޮތުގައި ނައުޝާން ފާހަގަކުރެއްވީ ޖޮބް ޓްރައިނިން ޕްރޮގްރާމު ނިންމާއި ކެއާގެ ކުއްޖަކު އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި އެތަނުގައި މަސައްކަތް ކުރަމުންދާ ކަމެވެ. 

މީގެއިތުރަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭންޖެހޭ ތެރަޕީތައް ދިނުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ނައުޝާން ވިދާޅުވީ އެންސްޕާއާ ގުޅިގެން އެފަދަ ކުދިންނަށް ހިލޭ ތެރެޕީ ހޯދައިދިނުމަށް މިހާރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. 

"މިގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަން ލިބިގެންދާނަމަ އަޅުގަނޑުމެން ކަހަލަ އެންޖީއޯޒުން އިންކަމް ޖެނަރޭޓިން މޯޑެއް ނުހަދާ ހަމަ ކޮމިއުނިޓީ ސާވިސްގަ އިންވޯލްވެގެން އުޅޭ އެންޖީއޯޒްއަށް މަސައްކަތްތައް ވަރަށް ބާރަށް އަދި ހަމަ ވަރަށް ސަސްޓައިނަބަލް ގޮތެއްގަ ކުރެވޭނެ،" ނައުޝާން ވިދާޅުވި އެވެ. 

ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ފާތިމަތު ޖީހާން ސަލީމް ވިދާޅުވީ މިދިޔަ އަހަރު މިގޮތަށް ލިބުނު ފައިސާ އިން ވާނީ ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް ކޮންފަރެންސެއް ބާއްވާފައި ކަމަށެވެ. އެގޮތުން އެ ކޮންފަރެންސަކީ ތެލެސީމިއާ ބައްޔާއި އެ ބައްޔަށް އޮތް ފަރުވާތަކާއި ގުޅިގެން ބަލި ތަހައްމަލުކުރާ ފަރާތްތައް އަހުލުވެރި ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ކޮންފަރެންސެއް ކަން ވެސް ފާހަގަކުރައްވަ އެވެ. 

މީގެއިތުރުން ތެލެސީމިއާ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް ވެސް އެފައިސާ ބޭނުންކޮށްފައިވާނެކަން ފާހަގަކުރައްވަމުން ޖީހާން ވިދާޅުވީ ވެލާގެ ފަރާތުން މިއަހަރު ލިބިގެންދިޔަ މި އެހީއަކީ ވެސް އެފަދަ ކަންކަން ކުރުމަށް ލިބިގެންދާނެ ބޮޑު އެހީއެއް ކަމަށެވެ. 

ޖީހާން އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރުގެ އެހީއިން އެންމެ ބޮޑު އިސްކަމެއްދޭނީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިވުމަށެވެ.

ކެންސާ ސޮސައިޓީގެ ފައުންޑަރެެއް ކަމުގައިވާ ހުސައިން ރަޝީދު ވިދާޅުވީ މިދިޔަ އަހަރު ލިބުނު އެހީގައި ރާއްޖޭގެ އަށް އަތޮޅެއްގައި ކެންސާ ސްކްރީން ޕްރޮގްރާމު ހިންގާފައިވާނެ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމު މެދުވެރިކޮށް 10000 މީހުން ސްކްރީންކޮށްފައި ވާނެކަން ފާހަގަކުރައްވާ ހުސައިން ރަޝީދު ވިދާޅުވީ އޭރު ކުރިއަށް ގެންދިޔައީ ބްރެސްޓް ކެންސަރަށް ސްކްރީން ކުރުން ނަމަވެސް މިފަހަރު އޯރަލް ކެންސަރާއި ސަވައިކަލް ކެންސަރަށް ސްކްރީން ކުރުން ކުރިއަށްދާނެ ކަމަށެވެ.

ހުސައިން ރަޝީދު އިތުރަށް ވިދާޅުވީ މިއަހަރު ވެލާއިން މި ދޭ އެހީ މެދުވެރިކޮށް މުޅި ރާއްޖޭގައި މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް