ކިނޮޅަހު ކައުންސިލުގެ ރައީސް އަހްމަދު ހުސައިން މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އިއްޔެ އަސުރުއްސުރެ އަދިވެސް އެރަށަށް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ.
އެގޮތުން އުދަ އަރައި ވަރަށް ބޮޑަށް ބަނދަރަށް ގެއްލުންތައް ވެފައިވާކަން ފާހަގަކުރައްވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ ކަނޑުފައި ކައްޓާއި ނެރު ފައިކަށިވެސް ވެއްޓިފައިވާ ކަމަށެވެ. އަދި ނެރު ތެރެއަށް ހިލަތައް ފައިބައިފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ މިވަގުތު ނެރުން ވަދެ ނިކުތުން ރައްކާތެރި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މީއިތުރުން އޭނާ ވިދާޅުވީ ކުރިން ނުގިރާ ވަރަށް ރަށުގެ އެކި ސަރަހައްދުތަކުން މިހާރު ރަށްވެސް ވަރަށް ބޮޑަށް ގިރާފައިވާ ކަމަށެވެ.
"ވަރަށް ބޮޑަށް އުދައަރަމުންދަނީ. ރޭގަ ވެސް އޮޑިދޯނިތަކުގެ މީހުން ނުނިދަ އޭގަ ތިބި. އަދި ދޯންޏަކަށް އެއްޗަކަށް ގެއްލުމެއް ނުލިބޭ. އެކަމަކު ބަނދަރު އޮތީ ހަލާކުވެފައި،" ކިނޮޅަހު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އިނގުރައިދޫގެ ހާލަތާއި ގުޅިގެން އެރަށު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ހަސަން ވިދާޅުވީ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބަނދަރު ސަރަހައްދުން އުދަ އަރަން ފެށީ ރޭ 8:00 ޖަހަނިކޮށް ކަމަށެވެ. އަދިވެސް އެރަށަށް އުދައަރަމުން އަންނަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އުދައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރަށުގެ ބަނދަރަށް ކަމަށެވެ.
އެގޮތުން ވިދާޅުވީ ބަނދަރުގެ ހުޅަނގު ފަރާތު ފައިކަށި ހަލާކުވެފައިވާ ކަމަށާއި އަދި ރާޅުބޮޑުވެގެން ބޭރުތޮށީގެ ހިލަތަށް ވެސް މޫދަށް ފައިބަމުންދާ ކަމަށެވެ. މީގެ އިތުރުން ބައެއް އޮޑި ދޯނި ފަހަރަށް ވެސް ގެއްލުންވެފައިވާކަން އޭނާ ފާހަގަ ކުރައްވަ އެވެ.
އިނގުރައިދޫ ކައުންސިލްގެ ނައިބް ރައީސް އިތުރަށް ވިދާޅުވީ ރޭ 12:00 ޖަހާ އެހާއިރު ވަރަށް ބޮޑަށް އުދައެރި ކަމަށެވެ. އެގޮތުން ބަނދަރާއި ކައިރީ މީހުން އުޅޭ ގޯތިތަކުގެ އެތެރެއަށް ހަތަރު ވަރަކަށް އިންޗިއަށް އުދައަރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދުވަސްވަރު ބައެއް ހިސާބުތަކަށް ވައިގަދަކަމުން މޫސުމާ ބެހޭ އިދާރާއިން ވަނީ ރޭ ދަންވަރު ނ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.