އޭސީސީގެ މެމްބަރުން ކޮމިޓީއަށް ޖަވާބުދާރީވާން އެންގީ، މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެންބަރުން ވަކި ކުރަން މަޖިލީހަށް ހުށައެޅި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށައެޅުމުންނެވެ.
އޭސީސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. މި މައްސަލަ މަޖިލީހަށް ހުށައަޅާފައި ވާއިރު، އެ ކޮމިޝަންގެ 02 މެމްބަރަކު މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއީ މެމްބަރު، އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފް އެވެ.
މި 03 މެމްބަރުން ޖަވާބުދާރީ ވުމާއި ގުޅިގެން މިއަދު ހަވީރު 16:30 ގައި މިނިވަން މުވައްސަސާ ތަކުގެ ކޮމިޓީގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އޭސީސީގެ މަސައްކަތްތައް ވަޒަން ކުރުމަށްޓަކައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓަށް ފަހުއެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް ރައީސް ސޯލިހު އައްޔަން ކުރައްވާފައިވާ ބޭފުޅުންނެވެ.