އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުުރުން 27 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 29 ވަނަ ދުވަހުގެ ރޭ ވިލިމާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން، އެމީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 67 ސެލޯފިންކޮޅު ފެނުމާ ގުޅިގެންނެވެ.
މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު 24 އަހަރުގެ މީހާއަށް ދީފައިވެއެވެ. އަދި އަނެއް ތިން މީހުން ބަންދުގައި ބޭތިއްބުމަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެ އިތުރުން މި މަހުގެ 25 އިން 28 އަށް އދ. ދިގުރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ.
ދިގުރަށަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންތަކުގައި އެ ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދެ މައްސަލަ ވެސް ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.