ads
ކުރީގެ ސައިންސް އެން ޓެކްނޯލޮޖީ މިނިސްޓަރު މަލީހް ޖަމާލް އަދި ގާނޫނު ވަކީލު މުހައްމަދު ނިޝާން އިބްރާހީމް -
ނިޝާން މަލީހަށް: ނަޝީދަށްވުރެ ހިމާޔަތާއި ރައްކާތެރިކަން ހައްގު ބޭފުޅަކު ނެތް
ރައްޔިތުންނަށް ހެޔޮ އެދެންޏާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ގެކޮޅަށް ބަދަލުވާން ޖެހޭކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވުމާއި ގުޅިގެން އެކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން، ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން ރައްޔިތުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އުއްތަމަ ފަނޑިޔާރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ނިންމާ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން މިހާރު ވަނީ އެދެ ބޭފުޅުންނަށް ރަސްމީ ގެކޮޅު ހަމަޖައްސާފައެވެ. 

މިކަމާއި ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު މިވަގުތު ހުންނެވީ ޗުއްޓީގައި އިނގިރޭސިވިލާތުގައި ކަމުގައި ވިޔަސް، މުރައިދޫ ގަނޑުވަރުކޮޅުގެ ހަރަދުތައް މި މަހުގައިވެސް އެބަ ހިނގާކަމަށާއި، އިނގިރޭސި ވިލާތަށްވެސް އެބަ ހިނގާކަމަށާއި، ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާނަމަ ރައީސް ނަޝީދު، އެ މަނިކުފާނުގެ އަމިއްލަ ގެއަށް ދިރިއުޅުން ބަދަލުކުރައްވަންޖެހޭ ކަމަށެވެ. 

އެކަމަށް ރައްދު ދެއްވާ މަލީހު ޓެގްކުރައްވާ ލޯޔަރު ނިޝާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނަކުން ލާޒިމުކޮށްފައިވާ ކަމެއް އެހެން ގޮތަކަށް ކުރުމަށް މަލީހު އަކަށްވެސް ގޮވައެއް ނުލެވޭނެ ކަމަށާއި، އެގޮތަށް ގޮވާލުމަކީ، ގާނޫނަށް ނުކިޔަމަންތެރިވުން ކަމަށެވެ. އަދި އެބަސްފުޅު އަނބުރާ ގެންދިޔުމަށްވެސް ވަކީލު ނިޝާން މަލީހުއަށް ގޮވާލެއްވިއެވެ. 

ސީއެންއެމް އަށް  ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ "މަލީހުމެން ފަދަ ބޭބޭފުޅުން" މިފަދަ މޭރުމަކުން އެތަށް ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގަންފައިވާ ބޭފުޅަކާއި ދިމާއަށް ބަސްފުޅު ވިދާޅުވުމަކީ ދެރަވަރު ކަމެއްކަމަށާއި، ރައީސް ނަޝީދު އަމިއްލަ ގެކޮޅު ދޫކުރައްވާ އެހެން ތަނެއްގައި ދިރިއުޅުއްވަނީ އަމިއްލަފުޅަށް ނޫންކަމަށެވެ. ސެކިއުރިޓީ ޕްރޮޓްކޯލްއަކީ ވަކި ގޮތަކަށް ކުރުމަށް އަމުރު ވެވިފައިވާ ކަންކަން ކަމަށް ނިޝާން ވިދާޅުވިއެވެ.

ގާނޫނަކުން ކަމެއް ލާޒިމުކުރީމައި އެކަން އެގޮތަށް ކުރުން އެއީ ކޮންމެ މީހަކަށްވެސް ލާޒިމުކަމެއްކަން ފާހަގަކުރައްވަމުން ނިޝާން އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ގައުމަށް އިހުލާސްތެރި ބޭފުޅެއްކަމަށާއި، ރައީސް ނަޝީދަށްވުރެ ހިމާޔަތާއި ރައްކާތެރިކަން ހައްގު އިތުރު ބޭފުޅަކު މިރާއްޖޭގައި ނެތްކަމަށެވެ. އަދި "މަލީހު މެން ފަދަ  ބޭފުޅަކަށް" އެފަދަ ހާދިސާއެއް މެދުވެރިވެއްޖެނަމަ އެނބުރި ގައުމަށްވެސް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް