ads
މާލެ ސިޓީ
މާލޭ ރައްޔިތުންނަށް ބިން ގަތުން ނޫން ގޮތެއް ނެތް! އަތޮޅު ތެރޭ ރައްޔިތުންނަށް ހިލޭ!
މާލެ އާއި އަތޮޅު ތެރޭގައިވެސް ހަމަ ދިރިއުޅެމުންދަނީ ފެއްސާ ރަތާ ހުދުން ޖަރީ ކުރެވިފައިވާ ދިވެހި ރާއްޖޭގެ ދިވެހި ދިދައިގެ ހިމާޔަތުގައި ތިބި ރައްޔިތުންނެވެ.

އެހެން ނަމަވެސް މި ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ އެއްވެސް ސަރުކާރަކަށް އަދި އެއްވެސް ބަޔަކަށް ބަދަލު ނުކުރެވުނު ކަމެކެވެ. މާލެ އާއި އަތޮޅު ތެރޭގެ އެހެން ރައްތަކާއި އެތައް ހާސް ގޮތަކުން ތަފާތެވެ. ތަފާތު ވާންވެސް ޖެހޭނެއެވެ. ސަބަބަކީ މާލެ އަކީ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. 

ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ އަށް ވީނަމަވެސް މާލޭގައި ދިރިއުޅޭ މީހުންގެ ތަފާސްހިސާބުތައް ބަލާއިރު، ހަތަރުކަށިމަތި މާލޭ މީހުންނަށް ވުރެ މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ މީހުން ގިނައެވެ. އެއީ ކުރިން ބުނިހެން މާލެ އަކީ ވެރިކަން ކުރާ ރަށް ކަމަށް ވުމާއި ގުޅިގެންނެވެ. މާލޭގައި ގިނަ ވަޒީފާތަކެއް އޮތުމުންނެވެ. މާލޭގައި އެތައް ފުރުސަތު ތަކެއް އޮތުމުންނެވެ. 

އެހެން ނަމަވެސް މާލޭ މީހުންނަކީވެސް ހަމަ ރައްޔިތުންނެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަންވެސް ހަމަ ބޭނުން ވާނެއެވެ. މޫދަށް އެރިލަން ދާނެ މޫދަކާއި، ލޯބިވެރިޔާ ގޮވާގެން ދާނެ ތުނޑި އެއްވެސް ބޭނުން ވާނެއެވެ. ތިމާ ގެންގުޅޭ ބޮއްކުރާ ގަނޑު އަޅާލާނެ ފަޅެއްވެސް ހަމަ މާލޭ މީހާވެސް ބޭނުން ވާނެއެވެ. އަދި ހަމަ އެހެންމެ މާލޭ މީހާ ބޯހިޔާވަހިކަން ހޯދަން ބިމެއްވެސް ބޭނުން ވާނެއެވެ. 

މިޖެހުނީ ބޮޑުތާގައެވެ! މިވާހަކަ ދެއްކުމުން ބައެއް ކިޔުންތެރިން ފަހަރުގައި ހިތް ހަމަނުޖެހުން ފާޅު ކޮށްފާނެއެވެ. އެހެން ނަމަވެސް މާލޭ ރައްޔިތުންގެ ހައްގުގައިވެސް ކޮންމެސް ވާހަކަތަކެއް ދެއްކުމަކީ ނެތް ކަމެއް ނޫނެވެ. 

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން މާލޭ ރައްޔިތުންނަށް ވިއްކުމަށް ނިންމުމާއި އެކު އެތައް ބައެއްގެ ނުރުހުމުގެ ބަސްތައް މާލޭ ރައްޔިތުންނަށް އަމާޒުވެއްޖެއެވެ. ހުޅުމާލެ އަކީ ހަމައެކަނި މާލޭ ރައްޔިތުންގެ "ޓެކްސް" ފައިސާއިން ހިއްކާފައިވާ ތަނެއް ނޫން ކަމަށާއި، އެއީ ހަމަ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ތަނެއް ކަމަށް ބުނެ، އެތަނުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ގޯތި ވިއްކަން ޖެހޭނެ ކަމަށް އަޑު ހަރުކޮށް ގޮވަން ފަށައިފިއެވެ. 

އެންމެ ރަނގަޅެވެ. ހުޅުމާލެ އަކީ ހަމައެކަނި މާލޭ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ތަނެއް ނޫންކަން އެއީ ހަމަ ސަތޭކައިގެ ވާހަކައެކެވެ. ސުވާލަކީ ރާއްޖޭގެ އެއްވެސް ރަށަކީ ހަމައެކަނި އެރަށުގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ތަނެއް ތޯއެވެ. ނޫނީ އެތަންތަން ވެސް ހިއްކީ ހަމަ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިން ނޫންތޯއެވެ. 

މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ސަލާންޖަހާތާ ވީދުވަހެއް ވީއެވެ. އެހެން ނަމަވެސް މިކަމަށް އަޅާލާ ބަޔަކު ހުރިހެން ހަމަ ހީވެސް ނުވެއެވެ. އަތޮޅު ތެރޭގެ ރައްޔިތުންނަށް އެރައްތަކުން ހިއްކާ ބިންތަކާއި ފަޅުތަކުން ހިލޭ ގޯތި ދެވޭ ގޮތަށް ހަމަ މާލޭގެ ރައްޔިތުންނަށް ވެސް ގޯތި ހިލޭ ދެވެން ވާނެއެވެ. ކޮންމެ މީހެއްގެ އަތުގައިވެސް އޮންނަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެވެ. 

މިއީ އަތޮޅު ތެރޭގެ ރައްޔިތުންގެ މައްސަލައެއް ނޫނެވެ. ހަމަ އެގޮތައް މިއީ މާލޭގެ ރައްޔިތުންގެވެސް މައްސަލައެއް ނޫނެވެ. ގާނޫނުތައް ހަދާއިރު، މުޅި ރައްޔިތުންގެ ހައްގަށް ވިސްނަން ޖެހޭނެއެވެ. އެހެން ނޫން ނަމަ އާހިރުގައި ގެއްލުން ވެގެންދާނީ ހަމަ އެއް ކަލަ ނިކަމެތި ރައްޔިތުންނަށެވެ. 

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފްލެޓް ލިބުނު މީހުން ތެރޭ އަތޮޅު ތެރެއަށް ނިސްބަތްވާ އެތައް ބަޔަކު އެބަތިއްބެވެ. އެއީ އެފަރާތްތަކަކީ އެތަންތަން ހައްގުވާ ފަރާތްތަކުގެ ގޮތުގައި ކަނޑައެޅުމުންނެވެ. 

ސުވާލަކީ އަތޮޅު ތެރޭގެ އެއްވެސަ ރަށަކުން މާލޭ މީހަކަށް ފްލެޓު ގަނޑެއްހާ ހިސާބުވެސް ލިބުނު ތޯއެވެ. އެންމެ ކުޑަ މިނުން އެ ފުލްޓް ތަކަށް މާލޭ މީހަކަށް ލުމަށް ޝަރުތު ހަމަވެސް ވޭތޯއެވެ. އަތޮޅު ތެރޭގެ އެއްވެސް ރަށަކުން މާލޭ މީހަކަށް ބިންކޮޅެއް ހޯދުމުގެ ހައްގުން މާލޭ ރައްޔިތުން ވަނީ މަހުރޫމް ކޮށްފައެވެ. 

މާލޭ މީހާ ހަމަ މިޖެހެނީ ސަރުކާރުތަކުން ވިއްކާ އަގެއްގައި ވިއްކި އަކަފޫޓެއްގެ ބިން ގަންނާށެވެ. އެގާބިލުކަން ނެތް މީހާ ޖެހެނީ "އަލިފާން ފޮށި" ވަރުވާ ތަންތަންްކޮޅުގައި ގަނަ ތެޅޭށެވެ. އުމުރު ނިމިގެން ދަނީ ދެމަފިރިން ދަރިން ލިބޭ ހިސާބުން ހުރިހާ އުފާތަކުން މަހުރޫމު ވެގެނެވެ. އަންހެން ކޮއްކޮ އާއި ފިރިހެން ބޭބެ ނިދާ ބޮޑުވަނީ އެއް ކޮޓަރިއެއްގެ ތެރޭގައެވެ. ލަދުގަތަސް މިއީ އަދުގެ މާލޭ މީހާގެ ހާލަތެވެ.

އެހެން ކަމުން ޓެކްސް ފައިސާއިން ހިއްކާފައިވާ ހުޅުމާލެއިން މުޅި ރައްޔިތުންނަށް ގޯތި ވިއްކުމަށް ގޮވާލާ ބީދައިން މާލޭ ރައްޔިތުންނަށް އަތޮޅު ތެރޭގައި ޓެކްސް ފައިސާއިން ހިއްކާ ބިންތަކުންނާއި ތަރައްގީ ކުރާރަށްތަކުން ގޯއްތި ދިނުމަށް ވެސް ވަކާލާތު ކުރުމަކީ މުހިއްމު ކަމެކެވެ. އެހެނީ ދިވެހި ރާއްޖޭގައި މިއުޅެނީ ހަމަ ހުސް ދިވެހިން ކަމަށް ވުމުންނެވެ. ތަފާތު ކުރުން ނައްތާލާ ދިވެހިންގެ އިހުގެ އަހުވަންތަވެރި ކަމާއި އެއްބައެއް ވަންތަކަމަށް އެނބުރުމަކީ ކުރަން މުހިއްމު ކަމެކެވެ.

91%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް