މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްލާއިލް ފައުޒީ "ސީއެންއެމް"އަށް ވިދާޅުވީ، ފެލިވަރަށް މަސް ކިރޭ އަދަދު ކޮންޓްރޯލެއްނެތި ދޫކޮށްލަން ނިންމީ އުތުރުގެ މަސްވެރިކަމަށް ބެލުމަށްފަހު ކަމަށެެވެ.
އަދި ކުއްޑޫއިން މަސް ކިރޭ މިންވަރު ދެކެނުގެ މަސްވެރިކަމަށް ބެލުމަށްފަހު ހަ ޓަނަށް އިތުރުކުރީ ދެކުނުގެ މަސްވެރިކަން އަދިވެސް ފުދޭވަރަކަށް ރަނގަޅަށް އުޅޭތީ ކަން ފާހަގަކުރަމުން ފައުޒީ ވިދާޅުވީ، މަސްވެރިކަމަށް ބެލުމަށްފަހު އަދިވެސް ލުއިކުރެވެން އޮތް މިންވަރަކުން ލުއި ކުރަމުންދާނެ ކަމަށެވެ. ކޫއްޑޫގައި މީގެ ކުރިން ދޯންޏަކުން ކިރެނީ ފަސް ކިލޯ އެވެ.
މިފްކޯ އިން މަސް ގަތުން މީގެ ކުރިން ކޮންޓްރޯލު ކޮށްފައި އޮތީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްވެރިކަން ރަނގަޅުވުމާ ގުޅިގެން މަސް ގަނޑުކުރެވޭ ސްޓޯރޭޖަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމުންނެވެ.
ފައުޒީ ވިދާޅުވީ، ކެޕޭސިޓީގެ ދަތިކަން މިހާރުވެސް އެބައޮތް ކަމަށާއި ނަމަވެސް ދުވަހުން ދުވަހަށް މަސް ކިރޭ އަދަދު އިތުރުކުރެވެމުންދާ ކަމަށެވެ. އެކަން ހާސިލުކުރެވުނީ މުވައްޒަފުން ގުޅިގެން ކުރި ބުރަ މަސައްކަތުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ މަހަކީ މިފްކޯ އިން އެއް މަސް ތެރޭގައި އެންމެ ގިނަ އަދަދަކަށް މަސް ގަތް، އަދި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކުރި މަހެވެ. އެގޮތުން، މިދިޔަ މަހު 10،948.283 މެޓްރިކް ޓަނުގެ މަސްކިރާފައިވެއެވެ. އަދި މަހެއްގެ ތެރޭގައި މަސްވެރިންނަށް 170 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިދިޔަ އަހަރު ޖުމްލަ 58،350.309 މެޓްރިކް ޓަނުގެ މަސްކިރާފައިވާއިރު، 901 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރިއެވެ.