އޭނާ ރާއްޖެއަށް މިތަކެތި އެތެރެކުރި ކަމަށް ތުހުމަތުކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ރާއްޖެ އާއިރު، ދަބަސް ތެރޭގައި އޮތް ދެ ބެޑްޝީޓެއްގެ ތެރެއިން 1.7 ކިލޯގެ މަސްތުވާތަކެތި ފެނުމުންނެވެ. އެދަބަހުން ފެނުނީ ކެނަބިސްކަން ޔަގީންކުރުމަށްފަހު އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އެވެ.
ނަމަވެސް އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި އެ ދަބަހަކީ މީހަކާ ހަވާލުކުރަން އެހެން މީހަކު ދިން ދަބަހެއް ކަމަށް އޭނާ ބުނާކަމަށެވެ. އަދި އެދަބަސް އޭނާ ހުޅުވާފައިވެސް ނުވާނެކަަމަށް އޭނާ ބުނާއިރު، ފުލުހުން އޭނާގެ އެބުނުން ދޮގުކުރުމަށް ބަލަންޖެހޭ ބެލުންތައް ބަލާފައި ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.
ކޯޓުގައި މިކަމާއި ގުޅިގެން ކުރިއަށްދިޔަ ހުރިހާ އަޑުއެހުމެއްގައި ވެސް އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި ދިފާއު ވުމަށްވެސް އެއްވެސް ހެއްކެއް އޭނާ ހުށަހެއް ނާޅާއެވެ.
ކޯޓުގެ ހުކުމުން އެނގޭ ގޮތުން ދައުލަތުން އޭނާއާއި ދެކޮޅަށް 12 ހެއްކެއް ހުށަހަޅާފައިވެއެވެ. ނަމަވެސް ކޯޓުން ނިންމީ އެއިން އެއްވެސް ހެއްކަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާވަރުގެ ހެއްކެއް ދެއްކިފައި ނުވާކަމަށެވެ.
ކޯޓުގެ ހުކުމުގައި ވާގޮތުން އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާތީ އެ ދަބަހުގައި ހުރި މަސްތުވާތަކެއްޗަކީ އޭނާއަށް އެނގިގެން އެތެރެކޮށްފައިވާ އެއްޗެއް ކަމާއިމެދު ކޯޓުގެ ހުކުމުގައި ވަނީ ސުވާލު އުފައްދާފައެވެ. އަދި އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން އެ މީހާއަށް އެނގޭ ކަމުގެ ހެކި ދައްކަން ނުޖެހޭނެ ކަމަށް ދައުލަތުން ބުނާ ބުނުމަށް ރިއާޔަތްކޮށް ކޯޓުން ބުނެފައިވަނީ، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު މީހެއްގެ ބެލުމުގެ ދަށުން މަސްތުވާ އެއްޗެއް ފެނިއްޖެނަމަ އެ ފެނުނު ފެނުމުގެ މައްޗަށް ބިނާކޮށް ކުށް ސާބިތެއް ނުކުރެވޭނެއެވެ.
އެހެންކަމުން އެއީ އޭނާ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި ނޫންކަމަށް ނިންމާ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.