ads
18 އަހަރު ނުވާ ކުދިންނަށް ސޯޝަލް ސެންޓަރުން މީސްލްސް ވެކްސިން ޖެހޭނެ!
އުމުރުން 18 އަހަރު ނުވާ ކުދިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ކުދިންނަށް ސޯޝަލް ސެންޓަރުން މީސްލްސް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ 18 އަހަރު ނުވާ ކުދިންގެ ތެރެއިން ޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން އަދި ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. ކުރިން ވެސް ހުޅުމާލޭ ހޮސްޕިޓަލުންނާއި އޭޑީކޭ އިން އެ ހިދުމަތް ދެމުން އައި ނަމަވެސް މިއަދު އަލަށް އެ ހިދުމަތް ދޭން ފަށާފައި މިވަނީ ސޯޝަލް ސެންޓަރުންނެވެ. 

އެޗްޕީއޭއިން ބުނީ މި ހިދުމަތް ލިބޭނީ ކުއްޖާގެ ވެކްސިން ކާޑާއި އައިޑީކާޑު ހިފައިގެން އައުމުން ކަމަށެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި މާފަންނު ސޯޝަލް ސެންޓަރުން ވެކްސިން ޖަހައިދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 16:00 އަށެވެ. އަދި ދަމަނަވެށިން މި ހިދުމަތް ދޭނީ ހެނދުނު 9:00 އިން 17:00 އަށެވެ. އޭގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން ހެނދުނު 10:00 އިން 16:00 އަށް މި ހިދުމަތްދޭއިރު ހުޅުމާލޭ ހޮސްޕިޓަލު މެދުވެރިކޮށް ވެކްސިން ޖަހައިދޭނީ ހެނދުނު 8:30 އިން ހަވީރު 15:00 އަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން 17:00 އަށް ކަމަށާއި ވިލިމާލޭ ހޮސްޕިޓަލުން މި ހިދުމަތް ލިބޭނީ ހެނދުނު 9:00 އަކުން މެންދުރުފަހު 13:00 އަށެވެ. އެޗްޕީއޭއިން ބުނާ ގޮތުގައި މިއިން ކޮންމެ ތަނަކުން ވެސް މި ގަޑިތަކުގައި ހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެވެ. 

މިމަހުގެ އަށްވަނަ ދުވަހު ރާއްޖެއިން ވެކްސިން ޑޯޒް ހަމަނުކުރާ އުމުރުން ތިން އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާއިރު މި ބަލި ރާއްޖެއިން ފެނިފައި މިވަނީ ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ހަވާލުކޮށްފައި ވަނިކޮށެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ. 

މިހާރު މިބަލި ރާއްޖޭގައި ފެތުރެމުންދާކަން ސަރުކާރުން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު މިހާތަނަށް ވަނީ ހަ މީހަކު މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

ހިމަބިއްސަކީ އެންމެ ފަސޭހައިން ގައިން ގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި ކެއްސުމާއި ލޯ ރަތްވުން އަދި ގައިން ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.

ވެކްސިން ދީގެން ހިމަބިހިން ރައްކާތެރިވެވޭއިރު ހިމަބިއްސަށް ހާއްސަ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރު އެވެ. އޭގެ ފަހުން ހިމަބިއްސަށް ވެކްސިން ދެމުން އަންނައިރު ރާއްޖޭގެ ސްކޫލުތަކަށް ކުދިން ވެއްދެނީ ވެސް ވެކްސިން ފުރިހަމަކޮށްގެން ނަމަވެސް ބައެއް ބެލެނިވެރިން ދަނީ ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންނެވެ. އަދި ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް ސްކޫލުތަކަށް ކުދިން ވައްދާފައި ވެސް އެބަހުއްޓެވެ. ނަމަވެސް އަލުން ރާއްޖޭގައި ހިމަބިހި ފެތުރެން ފަށާފައިވާތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވެކްސިން ދޭން ދެކޮޅު ހެދި ނަމަވެސް ވެކްސިން ދޭނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް