ads
މާލެ ސިޓީ
ތޮއްޖެހިފައިވާ މާލެ، އަނެއްކާ އިތުރަށް ތޮއްޖައްސުވަނީ ކީއްވެ!
މާލެ ތޮއްޖެހިފައިވާލެއް ބޮޑުކަމުން ދިރިއުޅުމަށް އިންތިހާއަށް އުނދަގޫވެފައިވާ މާލެގެ ހާލަތަށް ނުބަލާ އަނެއްކާ ވެސް މިވަނީ ސަރުކާރުން މާލޭގައި ގެދޮރު އިމާރާތްކުރުން ކުރިއަށްގެންދަން ނިންމާފަ އެވެ. ކުރީގެ އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އަނެއްކާ ވެސް ނިންމި ނިންމުމާއެކު މާލެއަށް އިތުރު ހަލަބޮލިކަން އިތުރުވެ ތޮއްޖެހުން ދާނީ އިންތިހާއަށް ބޮޑުވަމުންނެވެ.

މާލެ ތޮއްޖައްސުވާ ވާހަކަ އަނެއްކާ ގަދަވެގެން އުޅެނީ ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް ފްލެޓް އަަޅަންދީފައިވާ ދެ ބިމުގައި އަހަރަކުތަކަކަށް ފަހު ފްލެޓް އެޅުމަށް ކުންފުންޏަށް ދޭން ނިންމުމާ ގުޅިގެންނެވެ.

ޕްލޭނިން މިނިސްޓްރީން އެ ވާހަކަ އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާގަ އާއި އެ ނޫން ވެސް ވަސީލަތްތަކުގައި މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. ދެ ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގައި އަނެއްކާ ވެސް އިތުރު ފްލެޓް އަޅާފައި މީހުން އިތުރުކުރުވަން އުޅޭކަމުގެ ތުހުމަތު ސަރުކާރަށް ކުރަން ފެށި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާސާއިން އެންމެ ފަހުން ދައްކާގޮތުން، ރާއްޖޭގެ އާބާދީ މިހާރު 557،426 އަށް ވަނީ އަރައިފަ އެވެ. އެހެން ނަމަވެސް މިއަދަދުތައް މިހާރު ހަމަ ޔަގީނުން ވެސް ވަނީ އިތުރު ވެފައެވެ. އަންދާސާ ކުރެވޭ ގޮތުގައި ރާއްޖޭގެ އާބާދީ މިހާރު 650،000 އަށް ވަނީ އިތުރުވެފައެވެ. އަދި މީގެ ތެރެއިން 50 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ މި ފުރަ މާލޭގަ އެވެ.

 

މި ދައްކަނީ ކުޑަ ކުޑަ ތަންކޮޅެއްގެ ތެރޭ 325،000 މީހުން ދިރުއުޅޭ ވާހަކަ އެވެ. ކޮންކްރީޓް އިމާރާތްތަކެއްގެ ތެރޭ ބުރި ބުރި އަށް ތަންކޮޅު ހަދައިގެން އެތަނުގައި އެތައް ބަޔަކު "ގަނަ ތެޅޭ" ވާހަކައެވެ. މާލޭގައި ދިރިއުޅެމުންދާ މީހުންނަށް ހަމަޖެހިލައިގެން ނޭވާއެއް ލާނެ ފުރުސަތު ނެތް ވާހަކައެވެ. 

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އިންތިހާބު ވުމުގެ ކުރިން އެތައް ފޮނި ހުވަފެންތަކެއް ރައްޔިތުންނަށް ދައްކައެވެ. އެހެން ނަމަވެސް މީގެ ތެރެއިން ކުލަ ޖެހި ހަގީގަތަކަށް ވަނީ މަދު ހުވަފެންތަކެކެވެ. މީގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ އެއް ހުވަފެނަކީ މާލެގެ ތޮއްޖެހުން ކުޑަކޮށް، ރަށްފުށުގެ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދުނުމަށް ދައްކުވާ ހުވަފެނެވެ. 

އަދުގެ ސަރުކާރުގެ ޖަޒީރާ ރާއްޖެ ތަސައްވަރުގައި ވެސް ވަނީ މާލެއަށް މީހުން ތޮއްޖެހުން ކުޑަކުރުމުގެ ސިޔާސަތެއް އިއުލާނުކޮށްފަ އެވެ. މާލެ ނޫން ގޮތެއް ރައްޔިތުންނަށް ހޯދައި ދިނުމުގެ ތަސައްވަރެވެ. އަދި އެކަމުގެ ސަބަބުން އަދުގެ ސަރުކާރަށް ބަޔަކު މީހުން ފުރިހަމަ ތާއީދުވެސް ކުރި އެވެ. މިއަދު ސަރުކާރަށް ތިން އަހަރު ވެގެން ގޮސްފައި ވާއިރު، އެބުނި ޖަޒީރާ ރާއްޖޭގެ ތަސައްވަރު ވީތަނެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ. 

އިއްޔެ ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް މާލޭގައި ފްލެޓް އެޅުމަށް ދިން ބިންތައް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުންފުނީގެ އަތުން އަތުލި މައްސަލައިގެ ބަދަލުގައި އަލުން ފްލެޓް އަޅަން މާލެ އިން ދެ ބިން ދޭން ނިންމި ވާހަކައެވެ. 

މާލޭގެ ތޮއްޖެހުން ކުޑަކުރަން ބޭނުން ކަމަށް ބުނާ ބަޔަކު، ބަދަލުގެ ގޮތުގައި މާލޭގެ ދެ ބިމެއް އިންޑިއާގެ ކުންފުންޏަކަށް ފްލެޓް އެޅުމަށް ދިނުމުން ހަމަ މި މާލޭގެ އާބާދީ ވާނީ ދުވަހެއް ދުވަހެއް އިތުރެވެ. އެއަށް ހައްލެއް އައުމެއް ނެތް އިތުރު މައްސަލަތައް ފެންމަތިވާނެ ކަމަށެވެ.

މި ނިންމުމާއި ގުޅިގެން ރައްޔިތުންގެ ހިތުގައިވެސް އެތައް ޝަކުވާތަކެއް އެބަހުއްޓެވެ. މިއީ ހަމަ އަލުން މާލެ ތޮއްޖެއްސުމަށް ކުރާ ކަމެއް ކަމަށް އެފަރާތްތަކުން ބުނަމުން ދާއިރު، މިކަމަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ދޭ ތަނެއް ނުފެނެ އެވެ.  

ޓާޓާ އަށް އަލުން ބިންތައް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ނުރުހުން ފާޅު ކުރަމުން އައްމު ރައްޔިތަކު މީސްމީޑިއާގައި ބުނެފައިވަނީ، މިކަމަކީ ރޭވިގެން ރައްޔިތުންގެ މުދަލާއި ފައިސާއިން ވައްކަން ކުރަން ސަރުކާރުން ހިންގާ ކަންކަން ކަމަށެވެ. އަދި ބަދަލު ދޭން ޖެހޭނަމަ އެކަން ކުރަން ޖެހެނީ އޮންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށާއި، އެއްބަސްވުން އުވާލި ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ފެންނަނީ ބަޔަކަށް މަންފާތަކެއް ހޯދުމަށް ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

މި މައްސަލަ އާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ފަހަރުގައި އެއީ އެއްބަސްވުން ބާތިލް ކުރީ އެބޭފުޅާގެ މިނިސްޓަރު ކަމުގެ ދަށުން ކަމުގައި ވުމުގެ ސަބަބަބުން ކަމަށްވެސް ވެދާނެއެވެ. 

މުއިއްޒު ވިދާޅުވީ، އެއްވެސް ހާލަތެއްގައި އެއްބަސްވުން އުވާ ނުލާ ކަމަށެވެ. އެހެން ނަމަވެސް އެއްބަސް ވުމުގައި ހުރި ކަންކަން ބަދަލު ކުރުމަށް ޓާޓާ އާ އެކު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެހެން ނަމަވެސް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް616.8 މިލިއަން ރުފިޔާ) އެކަމަށް ހޭދަވާނެތީ އެއްބަސްވުން ބަދަލު ނުކުރަން ނިންމީ 2018 ވަނަ އަހަރު ކަމަށެވެ. އަދި މިހާރު ސަރުކާރުން މި ވާހަކަތައް މި ދައްކަނީ އެކަމުގެ އަޑީގައި ގޮތް ނޭނގޭ ކަންކަން ހުރުމުން ކަމަށްވެސް މުއިއްޒު ތުހުމަތު ކުރައްވަ އެވެ. 

މުއިއްޒު އެވިދާޅުވަނީ، އެއްބަސްވުން އުވާ ނުލާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އަންނަނީ އެ އެއްބަސްވުން ރައީސް ޔާމީންގެ ވެރިކަމުގައި އުވާލުމުން ބަދަލު ދޭންޖެހިފައި ވާކަމަށް ބުނަމުންނެވެ. މިކަމުގެ ތެރޭގައި ފިތި ބާރުވެފައި މިވަނީ ހަމަ އެއްކަލަ ދެރަ ނިކަމެތި ރައްޔިތުންނެވެ. މާލޭގެ ބިމުގެ ޖާގަ ކިތައްމެ ދަތި ނަމަވެސް ސަރުކާރުން ބޭނުން ވުމުން ނުވަތަ ސަރުކާރަށް ބަޔަކު ޕްރެޝަރު ކުރުމުން މާލޭގެ ބިމުގެ ދަތި ކަމެއް އޮތް ހެނެއް ހިއެއް ނުވެއެވެ.

އެއްބަސްވުން އުވާލުމުގެ ހިތި މާލޭގައި ދިރިއުޅޭ ރައްޔިތުން އުފުލަން ޖެހުމުން އެބުނާ ހައްގުވާ މިންވަރު ދެވުނީ ކަމަށް ފަހަރުގައި ވެދާނެއެވެ. އެހެން ނަމަވެސް މާލޭގެ ތޮއްޖެހުން ކުޑަ ކުރަން ބޭނުން ކަމަށް ތަކުރާރުކޮށް ގޮވާލަމުން ދާ ބަޔަކު މިފަދަ ނިންމުމެއް ނިންމި އިރު، އޭގެ ސަބަބުން ދިމާވެދާނެ ކަންކަމާ މެދު ވިސްނާ ނުލާ ނިންމި ނިންމުމުގެ ހިތިރަހަ މާލޭގައި ދިރިއުޅޭ ބަޔަކަށް އަދި ފެންނާނެ އެވެ.

ތޮއްޖެހިފައިވާ މާލޭގައި އެ ފްލެޓްތައް އިމާރާތް ކުރުމަށްވުރެ ބިން އޮތް ހުޅުމާލޭގައި އެ ފްލެޓްތައް އަޅަން ޓާޓާއަށް ބިން ދެވިދާނެ އެވެ. ސުވާލަކީ އެ މަގުން އެކަން ކުރެވޭނެކަމަށް ވާހަކަ ދައްކާއިރު އެ ގޮތަށް އެކަން ކުރުވުމަށް ސަރުކާރުން ބާރު ނާޅުއްވަނީ ކީއްވެބާވަ އެވެ. މާލޭގެ އެ ދެބިމުގެ ބަދަލުގައި ހުޅުމާލެއިން ނުވަތަ ގުޅި ފަޅުން ހަ ބިން ވެސް ދެވިދާނެ އެވެ. ދިނަސް ވަރިހަމައެވެ. ތޮއްޖެއްސުން ކުޑަކުރަން މަސައްކަތް ކުރަންޖެހޭނެކަމަށް ވާހަކަ ދައްކަނީ މާދަމާ ވެސް ތޮއްޖެހިގެން ދާ ދިއުމަށް ހައްލެއް ނެގެސް މިހާރަށްވުރެ ތަނަވަސްކަން އޮތް ހަމަ ނޭވާލެވޭ މުޖުތަމައެއްގައި ދިވެހިން ދިރިއުޅުމަށް ކުރާ އުއްމީދަށް ނިމުމެއް އަންނާނެކަމުގެ އުއްމީދުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް