ads
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފެންނަމުން މިދަނީ ބަގާވާތުގެ ހިތި ނަތީޖާ: ބޮންޑޭ
މިހާރު ގައުމުން ފެންނަމުން މިދަނީ ބަގާވާތުގެ ހިތި ނަތީޖާ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ބޮންޑޭ މިފަދައިން ވިދާޅުވެފައި މިވަނީ، އިންޑިއާގެ ޓާޓާ ކުންފުންޏަށް ކުރީގެ ނާދީ ހުރި ބިމާއި، އޯޑިއޯން ހުރި ބިމުގެ އިތުރުން ފަޅު ރަށެއް ދިނުމަށް ޕްލޭނިން މިނިސްޓްރީން ނިންމުމާއި ގުޅިގެންނެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބޮންޑޭ ވިދާޅުވީ، ޓާޓާ އަށް އަލުން ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިން ދޭން ޖެހިފައި މިވަނީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޔަކު މީހުން ވެގެން ބަގާވާތަކުން ވައްޓާލުމުން ކަމަށެވެ. އަދި އެދުވަހު ބަގާވާތް ނުކުރިނަމަ މިއަދު އެތަން ތަނުގައި ދިވެހި އާއިލާތައް އުފަލުގައި ދިރިއުޅެމުން ދާނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. 

"މިއަދު އަލުން އެތަން ދޭން ޖެހުނީ ކީއްވެގެންތޯ އެބަ ޖެހޭ ވިސްނާލަން. މިއީ ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލުމުން ދިވެހި ސަރުކާރު މިއަދު އުފުލަން ޖެހިފައިވާ ބުރައެއް. ބަޔަކާއި އެކު ހަދާފައިވާ އެއްބަސްވުމެއް އުވާލުމުން އޭގެ ބަދަލު ދޭން ޖެހޭނެ. އެދުވަހު ވެރިކަން ވައްޓާ ނުލިނަމަ މިއަދު އެތަން ތަނުގައި ދިވެހި އެތައް އާއިލާ ތަކެއް ދިރިއުޅޭނެ. މިއީ ބަގާވާތުގެ ހިތި ނަތީޖާ." ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ، އަލުން ޓާޓާ އަށް ދެބިން ދޭން ޖެހިފައި ވިޔަސް، އެ ކުންފުންޏާއި އެކު މަޝްވަރާ ކޮށްގެން މި ދެބިމުގައި ފްލެޓް އެޅުމުގެ ބަދަލުގައި ޕާކު ކުރާނެ ތަންތަނާއި ޕާކު ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މިއީ، މާލޭގެ ރައްޔިތުންނާއި މާލޭގެ މުސްތަގްބަލަށް އޭގެ ސަބަބުން އަސަރު ކުރާނެ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ. 

"ފުރަތަމަ ކުރަން ޖެހޭ ކަމަކީ، އެ ކުންފުންޏަށް ދޭން އެއްބަސްވި ތަންތަން ދިނުން. އެއަށްފަހު ވާހަކަ ދައްކައިގެން އެތަންތަނުގައި ފެލެޓް އެޅުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދަން މަޝްވަރާ ކުރެވިދާނެ. އެތަނުގައި ޕާކިން އިމާރާތެއް ވެސް ހެދިދާނެ. ހުސްކޮށް ޕާކެއް ގޮތަށްވެސް ބޭއްވި ދާނެ. ތަން ދިނުމަށްފަހު މަޝްވަރާ ކޮށްގެން ކަންކަން ކުރެވޭނެ ކަމަށް ގަބޫލު ކުރަން." ބޮންޑޭ އިތުރަށް ވިދާޅުވިއެވެ.

މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށް ވެފައި އިތުރަށް މާލޭގައި މީހުން އާބާދު ކުރުމުގެ ބަދަލުގައި ހުޅުމާލެ އާއި ގުޅި ފަޅުގައި މީހުން އާބާދު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. 

އެހެން ނަމަވެސް އަލުން ޓާޓާ އަށް މާލެއިން ދެ ބިން ފްލެޓް އެޅުމަށް ދިނުމަށް ނިންމުމުން އެތައް ބަޔަކު އަންނަނީ އެކަމުގެ ނުރުހުން ފާޅު ކުރަމުންނެވެ. 

އޯޑިއޯން އާއި ނާދީ ބިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނީ, ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު އެއްބަސްވި މުއްދަތަށް އެ ކުންފުންޏަށް ފްލެޓްތަކުގެ މަސައްކަތް ނުފެށުނީ އެވެ.



އިއްުޔެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޓާޓާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ކުރިންވެސް ދޭން އެއްބަސްވެފައިވާ ކުރީގެ ނާދީ ބިމާއި، ކުރީގެ އޯޑިއޯން ބިމުގެ އިތުރުން ރިސޯޓެއް ހިންގުމަށް ފަޅު ރަށެއް ދިނުމަށް ނިންމާފައި ވާކަމަށާއި، އެކަމުގެ އެއްބަސް ވުމުގައި މި ހަފްތާ ތެރޭ ސޮއި ކުރެވިގެން ދާނެ ކަމަށެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް