ads
ޝިޔާމް…
ޝިޔާމްގެ އައިފޯނުން ނަގާ ޗާލު ފޮޓޯތަކަށް އެތައް ބައެއްގެ ނަޒަރު!
ދިވެހިންގެ ތެރޭގައި ވެސް ހުނަރުވެރިން ގިނަ އެވެ. ތަފާތު ހުނަރުގެ ވެރިންނެވެ. ތެދެކެވެ. އެކި މީހުންގެ ވެސް ހުންނާނީ އެކި ހުނަރެވެ. ކުރަން އެނގޭނީ ވެސް އެކި މީހުންނަށް އެކި ކަން ކަމެވެ. މިފަހަރު ދައްކަން މިއުޅެނީ ކުޅަދާނަ ފޮޓޯ އަދި ވީޑިއޯ ގްރަފަރެއްގެ ވާހަކަ އެވެ.
Advertisement

ހއ. މާރަންދޫ އަށް އުފަން އަހުމަދު ޝިޔާމް އަކީ އަދި ގިނަ ބަޔަކަށް ނޭންގުނު ނަމަވެސް މޮޅު ފޮޓޯ ގްރަފަރެކެވެ. ރަހުމަތްތެރިންނާއި އާއިލާ މީހުންގެ އިތުރުން އޮފީސް މީހުންގެ މެދުން ފެށިގެން ރައްޓެހިންގެ ރައްޓެހިނަށް ޝިޔާމް އެނގި ޝިޔާމްގެ ފޮޓޯތައް ކަމުގޮސް ގެން އުޅޭތާ ވެސް ޒަމާންގަނޑެއް ވެއްޖެއެވެ.

ޝިޔާމްގެ މި ދަތުރުގެ ވާހަކަ "ސީއެންއެމް" އަށް ހިއްސާކުރަމުން ބުނީ ފުރަތަމަ ފޮޓޯ އަދި ވީޑިއޯ ގްރަފީއަށް ޝައުގުވެރިކަން އުފެދިގެން އައީ އެންމެ ކުޑައިރުންސުރެ ވެސް ނޭޝަނަލް ޖިއޮގްރަފީ ޗެނަލްތަކުން ދައްކާ ދިރޭ ތަކެތީގެ ދިރިއުޅުމާއި އާންމު މީހުންގެ ދިރިއުޅުމުގެ މަންޒަރުތަކާއި ވައްޓަަފާޅި އެ ޗެނަލްތަކުގައި ދައްކުވައިދޭގޮތް ފެނި އެއަށް އިންސްޕަޔާ ވެގެންނެވެ.

އޭނާ ބުނީ އޭރު އޮފީސް މީހުންނާއެކު ނޫނީ އާއިލާ އަކާއެކު ދަތުރެެއް ދިޔަ ނަމަވެސް ދަތުރުނާމާ އެއް ގޮތަށް އެދަތުރުގެ މަންޒަރުތައް ނަގާ ވީޑިއޯ އެއް ހަދާ ކަމަށެވެ.

"އަސްލު އެކަމު އޭރު ސޯޝަލް މީޑިއާ އަށް ވަރަށް ނުލަން. އެކަމު އެގޮތަށް ވީޑިއޯ އެއް ހެދީމަ އެންމެނަށް ވެސް ކަމުގޮސްގެން އެމީހުން އެ ސޭވް ކުރަނީ ވަރަށް ހިތްގައިމު މެމޮރީއެއް ގޮތުގަ. އެ އެއްޗެހި ފެނި އެމީހުންގެ ފަރާތުން ފެންނަ އުފާވެރިކަން އެއީ އަހަރެންނަަށް ވަރަށް މުހިއްމު ކަމަށްވީ" އޭނާ ބުންޏެވެ.

އެންމެ ހައިރާންވި ކަމަކީ ޝިޔާމްގެ އިންސްޓަގްރާމް އަދި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމް ތަކަށް ދޫކޮށްލާފައިވާ ރީތި ފޮޓޯތަކަކީ މޮޅު ކެމެރާއެއްގެ ބަދަލުގައި ފޯނަކުން ނަގާފައިވާ ފޮޓޯތަކެއްކަން އެނގުމުންނެވެ. ތެދެކެވެ. އޭނާ ބޭނުން ކުރަނީ އައިފޯން 7 އެކެވެ.

އޭނާ ބުނީ ފޮޓޯ ނަގަން ފެށުމާއެކު ވެސް އެންމެ ބޮޑަށް ޝައުގުވެރިކަން ހުރީ ގުދުރަތީ މަންޒަރުތަކާއި ދިރޭ ތަކެތީގެ އިތުރުން އާންމު މީހުންގެ ސްޓޯރީތަކާއި އެއްކޮށް ޕޯޓްރެއިޓް ފޮޓޯ ނަގަން ކަމަަށެވެ. މީގެ އިތުރުން މިނިއޭޗާ އާޓްސް އަކީ ޝިޔާމް ޝައުގުވެރިކަން ހުންނަ ފޮޓޯގެ ވައްތަރެއް ކަމަށް އޭނާ ބުނެއެވެ.

ޝިޔާމް ބުނީ މެކްރޯ ލެންސެއް ހޯދާ އަމިއްލަ އަށް ފޮޓޯ ނަގަން ފެށުމުން އެކަމަށް ހިތް ޖެހި މިއަދުވެސް އެންމެ ބޭނުން ވަނީ ބޮޑަށް ނޭޗާ ދައްކުވައިދޭ ފޮޓޯތައް ނަގަން ކަމަށެވެ.

އޭނާގެ އިންސްޓަގްރާމް ފޮޓޯތައް ފެނުމުން އަންތަރީސް ވިިއެވެ. ފޯނަކުން ނަގާފައިވާ ފޮޓޯއެކޭ ބުނަން ވެސް ދައްޗެވެ. ފާހަގަކޮށްލެވޭ ކަމަކީ ފޮޓޯތަކުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ދައްކާފައި ހުރި ކަމަށެވެ.

ފޮޓޯގެ އިތުރުން ވީޑިއޯ ކްލިޕްތައް ވެސް ޝިޔާމް ހަދާފައި ހުންނަނީ އެއަށް ނަޒަރު ހުއްޓޭ ފަދަ ގޮތްގޮތަށެވެ. އަމިއްލަ އެކްސްޕްރިމަންޓް ހަދައިގެން ހަދާފައިވާ މޮޅެތި ވީޑިއޯތަކާއި ފޯނުން ކެޕްޗާ ކޮށްފައިވާ ރީތި ފޮޓޯތައް ބަލާލަން އޭނާގެ އިންސްޓަގްރާމް ހުޅުވާނުލާ ދޫކޮށްނުލައްޗެވެ.

ހީވާގި މުދައްރިސެއްގެ އިތުރުން ރަށު ސްކޫލްގެ ޕްރިންސިޕަލްކަން ކޮށް އަދި މިހާރު އައިލެންޑާސް އެޑިއުކޭޝަންގެ މާކެޓިންގައި ސީނިއާ މެނޭޖަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ ޝިޔާމްގެ މި މަސައްކަތް ބޭރުގެ އެތައް ބަޔަކަަށް ވެސް ކަމުދެއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބު ތަކުގެ މޮޅެތި ފޮޓޯގްރާފަރުންގެ އިތުރުން ފިލްމު މޭކަރުންގެ ތައުރީފްތަކާއި ހިތްވަރުހެ ބަސްތައް ޝިޔާމަށް ލިބިފައި ހުރުން އެއީ އޭނާއަށް މި ދާއިރާއިން ކުރިއަށް ދިޔުމަށް ލިބުނު ވަރަށް ބޮޑި ހިތްވަރެއްކަމަށް އޭނާ ދެކެއެވެ.

"އެންމެ ފުރަތަމަ މިގޮތަށް އިންބޮކްސް ކުރަން ފެށީމަ ހީކުރީ ފޭކް އެކައުންޓުތަކުން ކަމަށް. އެކަމު ހަމަ އަސްލަށް ވެސް ބޭރުގެ ފޮޓޯގްރަފަރުންނާއި ފިލްމު ހަދާ މީހުން  އެބަހުރި މަސައްކަތް ފުރިހަމަ ކަމަށް ބުނެ ފޮޓޯތައް ރީތި ކަމަށް ބުނެފައި. ގިނަ މީހުން ބުނޭ ފޯނަކުން ނަގާފައި ހުންނަ ފޮޓޯތައް ހެން ހީވެސް ނުވެޔޭ" ޝިޔާމް ބުންޏެވެ. 

ކުރިން ތައުލީމީ ދާއިރާގައި މުޅިން ވެސް ހަރަކާތްތެރިވެފައިވާ ޝިޔާމް މިހާރު ވިސްނައިގެން ހުރީ އޭނާގެ މި ހުނަރު ބޭނުން ކޮށްގެން ދެވެން ހުރި އެންމެ އުހަކަށް ދާށެވެ. ވިޔަފާރިއެއް ގޮތަށް މިކަން ނުކުރާތީ ބައެއް ރައްޓެހިން މިހާރު ވެސް ޝަކުވާކޮށް ސުވާލު ކުރެއެވެ.

"އިރާދަކުރެއްވިޔާ މިހާރު ފޯނުން ފޮޓޯ އަދި ވީޑިއޯ ކުރިޔަސް މިކަމަށް ބޭނުންވާ އާލަތްތައް ހޯދައިގެން މި ދާއިރާއިން ކުރިއަށް ދާނަން. ވިސްނުން އެބަ ހުރި އެނިމޭޝަން ފިލްމު އެއްޗެހި ހެދުމުގެ އިތުރުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރަން. މިސާލަކަށް ކުޑަހުދިންނަށް އުނގެނުމުގައި ރިފަރެންސަށް ބޭނުންކުރެވޭ ކޮންޓެންޓު އުފެއްދުން'" ޝިޔާމް ބުންޏެވެ.

ގޭގައި ހުރެ އޮންލައިންކޮށް މި ދާއިރާއިން ތަމްރީން ވެސް ވަމުން އަންނަ ޝިޔާމް ބުނަނީ މިކަމުން ކުރިއަށްދާން އެންމެ ހިތްވަރު ލިބެނީ އޭނާގެ ފޮޓޯތައް ކަމުގޮސް އެކަމުގެ ވާހަކަ ދައްކާ ތައުރީފް ކުރާ ބެލުންތެެރިންގެ ސަބަބުން ކަމަށެވެ. އަދި މީގެ ކުރިން ފާހަގަކުރި އޭނާގެ ފޮޓޯތަކަށް ކޮމެންޓުކޮށް ހަދާ މޮޅެތި ފޮޓޯގްރަފަރުންގެ އިތުރުން އާއިލާގެ އެންމެންނާއި ގާތް ރައްޓެހިންގެ ފަރާތުން ލިބޭ ހިތްވަރުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

ޝިޔާމް ބުނި ގޮތުގައި ކޮންމެ ކަމެއް ވެސް މޮޅަށް ކުރަން ހުނަރެއް ލިބިފައި ހުރުމަކީ ނިއުމަތެކެވެ. އެހެން ނަމަވެސް ކޮންމެ މީހަކަށް ވެސް ފޮޓޯގްރަފީގެ އިތުރުން ކޮންމެ ކަމެއްގައި ވެސް ދިރާސާކޮށް ދަސްކޮށްގެން ކުރިއަށް ދެވޭނެ ކަމަށް އޭނާ ބުންޏެވެ. ބޭނުން ވަނީ އެކަމުން ކުރިއަށްދާން ފުރިހަމަ ޝައުގުވެރިކަމަކާއި ހިތްވަރެވެ. ޝިޔާމްގެ ވާހަކަ ނިންމާލީ ވެސް އޭނާ މިހާ ހިސާބަށް އައުމުގައި ހިތްވަރުދިން އެންމެނަށް ފަށްފަށުން ޝުކުރުއަދާ ކުރަމުންނެވެ.

ނޯޓް: ޝިޔާމް ހަދާފައި ވީޑިއޯތައް އޭނާގެ އިންސްޓަގްރާމް ޕޭޖުން ފެންނަން ހުންނާނެ އެވެ. އިތުރު ފޮޓޯ އަދި ވީޑިއޯ ބަލާލަން ބޭނުންނަމަ ޕޭޖު ހުޅުވާލާށެވެ.

https://instagram.com/shiyam_ahmed?utm_medium=copy_link

76%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް