
މިމައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް އިއްވި ޝަރީއަތް ހިންގުމުގައި އިޖުރާއީ ގޮތުން ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެފަދަ ހާލަތެއްގައި ޖެހޭނީ ހުކުމް ބާތިލްކުރަން ކަމަށް ބުނެފަ އެވެ.
ހައިކޯޓުގެ އިސްތިއުނާފް އަޑުއެހުމުގައި އަބްދުﷲ ސައީދުގެ ފަރާތުން ވަނީ ނުވަ ކަމެއް ފާހަގަކޮށްފަ އެވެ. އެކަންކަމާއި ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ސައީދުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ހައިކޯޓުގެ ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކުރުމަށް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އަބްދުﷲ ސައީދުގެ ފޯނުގައި ހެކިތަކެއް ހުރި ކަމަށް ބުރަވޭވެ ކަމަށް ކަނޑައަޅައި ދަށު ކޯޓުން މައްސަލަ ނިންމިއިރު އެގޮތަށް ބުރަވޭވެ ސަބަތުތަކެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ބުރަވެވޭ ހެއްކާއި ގަރީނާތައް ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. މިމައްސަލައިގައި އަބްދުﷲ ސައީދާ ދެކޮޅަށް ހެކިބަސް ދިން މީހުން ދީފައިވާ ހެކިބަހަށް ބަލާއިރު އެމީހުން ބުނެދީފައިވަނީ އަބްދުﷲ ސައީދުގެ ފޯނެއް އޮތްތައް ނޭގޭ ކަމުގެ ވާހަތަކެއް ކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ފޯނުގައި ހުރި މާއްދީ ހެކި ނައްތާލީ ކަމަށް ބުނެފައިވީ ނަމަވެސް ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަންވެސް ހުކުމްގައިވެ އެވެ.
ދަށު ކޯޓުގެ ހުކުމްގައި އަބްދުﷲ ސައީދަށް ދޫކޮށްފައިވާ ގާނޫނީ ވަކީލް ކަމުގެ ހުއްދައާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލްކޮށްފައިވާތީ އެއީ ކޮން މަގްސަދެއް ހާސިލުކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން ޝަރީއަތުން އެނގެން ނެތް ކަމަށެވެ. އަދި ދަށު ކޯޓުން މިމައްސަލައިގައި ސިއްރު ހެކިންގެ ހެކި ބަސް ނަގާފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ހިލާފަށް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
އެކެއް ފެބުރުއަރީގެ އަމުރާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް އެ މަނިކުފާނުގެ މައްޗަށް އެކިއެކި ތުހުމަތުތަކުގައި ދައުވާ އުފުލި އެވެ. އޭރު އެ މަނިކުފާނާއި އެކު އެއް މައްސަލައެއްގައި ދައުވާ އުފުލި މީހުންގެ ތެރެއިން ބައެއް މީހުން މިނިވަންވިތާ އެތައް ދުވަހެއް ވީއިރުވެސް އަބްދުﷲ ސައީދުގެ މައްސަލަ ދާދި ފަހަކަށް ޖެހެންދެން ވެސް އޮތީ މަޑު ޖެހިފަ އެވެ. ދަށު ކޯޓުން އެއް ގަޒިއްޔާއަކުން ބަލައި ހުކުމް ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްސަލައާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކުރިތާވެސް އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އަބްދުﷲ ސައީދުގެ މައްސަލައިގެ އަޑު އެހުންތައް ފެށުނީވެސް މި އަހަރުގެ ތެރޭގަ އެވެ.