ads
ބިދޭސީން މަސައްކަތް ކުރަނީ
ސަރުކާރަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށެއް ނުދެވޭ: ހިއުމަން ރައިޓްސް ވޮޗް
ރާއްޖޭގެ މިހާރުގެ ސަރުކާރުން އިންސާނީ ހައްގުތަށް ކަށަވަރު ކޮށްދިނުމުގައި ބޮޑުތަނުން ފެއިލް ވެފައި ވާކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފި އެވެ.

ނިމިދިޔަ 2021 ވަނަ އަހަރުގެ ރާއްޖޭގައި ހިނގާދިޔަ ކަންކަމަށް ރިއާޔަތްކޮށް ހިއުމަން ރައިޓްސް ވޮޗް އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގައި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވަމުންދާ ކަމަށެވެ.

އެގޮތުން ބިދޭސީންގެ މައްސަލައާއި އަނިޔާއާއި ޓޯޗާގެ މައްސަލަތަކާއި ޖަވާބުދާރީ ނުކުރުވުމުގެ މައްސަލައާއި ތިމާވެށީގެ މައްސަލައާއި އަންހެނުންނާއި ކުޑަކުދީންގެ ހައްގުތަކާ ބެހޭ މައްސަލަތަކުގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންކަން ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާކަމަށާއި އަދި ކޮމިޝަނަށް ނުފޫޒު ފޯރުވަމުން ގެންދާ ކަންވެސް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. 

އަދި ހަމަ އެހެންމެ، ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިން ދައުވާ އުފުލައިފައިވާއިރު، އެމައްސަލަ ކުރިއަށް ނުގެންގޮސް ލަސްވަމުން ދިއުމާއި ގުޅިގެން ސަރުކާރުން އެކަމަށް ފިޔަވޅު ނާޅާ ތިބޭ ކަމުގެ މައްސަލަވެސް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ރިޕޯޓްގައި ވަނީ 2013 ވަނަ އަހަރު ރާއްޖޭގައި އެންޓި ޓޯޗާ ގާނޫނު ފާސްވެގެން ދިޔަ ނަމަވެސް އަނިޔާ ލިބޭ އެތައް ފަރާތެއް ހުށައަޅާފައިވާ މައްސަލަތަކަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާކަމަށެވެ.

އަދި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް މިނިވަން ކަމާއި އެކު ހިޔާލު ފާޅު ކުރުމުގެ ހައްގުވެސް ނިގުޅައިގަނެފައި ވާކަމަށް އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް