ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންނަން ފެށިފައިވާކަމަށެވެ.
އެގޮތުން އަތޮޅު ތެރޭގައި ފުލުހުން މަސައްކަތްކުރާ ރަނގަޅު އޮނިގަނޑެއް އެކުލަވާލައި ރަށުގެ މުޖުތަމައުއާއި ކައުންސިލް އަދި އެހެނިހެން ރަށު ފެންވަރުގެ އިދާރާތަކާ އެކުއެކީގައި ކުށް މަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެއޮނިގަނޑު މަގުފަހިކޮށްދޭނެކަމަށް ސީޕީ ވިދާޅުވިއެވެ.
ހަމައެއާއެކު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް، ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާއި އެއާގުޅިގެން ތަފާތު ކުށްތަކަށް އަރައިގަންނަގަތުން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ޖަމާއަތް ހަދައިގެން ރާވައިގެން ހިންގާ ކުށްކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާމެދު ހިންގާ ކުށްތަކާއި އަންހެނުންނަށް އަނިޔާވެރިވުމާއި ހަރުކަށި ފިކުރު ފެތުރުން ފަދަ މައްސަލަތަކަކީ ދިވެހި މުޖުތަމައުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްކަމަށާއި ފުލުހުން ކޮންމެ ދުވަހަކުވެސް އެކަންކަމަށް ސަމާލުވެ، އެ ނުރައްކާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތްތައް އިންތިޒާމްކުރުމާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމާއި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް ފުލުހުންގެ ހިދުމަތް ބިނާކުރުމަށްކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުންކަމުގައި ވިދާޅުވިއެވެ.
ހަމައެއާއެކު ރަށުގައި ހިނގާ ކުށްތަކާއި ރަށަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކާ ގުޅޭ ކަންބޮޑުވުމާއި ކުށުގެ ބިރުވެރިކަމުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުން މުހިންމުކަން ފާހަގަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، މަޑަވެލީގައި ފުލުުހުންގެ މަރުކަޒެއް ގާއިމްވެފައި ހުރުމުން ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު ރަށުގައި ތިބެގެން މަސައްކަތްތަކެއް ކުރެވިގެންދާކަމަށެވެ.