އޭގެ ތެރޭގައި އިގްތިސާދު ވަޅު ޖެހުން މައިގަނޑު ރޯލެއް އަދާ ކުރެއެވެ. އަދި އެއާއެކު ވަޒީފާތައް ގެއްލުމާއި، އަގުތައް އުފުލިގެން ދިއުމާއި، ޗައިނާގެ ސިޓީއެއްކަމަށްވާ ޝީޖިއާންގގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ބޭނުންވާ މިންވަރަށް ވުރެން އިތުރަށް ތަކެތި އުފެއްދުމާއި، އެމެރިކާއާއެކު ކުރިއަށްދާ ވިޔަފާރީގެ އަރާރުމާއި، ފަރުދުންގެ ދަރަނި މަތިވެގެން ދިއުމަކީވެސް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހާސްކަމާއި ނުތަނަވަސްކަން އިތުރު ކޮށްދޭ ކަމެކެކެވެ.
ޗައިނާގެ އެކަޑެމިކް ދާއިރާގައި އުޅޭ ފަރާތްތަކުން ދަނީ ޗައިނާގެ ރައީސް ޝީޖިންޕިންގގެ ހަރުކަށި ހާރިޖީ ސިޔާސަތާމެދުވެސް ހިތްހަމަނުޖެހުން ދަނީ ފާޅުކުރަމުންނެވެ. މިފަރާތްތަކުގެ ހިތްހަމަނުޖެހުން އިތުރުވެފައި ވަނީ، ކޮމިއުނިސްޓް ސަރުކާރުގެ ސިޔާސަތާ ދެކޮޅުވެރިން ހޯދުމަށްޓަކައި އިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޖާސޫސްކުރުމުގެ ގޮތުން ސަރުކާރުން ކިޔަވާކުދިންގެ ޖާސޫސީ ގްރޫޕްތައް އުފައްދައި ހަރަކާތްތެރިކުރުވުމާ ގުޅިގެންނެވެ.
ކޮމިއުނިސްޓް ޕާޓީން ގެންގުޅޭ ހަރުކަށި ސިޔާސަތާ ދެކޮޅަށް ފާޑު ކިޔާފައިވާ އެތަކެއް ޕްރޮފެސަރުންނަކާއި ޓީޗަރުންނެއް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މަތީފެންވަރުގެ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރޭން ލިއާން ޝިންގ ނަމަކަށް ކިޔާ މީހަކުވެސް ވަނީ ފާޅުކުރި ހިޔާލެއްގެ ސަބަބުން ޑިމޯޓްކޮށްފައެވެ. ބެއިޖިންގ ޔުނިވަރސިޓީ އޮފް ސިވިލް އިންޖިއަރިންގ އެންޑް އަރކިޓެކްޗަގެ މެތެމެޓިކްސް ޕްރޮފެސަރއަކާމެދުވެސް ވަނީ ތައުދީބީ ފިޔަވަޅު އަޅާފައެވެ. އޭނާގެ ކުށަކަށްވީ ބުރަކޮށް މަސައްކަތްކުރާ ޖަޕާން ދަރިވަރުންނާއި އޭނާގެ ދަރިވަރުން އަޅާ ކިޔުމެވެ. އަދި ޖޫން މަހު ބެއިޖިންގ ސެކަންޑަރީ ސްކޫލުގެ ޓީޗަރަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އޭނާގެ ކުށަކީ ކުލާހުގައި ކުދިންނާއެކު ޓިއަނަމަން ސްކުއެއަރގެ މުޒާހަރާތަކާ މެދު ވާހަކަ ދެއްކުމެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި މަޝްހޫރު ޝިންގހުއާ ޔުނިވަސިޓީގެ ޕްރޮފެސަރު ލާއޯ ޑޮންގޔާން ލިޔުއްވި މަޒްމޫނަކާ ގުޅިގެން އޭނާއަށް ފިޔަވަޅު ނެޅީ ކިރިޔާއެވެ. އޭނާ ވަނީ އޭނާގެ ވީޗެޓް ކޮންޓްރޯލް ކުރަމުންދާކަމަށް ބުނެފައެވެ. އަދި ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީއާ މެދުވެސް ނުތަނަވަސްކަން ފާޅުކޮށްފައެވެ. މި ޕްރޮފެސަރަ އަކީ 300 ދަރިވަރުންނާއި އެހެން ޕްރޮފެސަރުންނާއެކު، އެ ޔުނިވަރސިޓީން 2019 ގައި ކޮމިއުނިސްޓް ޕާޓީއަށް ފާޑުކިޔައިގެން ސަސްޕެންޑްކޮށްފައިވާ އެހެން ޕްރޮފެސަރެއްގެ ދިފާއުގައި އިލްތިމާސެއްގައި ސޮއިކުރެއްވި ޕްރޮފެސަރެކެވެ.
ޕްރޮފެސާ ލާއޯ ޑޮންގޔާންގެ މަޒްމޫނުގައި ނުތަނަވަސްކަން ފާޅުކުރައްވާފައި ވަނީ ހޮޓާތަކާއި އެއާޕޯޓާއި ބެއިޖިންގ ސަބްވޭގައި ފޭޝަލް ރިކޮގްނިޝަން ސިސްޓަމްތައް ބެހެއްޓުމާ ގުޅިގެންނެވެ. އަދި އޭނާ ސުވާލު ކުރައްވަނީ، މުސްތަގްބަލުގައި ޖީން ނުވަތަ އިނގިލީގެ ނިޝާންގެ ރިކޮގްނިޝަންވެސް އަންނާނެ ތޯއެވެ. އަދި މި މަޒްމޫނުގައި އޭނާ ހުށަހަޅުއްވާފައިވަނީ މި ކަމާ ގުޅޭ ގާނޫނުތައް ހަދައި މިކަން ގަވާއިދެއްގެ ތެރެއަށް ފެއްތުމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޒީޖިއާންގ ގައި ހުންނަ ކޮމިއުނިކޭޝަން ޔުނިވަސިޓީގެ ޑެޕިއުޓީ ޑީން ޕްރޮފެސާ ޒާއޯ ސީޔުއާންއަށް ފިޔަވަޅު އަޅާފައިވަނީ، އާ ކިޔަވާ ކުދިންނާ މުހާތަބު ކުރެއްވި އިރު ކޮމިއުނިސްޓް ޕާޓީ ނުރުހޭ ފަދަ ބައެއް އިބާރާތްތައް ބޭނުން ކުރެއްވުމުންނެވެ.
ހަމަ އެއަހަރުގެ އޮގަސްޓް މަހު އިކޮނޮމިކްސްގެ ތަޖުރިބާކާރެއްކަމަށްވާ ޕްރޮފެސާ ސަން ވެންއުންގ ހައްޔަރުކޮށްފައި ވަނީ ވޮއިސް އޮފް އެމެރިކާއަށް ފޯނުން އޭނާ ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. މި އިންޓަވިއުގައި އޭނާ ވާހަކަ ދައްކަވާފައިވަނީ އޭނާގެ ސިޓީ ޖިއާންގެ ހާލަތާ ބެހޭ ގޮތުންނެވެ. އަދި މީގައި އޭނާވަނީ ޗައިނާއިން، ބޭރު ގައުމުތަކުގެ ކަންކަމާ ބެހި އުޅޭތީއާއި އެފަދަ ކަންކަމަށް ހޭދަ ކުރާތީ އެކަމަށް ފާޑު ވިދާޅުވެ، އެފައިސާ އޭނާގެ ސިޓީގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުން ކުރުމަށް ގޮވާލައްވާފައެވެ. މި އިންޓަވިއުގެ މެދުތެރޭގައި ފުލުހުން ވަނީ، އޭނާގެ އެޕާޓްމަންޓްގެ ދޮރު ވައްޓާލައިގެން ވަދެ އޭނާ ހައްޔަރުކޮށްފައެވެ.
ޝެންހާއީގެ ފޫޑާން ޔުނިވަސިޓީގައި ކިޔަވާކުދިން ދެކޮޅު ހަދާފައިވަނީ ސަރުކާރުން ޔުނިވަސިޓީގެ ޗާޓަރުގައި އޮންނަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބަޔަށް ބަދަލު ގެނައުމާ ގުޅިގެންނެވެ. މި ބައިގެ ބަދަލުގައި މިހާރު އިތުރުކޮށްފައިވަނީ ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ލީޑަރޝިޕް ވަރުގަދަ ކުރުމާ ބެހޭ ގޮތުންނެވެ. ޑިސެމްބަރު މަހު މި ޔުނިވަރސިޓީގެ ކުދިން ކިޔާފައިވާ ލަވައެއްގައި އެމީހުން ވަނީ މިނިވަންކަމާއެކު ވިސްނުމަށް ބާރުއަޅާފައެވެ. މި ލަވަ ވަގުތުން ދުރަށް ދެއްކިއިރު 1.7 މިލިއަން މީހުން ވަގުތުން ބަލަން ތިއްބެވެ. ފަހުން ސަރުކާރުން ވަނީ ސެންސަރުކޮށްފައެވެ.
ހަމައެދުވަހު ނާންޖިންގ ޔުނިވަސިޓީގެ ލިޓެރޭޗާ ސްކޫލުގެ ވައިސް ޕްރެޒިޑެންޓް ލޫ ޝިއާއޮޕިންގ ލިޔުނު ކޮމެންޓެއްގައި ވިދާޅުވެފައިވަނީ، ތަޢްލީމީ އަހްލާގާ ގުޅޭ ގޮތުން މިހާރު ވާހަކަ ނުދައްކައިފިނަމަ ފަހުން ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އެހެން ނަމަވެސް މި ޕޯސްޓް ކުރިތަނާ މާގިނަ އިރެއް ނުވެ ޑިލީޓް ކުރެވުނެވެ.
ގޮންޖޯގައި ޝާއިއުކުރާ ސަދަން މެޓްރޯޕޮލިސް ޑެއިލީ އިން ޝާއިއުކުރި ފޭޝަލް ރިކޮގްނިޝަންއާ ބެހޭ ސާވޭއެއްގައި ބުނެފައިވަނީ، 57 އިންސައްތަ މީހުން އުޅޭގޮތް ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއަރތަކުން ބަލަހައްޓަމުން ދާތީ އެކަމާ އުދަގޫވާ ކަމުގައެވެ. އަދި 50 އިންސައްތަ މީހުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ، މަކަރު ހެދުމުގެ ބޭނުމުގައި ކުށްކުރާ މީހުން، އެހެން މީހުންގެ މައުލޫމާތު ބޭނުންކުރަމުންދާތީއެވެ. އަށްޑިހަ ހަތަރު އިންސައްތަ މީހުން ބޭނުންވަނީ، އެމީހުންގެ ޒާތީ މައުލޫމާތު ބެލުމަށާއި އެތަކެތި ޑިލީޓް ކުރާނެ ގޮތެއް އޮތުމަށެވެ. އެހެން ނަމަވެސް 60 އިންސައްތައާއި 70 އިންސައްތަ މީހުން ބުނެފައިވަނީ ފޭޝަލް ރިކޮގްނިޝަންގެ ވަސީލަތްތައް ބޭނުން ކުރުމުގެ ސަބަބުން އާންމު ތަންތަން ކުރިއަށްވުރެން އަމާން ވެފައިވާ ކަމުގައެވެ.
ޗައިނާ ބަހުން 6 ޑިސެމްބަރުގައި ބީބީސީން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ގިނަ މީހުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ ގައުމުން ބޭރުގައި އެމީހުން ރައްކާކޮށްފައިވާ އެމީހުންގެ މުއްސަނދިކަމުގެ މައުލޫމާތު ސަރުކާރަށް އެނގިދާނެތީއެވެ.
ޗައިނާގައި އާންމު ވަމުންދާ ނުތަނަވަސްކަމުން ރައީސް ޝީ ޖިންގޕިންގެ ބާރު ކޮންމެވެސް ވަރަކަށް ހީނަރުވުމަށް މަގުފަހި ވެގެން ދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ޗައިނާގެ އިގްތިސާދަށް އަރަމުންދާ ލޮޅުމަކީ، ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓާއި ޗައިނާއިން އަވަށްޓެރި ގައުމުތަކާއި ސަރަހައްދުގައި ދައްކަމުންދާ ބާރަށްވެސް އޭގެ އަސަރު ކުރާނެ ކަންކަމެވެ. ބެލެވޭ ގޮތުގައި ޗައިނާގެ ސިފައިންނާ ހަވާލުކޮށްގެން ބަންނަމުންގެންދާ އާގު ބޯޓްފަހަރާއި އުޅަނދުފަހަރު ބަނުމުގެ މަސައްކަތް މަޑުމަޑުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ސިފައިންނާ މަޝްވަރާ ކޮށްފައެވެ. އަދި މިހާރު ފާހަގަ ކުރަމުންދާ ޗައިނީޒް ނިއު ހިޔާ ގައި އޫރުމަހުގެ އަގު ބޮޑުވެގެން ދިއުމަކީވެސް ރައްޔިތުން ނުތަނަވަސްކަން ފާޅު ކުރާނެ ކަމެއްކަމަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ.
ޗައިނާގެ އެތެރޭގައި އުފެދެމުންދާ ހިތްހަމަ ނުޖެހުން އިތުރުވާއިރު އަވަށްޓެރި ގައުމުތައްކަމަށްވާ ހޮންކޮންގއާއި ތައިވާނުން ވެސް ފެންނަމުންދަނީ ޗައިނާ އާ މެދު ހިތްހަމަނުޖެހުން އިތުރުވަމުންދާ މަންޒަރުތަކެވެ. ތައިވާން މިނިވަންކޮށް ބޭއްވުމަށް ބާރުއަޅާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީގެ ކެންޑިޑޭޓުންނަށް 11 ޖެނުއަރީގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއަކީ ޗައިނާއިން ތައިވާނާއި ޗައިނާ އެއްކޮށްލުމަށް ދެކެމުންދާ ހުވަފެން ދިގު މުއްދަތަކަށް ފަނޑުވެގެން ދާނެކަމެއްކަމުގައި ބެލެވެއެވެ. އަދި ޖެނުއަރީ 25ގައި ފެށޭ ރެޓް އިޔަ ނުވަތަ ޗައިނާގެ މީދަލުގެ އަހަރުގައި ރައީސް ޝީ ޖިންގ ޕިންއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.