އަނެއްކާވެސް ކޮވިޑް-19 ގެ ރާޅުތައް ދިވެހި ފަސްގަނޑަށް ހުއްޓުމެއް ނެތި އަރަމުން އަންނަ މިދަނޑިވަޅުގައިވެސް އެންމެ ބާރަށް އިދާރާތަކުން ދައްކަމުން ދަނީ، އެއްކަލަ ފަރުދީ ޒިންމާގެ ވާހަކައެވެ. ކޮވިޑްގެ ހާލަތުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުން، އެބޭފުޅުންގެ ޒިންމާ އަދާކުރައްވަމުން މުޖުތަމައުގެ ފަރާތުން އެދުނީ މުޖުތަމައުގެ ބައި ފުރިހަމަ ކުރާށެވެ. އެއީ ފަރުދީ ޒިންމާ އަދާކުރުމެވެ. އަދި ދިވެހިން އެ ބޭފުޅުންގެ އެދުމަށް އިހުތިރާމްކޮށް އެ ފަރުދީ ޒިންމާވެސް އަދާ ކުރިއެވެ. ނުކުރާ މީހުން ނޫޅެއެކޭ ނޫނެވެ.
2022 ވަނަ އަހަރު ދިވެހިންނަށް ފެށިގެން މިދިޔައީ، ނުރައްކާތެރި މި ވަބާގެ ނުރައްކާ ދެގުން ބޮޑު "އޮމިކްރޮން" ވޭރިއަންޓާއި އެކު އެވެ. ދުނިޔޭގެ ސިއްހީ އިދާރާތަކުން ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުން ނަމަ، ވެކްސިންގެ ޑޯޒްތައް ޖަހައިގެން ހުރި މީހެއް ނަމަވެސް މި ވޭރިއަންޓުގެ ނުރައްކާ އޮތް ކަމަށެވެ. އެހެން ނަމަވެސް ބައެއް މާހިރުން މިކަމާއި މެދު ދެކެނީ، މިއީ އެހާ ބޮޑު ކަމެއްގެ ގޮތުގައެއް ނޫނެވެ. ކޮންމެއަކަސް މި ވޭރިއަންޓުގެ ނުރައްކާތެރި މިންވަރު މި ދިވެހި ރާއްޖޭއިން ބަލި ޖެހޭ މީހުންގެ އަދަދަށް ބަލާލުމުން އެކަނިވެސް ފުދެއެވެ.
ތަންފީޒީ އިދާރާތަކުގެ ބޭނުމަކީ، ކަންކަން ކުރިއަށް ދާގޮތް ރަނގަޅަށް ބަލާ ނުކަސިޔާރު ގޮތަކަށް ކަންކަން ދާނަމަ އެކަމަށް ފިޔަވަޅު އެޅުމެވެ. ނުވަތަ އެކަމެއްގެ ބެލެނިވެރި ފަރާތަށް އެމައްސަލައެއް ނުވަތަ އެކަމެއް ހުށައަޅައިގެން އެކަން ހައްލު ކުރުމެވެ. އެހެން ނަމަވެސް ރާއްޖޭގެ ތަންފީޒީ އިދާރާތަކުން ކުރާ ކަންކަމުން ދިވެހިން މިއަދު ތިބީ ހަމަ ހަގީގަތުގައިވެސް އަންތަރީސް ވެފައެވެ. ނަމުން ތަންފީޒީ އިދާރާތަކޭ ކީ ނަމަވެސް ތަންފީޒު ކުރަނީ ކޮން ކަމެއްކަން މިހާރަކު ނޭނގެއެވެ.
ކޮވިޑް-19 ގެ ނުރައްކާ އިތުރުވާ ކޮންމެ ދަނޑިވަޅެއްގައި ހެލްތު މިނިސްޓްރީ އާއި، އެޗްޕީއޭއާއި، ފުލުހުންނާއި ސިފައިންގެ އިތުރުންވެސް އެކި އެކި އިދާރާތަކުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ބަލީގެ ނުރައްކާތެރި ކަން ހާމަ ކޮށްދެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތައް އެކި ގޮތްގޮތަށް ތަފްސީލް ކޮށްދެއެވެ. ގައިދުރުކަން ބެހެއްޓުމާ، މާސްކު އެޅުމާ، ގިނަ މީހުން އެއްވެ ނޫޅުންފަދަ އެތައް ކަމެއްގެ ވާހަކަ އިދާރާތަކުން ޓީވީ ކުރިމަތީ ތިބެ ދައްކަމުން ދެއެވެ. އެހެން ނަމަވެސް އެކަން އަމަލީ ގޮތުން ކުރުވުމަށް ނުވަތަ އެކަން ތަންފީޒު ކުރުމަށް ކުރާ ހަމަ އެއް ކަމެއްވެސް ނުފެނެއެވެ.
ބައްޔަށް ޕޮޒޮޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރުވެސް މިކަމަށް ސަމާލުކަންދޭ މިންވަރު މިހާރު ވަނީ ކުޑަވެފައެވެ. މާސްކު ނާޅާ މީހުން އިންތިހާއަށް އިތުރު ވެފައި ވާއިރު، އެކަން ހުއްޓުވަން ހަވާލުކޮށްފައިވާ ތަންފީޒީ އިދާރާ އަކީ ފުލުހުން ކަމަށް ބުނާ އަޑުއަހަމެވެ. އެހެން ނަމަވެސް މުޒާހަރާތައް ހުއްޓުވުން ފިޔަވައި އެ އިދާރާއިން ކުރާ އިތުރުކަމެއް މިއަދު އޮތް ހެނެއް ހިއެއް ނުވެއެވެ. މާސްކު އެޅުމަކީ އެއްކަލަ ފަރުދީ ޒިންމާގެ ތެރެއިން ވާކަމެއް ކަމަށާއި، އެކަން އަމިއްލަ ފަރުދުން ކޮށްލައިގެން ތިބޭނެތާއޭ ބުނާ ކަހަލައެވެ. މިކަމާއި މެދު އަޅާ ފިޔަވަޅެއް ކުރި ކަމެއް ފެންނަން ނެތުމަކީ ހިތާމަ ހުރި ކަމެކެވެ.
ފަރުދީ ޒިންމާ ނެގުމުގެ މާނަ އަކީ، އިދާރާތަކުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުން ކަމުގައި ވަނީނަމަ އިދާރާތައް އޮތުމުގެ ބޭނުމެއް އޮތް ހެނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ. އެހެން ކަމަށް ވާނަމަ އިދާރާތައް އުވާލާ އެ ފައިސާކޮޅު ވެސް ދައުލަތުން ކޮންމެސް އެހެން ދިމާލަކަށް ބޭނުން ކޮށްލުން މާ ބުއްދިވެރި ވާނެއެވެ. މި ބަލިމަޑު ކަމުގެ ތެރޭގައި ހާލުގައި ޖެހުނު އެތައް އާއިލާ ތަކަކަށް އެހީވުމަށްވެސް މި ފައިސާ ބޭނުން ކޮށްލެވިދާނެއެވެ.
ފަރުދީ ޒިންމާ އަކީވެސް ނަގަންޖެހޭ އެއްޗެކެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ރައްޔިތުންގެ ބޮލަށް މި ޒިންމާ ޖެހުމުގެ ކުރިން ސަރުކާރުގެ އިދާރާތަކާއި ތަންފީޒު ކުރަން ތިބި ފަރާތްތަކުން ނަގަން ޖެހޭ ޒިންމާ ނެގުމަކީ މުހިއްމު ކަމެކެވެ. މީގެ ކުރިންވެސް ބަލީގެ ނުރައްކާ އިތުރުވެގެން ދިޔައީ، އިދާރާތަކުން އެކަމަށް ބަހައްޓަންޖެހޭ ސަމާލުކަަން ނުބެހެއްޓުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެން ކަމުން މިފަހަރު ފަރުދީ ޒިންމާ އޭ ނުކިޔާ އިދާރާތަކުގެ ޒިންމާ ނެގުން ބުއްދު ވެރި ވާނެއެވެ.
ކޮވިޑް-19 ގެ އާ ވެރިއަންޓުގެ ނުރައްކާ މިހާ އިތުރުވެފައި ވާއިރު، އިތުރަށް މި ނުރައްކާތެރިކަން ބޮޑުވިޔަ ނުދިނުމަށް އިދާރާތަކުން މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމެކެވެ. ފަހަރުގައި އިދާރާތަކުން އަޅާ ފިޔަވަޅު ތަކުގެ ސަބަބުން ބައެއް ރައްޔިތުން ހިތްހަމަ ނުޖެހުނަސް އެންމެންގެ ރައްކާތެރި ކަމަށް ފިޔަވަޅު އެޅުމަކީ އިދާރާތަކުގެ މައްޗަށް ގާނޫނު އަސާސީއިން ލާޒިމް ކޮށްފައި ވާކަމެކެވެ. އެހެން ކަމުން ގާނޫނު އަސާސީއަށް ހުރުމަތް ތެރިކޮށް ހިތާ އިދާރާތަކުގެ ޒިންމާ ނެގުމަށް ގޮވާލަމެވެ.
އާއްމުން ފަރުދީ ޒިންމާ އަދާ ކުރުމަކީ މި ދަނޑިވަޅުގައި ވެސް މުހިއްމު ކަމެކެވެ. ފަހަރުގައިވެސް މިއީ ފަރުދީ ޒިންމާ ނުނެގުމަށް ބުނެ ހިތްވަރު ދެނީއެއް ނޫނެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިއްމުކަމެވެ. އަޅުގަނޑުމެން ދިވެހިން މިކަހަލަ ކިތަންމެ ދުވަހެއް ދެކެފީމެވެ. އެކަހަލަ ކޮންމެ ކަމަކުންވެސް އަރައިގަނެވެނީ ދިވެހިންގެ އެއްބައިވަންތަކަން އޮވެގެންނެވެ.