ads
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސް
ދާއިރާގެ ރައްޔިތުންނަށް އިންޓްރެސްޓު ފްރީ ލޯނު ދޭނަން: ހަންނާނު
ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހަވާލު ކޮށްފިނަމަ ދާއިރާގެ ރައްޔިތުންނަށް މުސާރައިން ލޯނު ދެއްވާނެ ކަމަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް ވިދާޅުވެއްޖެއެވެ.

ހަންނާން މިފަދައިން ވިދާޅުވެފައި މިވަނީ، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ހަންނާންގެ ވައުދުތައް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ޖަލްސާގައި ވާހަކަ ދައްކަމުން ހަންނަނާން ވިދާޅުވީ، ދާއިރާގައި ފުދުންތެރި ރައްޔިތުންތަކެއް ބިނާކުރުމުގެ ގޮތުން "ފުދުންތެރި ފަންޑް" ގެ ނަމުގައި ދެ މިލިއަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން އިންޓްރެސްޓް ފްރީ ލޯނުތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކައް ދޭނެ ކަމަށާއި، އަދި މި ފައިސާ އަކީ، މަޖިލީހުން ލިބޭ މުސާރައިން ދިނުމަށް ނިންމާފައިވާ ފައިސާ ކަމަށްވެސް ހަންނާން ވިދާޅުވިއެވެ. 

"އަޅުގަނޑު ދަންނަވާނީ ﷲގެ ރަހުމަތްފުޅުން މި ގޮނޑިއަށް ތިބޭފުޅުން އަޅުގަނޑު ހޮއްވަވައިފި ކަމުގައިވާނަމަ، ކުރިއަށް އޮތް ދެ އަހަރު އަޅުގަނޑަށް ލިބޭ ދެ މިލިއަން ރުފިޔާ އަޅުގަނޑު ހަރަދު ކުރާނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި އެބޭފުޅުންގެ މެދު ފަންތީގެ ވިޔަފާރިވެރިންގެ މަސައްކަތަށް،" ހަންނާން ވިދާޅުވިއެވެ.

މީގެ އިތުރުން ރޯދަ މަހު ދާއިރާގެ ތިން ރަށުން އުމްރާއަށް ތިން މީހުން ފޮނުވުމާއި ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން މަރްހޫމް ހުސައިންގެ ހަނދާނުގައި ފުޓްސަލް މުބާރާތެއް ބާއްވާނެ ކަމަށްވެސް ހަންނާން ވަނީ ވައުދު ވެވަޑައިގެންފައެވެ.

ފޯކައިދޫ ހެލްތު ސެންޓަރު ތަރައްގީކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީވުމާއި، ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް އެޅުމުގެ އިތުރުން ފޯކައިދޫގައި ފައިސާގެ މުއާމަލާތު ފަސޭހަ ކުރުމަށް އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، މަރޮށީގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި ރަށުގެ އިންޑޯ ޖިމަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ އިތުރުން މަރޮށީ ސްކޫލް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ހަންނާނު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަމުން، ކޮމަންޑޫގައި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ސްލިޕްވޭ ގާއިމުކުރުމުުގެ އިތުރުން ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ކުޅޭނެ ދަނޑެއް އަޅައިދިނުމަށް ހަންނާން ވައުދު ވެވަޑައިގެންނެވިއެވެ. އަދި ކޮމަންޑޫގެ ތައުލީމީ މަރުކަޒުގެ ހިދުމަތް ވަރުގަދަކޮށް ހިންގުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. 

ހަންނާނު ވިދާޅުވީ، ކޮމަންޑޫގެ ދެކުނުގައި އޮތް ދިގުވެލިދޫގައި އެއާޕޯޓެއް ހަދައިދިނުމަކީ އޭނާގެ ވައުދެއް ކަމަށެވެ. އެ ވާހަކަ ކޮންމެ ބަޔަކު ދެއްކިޔަސް އެ ހަގީގަތް ބަދަލު ނުވާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް