ads
ސެނަހިޔާގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކް: ފޮޓޯ|އަވަސް
އެލަވަންސް ހަމައަށް ނުލިބޭ, 6މަހަށް ލިބުނީ 5000ރ: ސެނެހިޔާގެ ޑޮކްޓަރުން
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިނުމަށް ވައުދުވި އެލެވެންސް ދިނުމުގައި ސެނަހިޔާގެ ފްލޫ ކްލިނިކް ގައި މަސައްކަތް ކުރާ ފަރާތްތަކަށް އިހުމާލު ވެފައި ވާކަމަށް އެ ކްލިނިކްގެ ބައެއް ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.
Advertisement

ކޮވިޑް-19 އާއި ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދޭން ފެށީ 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ.

އެގޮތުން އެލެވެންސް ދެނީ، ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާއެވެ.

އެލެވެންސް ދިނުމުގައި ހުރި ބައެއް ކަންކަމާއި ގުޅޭ ގޮތުން ސީއެންއެމް އަށް މައުލޫމާތު ދެއްވި ސެނަހިޔާގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު ވިދާޅުވީ، 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ހިސާބު ހެދުމަށްފަހު އެންމެ ގިނައިން ދިން ފަރާތަށްވެސް ދީފައިވަނީ، 5000 ރުފިޔާ ކަމަށެވެ. އެއީ މަހަކަށް 833.33 ރުފިޔާއެވެ. 

"އެންމެ ފުރަތަމަ ކޮވިޑް-19 އާއި ގުޅިގެން އެލެވެންސް ދޭނެ ކަމަށް ބުނި ފަހުން ފުރަތަމަ އެލެވެންސް ލިބުނީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި. އެފަހަރު ލިބުނީ ޖުމްލަ 5000 ރުފިޔާ. އެހެން ނަމަވެސް ކޮންމެ ދުވަހަކު ކަހަލަހެން ގޮތަކަށް މަސައްކަތް ކުރަމުން ދިޔައީ. ސަރުކާރުން ބުނީ، ދުވާލަކަށް 500ރފ ދޭނެ ކަމަށް އެހެން ނަމަވެސް މި ލިބުނީ، ޖުމްލަ ފަސް މަހަށް 5000 ރުފިޔާ." ސީއެންއެމް އަށް މައުލޫމާތު ދެއްވި ސެނަހިޔާގެ ޑޮކްޓަރު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އެފަހަރުވެސް ކަމާއި ބެހޭ އިދާރާތަކަށް މައްސަލަ ހުށައެޅި ކަމަށާއި، އެހެން ނަމަވެސް އިދާރާތަކުން އެކަމަށް އެއްބާރުލުން ދީފައި ނުވާކަމަށް ޑޮކްޓަރުން ވަނީވިދާޅުވެފައެވެ. އަދި އޭގެ ފަހުން ދެވަނަ ފަހަރަށް އެލެވެންސް ދިނީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށާއި، އެފަހަރު ކޮންމެ ފަރާތަކަށްވެސް ދިނީ ޖުމްލަ 6،928.12 ރުފިޔާ ކަމަށް ޑޮކްޓަރު ވދާޅުވެއެވެ. އަދި އެއީ ހުރިހާ ފަރާތްތަކަށް އެއްވަރަށް ދިނުމަށް ކަމަށް ބުނި ކަމަށާއި، އެހެން ނަމަވެސް ޗުއްޓީގައި ތިބި ފަރާތްތަކަށްވެސް މި އެލެވެންސް ލިބިފައި ވާކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން އެ ޑޮކްޓަރު ވިދާޅުވީ ކޮންމެ މަހަކުވެސް އެލެވެންސް ޝީޓު ފޮނުވާ ކަމަށާއި، އެލެވެންސްގެ ގޮތުގައި ލިބެންޖެހޭ އަދަދާއި ގާތަށްވެސް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެލެވެންސް ދޭން ސަރުކާރުން ނިންމީ އެއްވެސް ފަރާތަކުން އެދިގެން ނޫން ކަމަށާއި، އެހެން ކަމުން މިކަން މިގޮތަށް ކުރުމުން މިކަމުގައި ހުރި އިހުލާސްތެރި ކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

"ދެން އަޅުގަނޑުމެނަށް އެލެވެންސް މި ލިބުނީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު. ހަ މަސް ދުވަހު ކެނޑިނޭޅި މަސައްކަތް ކުރުމުން މި ލިބުނީ، މަހަކަށް 1،154.68 ރުފިޔާގެ ރޭޓުން 6،928.12 ރުފިޔާ. މި އެލެވެންސް ދޭން ސަރުކާރުން ބުނީ، ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަކި ރޭޓެއް. އެހެން ނަމަވެސް ތަނުގައި މަސައްކަތް ކުރި އެންމެނަށް އެއްވަރަކަށް ދީފަ މިވަނީ. ޗުއްޓީގައި ތިބި ފަރާތްތަކަށްވެސް މި ގޮތަށް އެލެވެންސް ދިނުމުން ފައިސާ ޖަމާވި." ޑޮކްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ ފަހުން އެލެވެންސް ދިން އިރު، ހައި ރިސްކްގައި މަސައްކަތް ކުރާ ފަރާތްތަކާއި މީޑިއަމް ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެއްވަރަކަށް ފައިސާ ދީފައި ވާކަމަށާއި، މީގެ ތެރޭގައި ދުވަހަކުވެސް ޕޭޝަންޓްއަކާއި ދިމާ ނުވާ ފަރާތްތައްވެސް ހިމެނޭ ކަމަށް ޑޮކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. 

"ސަރުކާރުން ކަނޑައެޅީ ވަކި ކެޓެގަރީތަކަކަށް ވަކި އަދަދެއް ދޭން. އެހެން ނަމަވެސް އެންމެ ފަހުން ބެހި އިރު ހުރިހާ ފާރާތްތަކަށް އެލެވެންސް ބެހީ އެއްވަރަކަށް. މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމުން އެ ފައިސާ އެންމެނަށް އެއްވަރަށް ބަހަން ސެނަހިޔާއިން ނިންމީކަމަށް ބުނީ. މިއީ ހަގީގަތުގައި އިންސާފުވެރިކޮށް ދިޔަ ކަމެއް ނޫން." ސީއެންއެމް އަށް މައުލޫމާތު ދެއްވި ޑޮކްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސީއެންއެމް އަށް ދިން އިންޓަވިއުގައި ޑޮކްޓަރު ވިދާޅުވީ، މިކަމާއި ގުޅިގެން އެތައް ތަނަކަށް މައްސަލަ ހުށައެޅިފައި ވާކަމަށާއި، އެހެން ނަމަވެސް އަދިވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެންމެ ފަހުން އެލެވެންސް ދިން ފަހަރު ސެނަހިޔާގެ ފްލޫ ކްލިނިކްގައި މަސައްކަތް ކުރާ އެއްވެސް ފަރާތަކަށް އެލެވެންސް ލިބިފައި ނުވާކަމަށްވެސް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ. 

އަދި މިކަމާއި ގުޅިގެން ފްލޫ ކްލިނިކްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ސެނަހިޔާ ގެ އިތުރުން އެމްއެންޑީއެފް އަށް ޕެޓިޝަނެއް ހުށައަޅާފައި ވާނެ ކަމަށާއި، އެހެން ނަމަވެސް އެކަމަށް އަދި ވަކި ޖަވާބެއް ދީފައި ނުވާ ކަމަށެވެ.  

މިކަމާއި ގުޅިގެން ސެނަހިޔާގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވުމުން ސެނަހިޔާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.  

21%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް