ads
ދެ ލޯބިވެރިން--
ދިޔައީ ކައިވެންޏަށް ތައްޔާރުވަމުން، ފެނުނީ ފުރާނަ ނެތް ހަށިގަނޑު!
ޒާޔާ ފުރައިގެންދިޔައީ ފިދާވަމުން ދިޔަ އެ ދެ ލޯބިވެރިންގެ ކައިވެންޏަށްޓަކައި ދުވަސްތައް ގުނަމުންދަނިކޮށް ލިބުނު ކުރު މުއްދަތުގެ ކޯހެއްގަ އެވެ. ކޯސް ނިންމާލާފައި ޒާޔާ ރާއްޖެ އައީ އޭނާގެ އުއްމީދުތައް ހަގީގަތަކަށް ހެދޭނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް އެނބުރި ރާއްޖެ އައިސް، އާޒިދު އާ ބައްދަލުވި އިރު ފެންނަށް އޮތީ އާޒިދުގެ ފުރާނަ ނެތް ހަށިގަނޑެއެވެ.
Advertisement

އެ ހަށިގަނޑު ވަޅީގެ މިޔައިން ޒަހަމްވެގެން ދިޔައީ އެވެ. އެންމެ ފަހުގެ ނޭވާ އަނިޔާވެރިއެއްގެ މުށުތެރެއަށް ދޫ ވެގެންދާނީ ޒާޔާ އާއެކު އުޅުނު އުފާވެރި ދުވަސްތަކުގެ ހަނދާންތަކާ އެކު ކަމަށް ޒާޔާ ބުންޏެވެ. ޒާޔާގެ ހިތް މިއަދު ވެސް ވަނީ އާޒިދުގެ ނަމުން ބިންވަޅު ނެގިފައި ކަމަށް ޒާޔާ ބުންޏެވެ.

ޒާޔާ އޭނާގެ މި ހިތްދަތި ހާދިސާގެ ވާހަކަ "ސީއެންއެމް" އަށް ކިޔައިދެމުން ބުނީ އޭނާއަކީ އާޒިދުގެ ދެ ދުނިޔޭގައި ވެސް ބައިވެރިޔާ ކަމަށާއި، އާޒިދު އަށްޓަކައި އޭނާ އަބަދު ވެސް ހެޔޮދުއާ ކުރާ ކަމަށެވެ. ޒާޔާގެ ވާހަކަތައް ކުރިއަށް ގެންދިޔަ އިރުވެސް އޭނާ ހިތުގައި އާޒިދުއަށް ދެވިފައި ވަނީ ހާއްސަ ގަދަރެއްކަން ފާހަގަ ވެގެން ދިޔައެވެ. 

ޒާޔާގެ އުދާސްތައް ބަންޑުން ކުރަމުން ޒާޔާ ވާހަކަ ފަށައިގަތީ ފުރަތަމަ ވެސް އޭނާ އާޒިދު އާއި ދިމާވި ހިސާބުން ނެވެ. އާޒިދު އަކީ އޭނާގެ ކުލާސްމޭޓެއްކަމަށާއި ގްރޭޑް ހަޔަކުން ފެށިގެން، ދެ މީހުންގެ އެކުވެރިކަން ބަދަހިވެ، ގްރޭޑް 10 އަކަށް އާދެވުނު އިރު ލޯބީގެ ގޮތުން ދެ މީހުންވަނީ ގުޅިފަ ކަމަށް އޭނާ ބުންޏެވެ.

ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އާޒިދުގެ ފަރާތުން ޒާޔާއަށް ފެންނަމުން ދިޔައީ މިޒަމާނުގެ ފިރިހެން ކުދިންގެ ކިބައިން ފެންނަ ކަހަލަ ވިޔާނުދާ ސިފަތަކާ ދުރުގައި ހުރި އަހުލާގު ރަނގަޅު ކުއްޖެކެވެ. ނަތީޖާއަކަށްވީ ޒާޔާގެ މުޅި ހިތް އާޒިދުއަށް މިލްކުވެގެންދިޔުމެވެ. ޒާޔާ ބުނީ އާޒިދު ދެކެ އެންމެ ލޯބިވާ ސަބަބަކީ ވެސް އޭނާގެ ގައިގައި ހުރި އެ އެމާތް ރީތި ސިފަތައް ކަމަށެވެ.

މިއަދު އާޒިދު މަރުވެފައިވީ ނަމަވެސް އަބަދު ވެސް، ޒާޔާއަށް ޔަގީންވާ އެއްކަމަކީ އާޒިދުގެ ފުރާނަ ކައްވަޅު ގައި ވިޔަސް އޭނާ އެދޭނީ ޒާޔާއަށް ހެޔޮގޮތް ވުމަށް ކަމަށެވެ. ސްކޫލް ދައުރު ނިމި އާޒިދު އާއި ޒާޔާ ދެ މީހުން ދިޔައީ ކައިވެއްޏަށް ތައްޔާރުވަމުން ކަމަށާއި، ކައިވެނީގެ ބައެއް ސާމާނު ވެސް އޭރު ގަނެފައި ވާކަމަށް ޒާޔާ ބުންޏެވެ. 

"ދުވަސްކޮޅުގެ ގޮތުން ދެ މީހުންނަށް އޭރު ތިބެން ޖެހުނީ ދެ ތަނެއްގައި. އަހަރެން ކޯހެއް ހަދަން ރާއްޖޭން ބޭރުގައި އުޅުނީ. ނަމަވެސް ކޯސް ނިމެން ބާކީ އޮތީ ހަތަރު ދުވަސް ވީމަ ރާއްޖެ އަންނަން އަހަރެން ދިޔައީ ތައްޔާރު ވަމުން. އާޒިދު ވެސް ކައިވެނީގެ ކަންތަކުގައި އުޅުނީ. އަހަރެން އަންނަން ދެން. ދަތުރަށް ތައްޔާރު ވަމުން އަހަރެން ވެފައި ހުރި ވަރުބަލި ކަމާއެކު ނިދުނީ. އެރެއަކީ ހަޔާތުގެ ބިޔަކަނޑަކަށް އަރަގުވެގެން ދިޔަރެއެއް،" ޒާޔާ ބުންޏެވެ.

ޒާޔާ އަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގާ ބެލީ އެހާވަރަށް ގުޅާފައޮތީ އާޒިދު ކަމަށް ހީކޮށްގެން ކަމަށާއި، ނަމަވެސް ކަންދިމާވެގެން ދިޔައީ ހީކުރިގޮތާއި މުޅިން ހިލާފަށް ކަމަށް ޒާޔާ ބުންޏެވެ. އެކި ނަމްބަރު ތަކުން ގުޅާފައި އިން އިރު، އާޒިދުގެ ކޯލެއް ނެތެވެ.

"ފާހާނާއަށް ވަދެ މޫނު ދޮވެގެން ކޮޓަރިއަށް ނިކުން އިރު އަނެއްކާ ވެސް ފޯނު ރިންގުވާން ފެށި. ބެލިއިރު ގުޅީ މަންމަ. ފޯނު ނެގިތަނާ މަންމަ ރޯން ފަށައިފި. ބުނި ދަރިފުޅާއޭ މާދަމާ ރާއްޖެ އާދެވޭތޯ ބަލަށެ. އިތުރު އެއްޗެއް ނުބުނެ ފޯނު ކަނޑާލި،" ޒާޔާ ބުންޏެވެ.

އޭނާ ބުނީ އެ ކޯލަށް ފަހު އެއްވެސް ކޯލެއް އޭނާއަށް ނުލިބުނު ކަމަށާއި އަދި އޭނާ ވެސް ވަރަށް ގިނައިން އާއިލާގެ މީހުންނަށް ގުޅި ކަމަށާއި ނަމަވެސް އެއްވެސް މީހަކު ފޯނު ނުނެގި ކަމަށެވެ.

އޭރު ވެސް ވެގެން އުޅޭގޮތެއް ޒާޔާ އަށް ނޭނގޭ ކަަމަށް ޒާޔާ ބުންޏެވެ. މެންދުރު ފަހު ތިނެއް ޖަހަން ވާއިރަށް ރާއްޖެ އާދެވޭ ގޮތަށް އޭރު ވެސް އޮތީ ޓިކެޓް ނަގާފަ އެވެ. ފްލައިޓް ނައްޓާލުމާއެކު ޒާޔާ ހުރީ އުފަލުން ކަމަށާއި، ވައިގެ ބަނދަރުގައި ބޯޓް ޖެއްސުމާއެކު އަވަހަށް ގެއަށް ދިއުމަށް ޒާޔާ އަވަސް ވެގަތް ކަމަށް ޒާޔާ ބުންޏެވެ. 

އާޒިދުއަށް އަންގާ ވެސް ނުލާ ޒާޔާ ރާއްޖެ އައީ އާޒިދު އަށް ސަޕްރައިޒެއް ދިނުމަށެވެ. ޓެކްސީ އެއް ނަގައިގެން އޭނާ ދިޔައީ އަވަހަށް ގެއަށެވެ. 

"އަހަރެން ބުނި އޭޑްރެހަށް ޓެކްސީ މަޑު ކުރުމާއެކު އަވަހަށް ފޭބީން. ފޮށިތައް ބޭރުގައި ބެހެއްޓުމަށް ފަހު އަވަސް އަވަހަށް އެތެރެއަށް ވަނީ ކުއްލި އަކަށް އިވުނީ ގަބޫލު ކުރަން ދަތި އަޑެއް. ބަޔަކު އާޒިދު މަރާލީ އޭ. ޒާޔާ އަށް އެނގިއްޖިއްޔާ އޭނާ ވަރަށް ދެރަވާނެޔޭ. އެހެން ދޮންތަ ބުނީ. އެވަގުތު އަހަންނަން ހީވީ އަހަރެން ފައިދަށުން ބިންގަނޑު ކަނޑައިގެން ގޮސް އަޑިއަށް ދިޔަހެން،" ޒާޔާ ބުންޏެވެ.

އޭރު އަދި އާޒިދު ވަޅު ނުލާކަން އެނގުނެވެ. ހިތް ކުދި ކުދިވެ ވީރާނާ ވެފައިވާ ހާލު އާޒިދު އާ ބައްދަލު ކުރަން ދިޔައިރު ފެނުނީ އޭނާގެ ފުރާނަ ނެތް މަސްގަނޑެވެ. އާޒިދު މަރާލީ އެއްވެސް ކުށެއް ނެތި ކަމަށާއި ބަޔަކު މަރާލަން ޓާގެޓް ކޮށްފައި ހުރި މީހެއްކަމަށް ހީކޮށްގެން ކަމަށް ފަހުން އެތައް ބައެއްގެ ފަރާތުން އެނގިފައިވާ ކަމަށް ޒާޔާ ބުންޏެވެ.

ގުރޫޕް އަކުން މަރާލަން ޓާގެޓް ކޮށްފައި ހުރި މީހެއްކަމަށް ހީކޮށް، ވައްތަރުވެގެން އާޒިދު މަރާލި ކަމަށެވެ. އޭނާ އަކީ އެއްވެސް ކުށެއް ނެތް ސުވަރުގެ ވަންތަ އަޅެއްކަމަށް ޒާޔާ ބުންޏެވެ. އެދުވަހަށް ފަހު ހިތް ކުދިކުދި ވެފައި ވިޔަސް އަދިޔަސް ހިތް ވަނީ އާޒިދުގެ ހަނދާން ތަކާއެކުގައި ކަމަށް އޭނާ ބުންޏެވެ. މިއަދު ވެސް އޭނާ ދެކެމުންދަނީ އާޒިދު އާ އެކު ދިރިއުޅެން ރޭވި ރޭވުންތަކެވެ.

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ދެހާހުގެ އަހަރުތަކުގައި ހިނގި ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ. އަދި މި ވާހަކައަށް ވާނީ ކުދިކުދި ބަދަލުތައް ގެނެވިފައެވެ.

29%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް