ads
ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އެތަނުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފުލުހުންގެ އިދާރާއިން ފަށައިފި އެވެ.
Advertisement

ފުލުހުންގެ އިދާރާއިން އެތަނުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފަށާފައި މިވަނީ، މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީކުރުވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް، ފުލުހުންގެ ކިބައިން ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން އެދުމުންނެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައި ވާކަމަށާއި، އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ކުރިއަށް ހުރި ދުވަސްތަކުގައި އާއްމު ކުރާނެ ކަމަށެވެ. 

ކުޑަކުދިންގެ ހިޔާގައި ކަންބޮޑުވާންޖެހޭ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން ވަނީ މީގެ ކުރިން ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި، ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް ތަނުގައި ނެތުމަކީ، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، އެމައްސަލަ ފާހަގަވުމުން އެކަން ރަނގަޅު ކުރަން ޖެންޑާ މިނިސްޓްރީއަށް އެއޮފީހުގެ ފަރާތުން މީގެ ކުރިން އެންގި ނަމަވެސް އެކަމަށް ސަމާލުކަން ނުދީ ކުދިން ބައިތިއްބަމުން ގެންދާ ކަމަށެވެ. 

އަދި އެތަނުގައި، އެފަދަ އިންތިޒާމުތައް ތަނުގައި ނެތުމަކީ، ކުޑަކުދިންގެ ހައްގު ރައްކާތެރި ކުރުމުގެ ގާނޫނުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ، ދިރިހުރުމުގެ ހައްގާއި، ކުދިންގެ މަސްލަހަތަށް އިސްކަންދީ މަސްލަހަތު ހިމާޔަތްކުރުމުގެ ހައްގާއި، ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަން ލިބުމުގެ ހައްގަށް އުނިކަން އަންނާނެ ފަދަ އަމަލެއް ކަމަށެވެ. 

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޖޫން މަހާއި ހަަަމަޔަށް ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ބަލައި ތަނުގެ ވެރިންނާއިމެދު ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާގައި ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން އެދިފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި އެތަނުގައި ވަނީ ގިނަ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ. އޭގެތެރޭގައި އެތަނުގައި ކުދިން ހަަމަނުޖެހުން ހިންގާ ބައެއް ފަހަރުތަކުގައި ރޯކޮށްލާފައިވެސް ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް