އެމެރިކާއަށާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި ވެކްސިންތަކަކީ ރާއްޖޭގެ އެންމެންނަށް ބޫސްޓަ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
އެމެރިކާއިން މިހާތަނަށް ހަތަރު ލައްކައަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން ވެސް ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެމެރިކާ ސަރުކާރުގެ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.
ރާއްޖެއަށް އިތުރު ދެ ލައްކައަށްވުރެ ގިނަ ވެކްސިން ޑޯޒް ހަދިޔާ ކުރުމަށް ފަހު ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ، މި ވެކްސިންގެ ޑޯޒްތައް ރާއްޖެއަށް ހަދިޔާ ކޮށްފައި މިވަނީ ދިވެހި ރާއްޖެއިން ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާއިން ދެމުންދާ އެއްބާރުލުމުގެ ތެރެއިން ކަމަށެވެ.
އެމްބަސީއިން އިތުރުން ބުނީ، ކޮވެކްސް އާއި ޔުނިސެފް އާއި ގުޅިގެން އެމެރިކާއިން އަބަދުވެސް ގައުމުތަކަށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެއްބާރުލުން ދެމުން ދާނެ ކަމަށާއި، ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓު ފެތުރެމުންދާ މިދަނޑިވަޅުގައި އޭޝިއާގެ ގައުމުތަކަށް އެގައުމުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމާއި، ރާއްޖެއަށް ބޭނުން ޖެހިފައިވާ އިތުރު ގިނަ އެހީތަކެއް ވެސް އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ދީފައިވާކަން ފާހަގަކޮށް ބުނެފައިވަނީ ކޮވިޑް ފެސިލިޓީ ތަކުގައި ބޭނުން ކުރުމަށް 60 ވެންޓިލޭޓަރު އެގައުމުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް 1.2 ބިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ވެފައިވާ ވައުދުގެ ދަށުން މިހާތަނަށް 286 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރަނިވި ވެކްސިން އެގައުމުން ވަނީ ފޯރޮކޮށްދީފައެވެ.