ads
ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް
އާސަންދަ އާއި ވަޒީފާ ލިބެން ޖެހެނީ ވަކި ޕާޓީއަކަށް ތާއީދު ކުރީމަތަ؟
އޭސީސީ އެއޮތީ ވާގި ނައްތާލާފައެވެ. ހުރިހާ މެންބަރުންގެ އިސްތިއުފާ އާއެކު މައްސަލައެއް ވެއްދިއަސް މައްސަލައެއް ބެލޭނެ ގޮތެއްނެތެވެ. މިނިވަން މުއައްސަސާތަކުގެ ކަރުގައި ހިފައި ނޭވާ ނުލެވޭ ގޮތް ހެދުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ސިޔާސީ ނުފޫޒު ގަދަ މީހުން ކުރަމުން އަންނަ ކަމެކެވެ. މިމަޅީގައި ޖެހެން ޖެހެނީ އޭސީސީ އެކަންޏެއް ނޫނެވެ. މިވަގުތަށް އޭސީސީއެވެ. މާދަމާ ކޮން މުއައްސަސާއެއް ކަމެއް ނޭނގެއެވެ. ސިޔާސީ ނުފޫޒު ގަދަ މީހުންގެ މަސްލަހަތަށް ކިލަނބުކަމެއް އަންނަ ހިސާބަކީ މިނިވަން މުއައްސަސާތަކުގެ ގޮނޑިތަކަށް ބާރު ބޮޑުވާނެ ވަގުތަކަށް ވެގެންދެއެވެ.

ދިވެހި ރައްޔިތުންނަކީ ސިޔާސީ ވެރިންގެ ނަޒަރުގައި އެއްވެސް އަގެއް ނެތް ބައެއްކަން ކުރިމަތިވާ ކޮންމެ ބޮޑު ކެމްޕޭނަކާ ގުޅިގެން ދަނީ ފެންނަމުންނެވެ. ހަމަހަމަކޮށް ލިބިދޭން ޖެހޭ، ނުވަތަ ގާނޫނު އަސާސީގެ ދަށުން ލިބިދެވެންޖެހޭ ހިދްމަތްތައް ވެސް ނިގުޅައިގަންނާނެ ކަމަށް ފާޅުގައި ބުނަމުންދާއިރު ވެސް އެއަށް ބަސްކިޔޭވަރުގެ އެއްވެސް މުއައްސަސާއެއް މި ދިވެހި ފަސްގަނޑުގައި އޮތްހެނެއް ހިއެއް ނުވެއެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެ ވާހަކަ ހުރީ މިހެންނެވެ. ވެރިކަން ކުރާ އެމްޑީޕީއަށް ތާއީދު ނުކުރާ ނަމަ ގާނޫނެއްގެ ދަށުން ދެމުން އަންނަ އާސަންދަ ހިދުމަތް ނުލިބިދާނެ ކަމަށް ދޭހަވާ މޭރުމަކުންނެވެ. ގާސިމް އަކީ މިސަރުކާރުގެ ބައިވެރިއެކެވެ. 

ގާސިމް ވިދާޅުވަނީ އާސަންދަ ދޭން އިންނާނީ އެމްޑީޕީ ދެކެ ލޯބިވާ، އެމްޑީޕީއަށް އިހުލާސްތެރި، އަދި މިއަދުގެ ސަރުކާރު ދެކެ ލޯބިވާ، ރައީސް ސޯލިހަށް އަމާނާތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެހެން ކަމުން މާފަސޭހައިން އާސަންދައިގެ ޝަރުތު ފުރިހަމަވެއޭ ބުނާނީ ކިހިނެއްތޯ އާއި، އެހެން މިހެން ހަދާފައި ކަޓުވާނުލާނެ ކަމަށް ވިސްނެނީތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. 

އާސަންދަ އަކީ އާންމު ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓުވުމަށް އުފައްދާފައިވާ މުއައްސަސާއެވެ. އެއަށް އަތް ބާނައިގެން ބޭނުން ގޮތެއް ހަދާނެ ވާހަކަ ދެއްކުމަކީ ދިވެހި ރައްޔިތުންނަށް ބޭނުން ގޮތެއް ހަދާނެ ވާހަކަ ދެއްކުމެވެ. 

ތެދެކެވެ. މަޖިލީހުގެ ގޮނޑި ކޮންމެ ބަޔަކަށް ވެސް މުހިއްމެވެ. އެކަމަކު ކޮމަންޑޫ ދާއިރާގެ ގޮނޑި ކޮންމެހެން އެއްވެސް ބަޔަކަށް މިވަގުތަށް މުހިއްމު ހެއްޔެވެ. މުހިއްމު ނަމަ މުހިއްމީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރުމުގެ ބޭނުމުގައެއް ނޫނެވެ. ހަމައެކަނި މޭ ފުއްޕުމުގެ ބޭނުމުގަ އެވެ.

އެހެންނަމަވެސް ރަށްރަށަށް ވަޑައިގެން އެމީހުންގެ ނިކަމެތިކަން ދެއްކުމާއި ބާރެއް ނެތް ބައެއްގެ ގޮތުގައި ދެއްކުމަކީ ދެރަވަރު ކަމެކެވެ. އާސަންދަ ފަދަ މުހިއްމު ވަސީލަތަކީ ސިޔާސީ ގޮތުން ބާރު ލިބޭ މީހުން ކުޅެންގެން ގުޅޭ ބޯޅައަކަށް ވެގެން ނުވާނެއެވެ. އެހެން ނަމަވެސް ކަން ހިނގަމުންދަނީ އެފަދަ ގޮތަކަށްކަން ބާރު ހުރި ފަރާތްތަކުގެ ވާހަކަ ތަކުން ވަރަށް ސާފު ކޮށް އެނގެއެވެ. 

ޕާޓީ ނިޒާމަކަށް ރާއްޖެ ޖާގަ ދިނީ ހަގީގަތުގައި ވެސް މިފަދަ ކަންކަން އާލާ ކުރުމަށް ހެއްޔެވެ؟ ދިވެހި ރައްޔިތުންގެ ތެރެއިން އެއް ބަޔަކު އަބަދު ވެސް ބާކީ ކޮށްފައި ބޭތިއްބުމަށްޓަކައި ހެއްޔެވެ.؟ އެހެން ކަމަށްވާ ނަމަ ރަނގަޅީ ކުރިން ރާއްޖޭގައި އޮތް "އެއްޕާޓީ" ނިޒާމު ނޫން ހެއްޔެވެ؟ 

ގާސިމް އިތުރަށް ވިދާޅުވަނީ އެމްޑީޕީގެ މޫނުމަތީގައި މިފަހަރު އެތި ފަހަރެއް ޖެހުމުން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށެވެ. އެތައް މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތައް ކޮމަންޑޫ ދާއިރާގައި މިހާރު ވެސް ހިނގަމުންދާ ކަމަށާއި، އެމްޑީޕީގެ ކެނޑިޑޭޓް މިފަހަރުގެ އިންތިހާބުގައި ހޮވަން ޖެހޭނެ ކަމަށެވެ. 

ރައީސް ޔާމީން ވެސް ރައްޔިތުންނާ މުހާތަބު ކުރައްވައި ވިދާޅުވަނީ އެފަދަ މޭރުމަކުންނެވެ. އިދިކޮޅު ޕީޕީއެމްއަށް 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ސަރުކާރު ވަޒީފާތައް ދޭނީ ހަމައެކަނި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށެވެ. ކޮމަންޑޫ ދާއިރާއަށް ވޯޓުލާ، މާލޭގައި ތިބި މެންބަރުންނާ ބައްދަލު ކުރައްވައި ވިދާޅުވީ 2023 ގައި އެމަނިކުފާނު ވެރިކަމަށް އިންތިހާބު ވެއްޖެ ނަމަ އެހެން ޕާޓީތަކުގެ މެމްބަރުންނަށް ސަރުކާރު ވަޒީފާތަކުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"2023 ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށް ވަންޏާ، ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ މީހުނަށް،" ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމީން މިވާހަކަތައް ދައްކަވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ފޯކައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން މިހާ ވާދަވެރިިކޮށް ގޮސްފައިި، މިހާ އަނިޔާވެރިކޮށް ތިބި ބަޔަކު ރައްޔިތުންނާ މެދު އަމަލު ކުރަމުންދާ އިރު، އެބަޔަކު މިނާ ނާޅިއަކުން މިނެލަން ޖެހޭ ކަމަށެވެ. 

މިއީ ސިޔާސީ ވެރިންގެ ބަސްމަގާއި، ރާގު ބަދަލުވަމުން މިހާރު އަންނަ ގޮތެވެ. މިއިން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ މަޖިލީހުގެ ގޮނޑިއަކަށްޓަކައި ސަރުކާރާއި، އިދިކޮޅު ފަރާތްތަކުން ވެސް އިންތިހާއަށް ރައްޔިތުންގެ ހަމަހަމަކަމަށް ނުވިސްނާކަމެވެ. ތިމާމެންނާ އިދިކޮޅަށް މަސައްކަތް ކުރާ މީހުންނަކީ ދައުލަތުން ހަމަހަމަ ކަމާއެކު ލިބިދޭން ޖެހޭ ހައްގުތަކުން ވެސް މަހުރޫމް ވާ ޖެހިދާނެ ބައެއް ކަމެވެ. ދެމުން އެދަނީ އެ އިންޒާރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް