އައްބާސް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެތައް މަހެއް ނިމިގެން ދިޔައިރު ޝަރީއަތް ކުރިއަށް ގެންދެވިފައިވަނީ އެންމެ މީހެއްގެ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ އެންމެންގެ ޝަރީއަތް ކުރިއަށް ނުދާތީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވާލުމުގައި އިސްކޮށް އުޅުނު އަދުހަމު އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ. މިމައްސަލައިގައި ހުކުމް ކޮށްފައިވަނީ މީނާއަށް އެކަންޏެވެ.
އިއައްބާސް ފާއިޒަކީ މިމައްސަލައިގައި ، ތަހުގީގާއި، ކޯޓު މަރުހަލާތައް ކުރިއަށްދާގޮތް ގާތުން ބެލުމަށް ސަރުކާރުން އައްޔަން ކޮށްފައިވާ ބޭފުޅެކެވެ. މިމައްސަލައާ ގުޅޭ އެންމެހައި ކަންކަން އައްބާސް ބައްލަވާނެއެވެ. އަދި މިމައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާ ތަކަށް ލަފާވެސް ދެއްވާނެއެވެ.
މިމައްސަލައިގައި ހުކުމް ކުރެވުނު އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކޮށްފައިވާއިރު ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދުހަމް ވަނީ ކޯޓުގައި ކުށަށް އިއުތިރާފްވެފައެވެ. ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި އަދުހަމަށް ހުކުމްކުރީ އަދުހަމްގެ އަމިއްލަ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށެވެ. އެހެން ކަމުން 23 އަހަރާއި 9 މަސް މަހާއި 6 ދުވަހަށް އަދުހަމް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.
ޝަރީއަތުގައި އަދުހަމް ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރެވުނީތީ ނަޝީދާއި އެ ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކުގެ އަރިހުން މާފަށް އެދިފައެވެ. އަދި އެ ހަމަލާ ދިނުމުގައި ބައިވެރިވެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި އަދުހަމް ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.
އެ ޝަރީއަތުގެ ބޮޑުބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.
މިމައްސަލައިގެ ކަންކަން ބައްލަވާ ރައީސްގެ މަންދޫބު، އައްބާސް ފާއިޒް މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގަ އެވެ. ރައީސް އޮފީހުން ބުނީ އަދި މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި އަދި ހުކުމަކާ ހަމައަށް ވާސިލް ވެވެންދެން އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކެނެރީގެ ގޯޅިތެރޭގައި ނަޝީދުގެ ފުރާނަފުޅު ދުއްވާލަން އަމާޒުކޮށް ބޮން ގޮއްވި މައްސަލާގައި ދައުލަތުން ވަނީ އަދުހަމްގެ އިތުރުން އެހެން ބަޔަކަށް ވެސް ދައުވާކޮށްފައެވެ. އެހެން ނަމަވެސް އެމީހުންގެ ޝަރީއަތްވެސް ގެންދަނީ ވަކިވަކިންނެވެ. ވަކިވަކިން ޝަރީއަތްތައް ގެންދާތީވެސް އައްބާސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.