
ފާއިޒު، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަޕޫރު ނިވްސް އެޖެންސީއެއް ކަމަށްވާ ސީ.އެން.އޭއިން ރޭގައި ގެނެސް ދިން ހަބަރު ބުނާގޮތުން، އެ ގައުމުގައި، އިއްޔެއާހަމައަށް ހަތް މީހަކު ކޮރޯނާ ވައިރަހަށް ޕްޒޮޓިވްވިކަން ޔަގީން ކުރެވިފައިވާ ކަމަށައި އެގޮތުން އެ ހުރިހާ މީހުންނަކީވެސް ފަތުރުވެރިން ގޮތުގައި ޒިޔާރަތްކުރި ޗައިނާ ރައްޔިތުން ކަމަށެވެ.
އެގޮތުން އެންމެން ވެސް އޮންއެރައިވަލް ސްކްރީން ކުރެވުންކަން ފާހަގަކުރައްވަމުން ފާއިޒު ވިދާޅުވީ ބަލީގެ އަލާމާތެއް ފެންނަން ނެތުމުން ދޫކޮށްލި މީހުންގެ ތެރެއިން ބައެއްމީހުން، އޭގެ އެއް ދުވަސްފަހުން އަދި އެނެކަކު ތިން ދުވަސް ފަހުން ވަނީ ކޮރޯނާ ވައިރަހަށް ޕްޒޮޓިވްވެފައި ކަމަށެވެ.
އޭގެ އިތުރުން ވިދާޅުވީ އެމީހުން ތިބި ހޮޓާތަކުގެ ބައެއް މީހުން ވަކި މުއްދަތަކަށް އެކަހެރި ކުރެވިފައިވާ ކަމަށާއި މިއީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ ސިންގަޕޫރަށް ދިމާވިގޮތް ކަމަށެވެ. އެގޮތުން ދިވެހިންގެ ހާލަތަށް ބަލާއިރު އެކަން މާނުރައްކާވެދާނެކަން ފާހަގަކުރައްވަމުން ފާއިޒު ވިދާޅުވީ ގެސްޓުހައުސް ހިންގާ ރަށްރަށުގެ ހާލަތަށް ބަލާއިރު، އެތަންތަނަށް އަންނަ ފަތުރުވެރުން އުޅެމުން ދަނީ ރަށުގެ މީހުންނާ ވަރަށް ބޮޑަށް ގައިގޯޅިކަން އޮންނަ ގޮތަކަށް ކަމަށެވެ.
"ގެސްޓުހައުސްތަކަށް އަންނަ ބައެއް ޗައިނާ ފަތުރުވެރިންނަކީ ރަށުފިހާރައިން އެއްޗެހި ގަނެގެން ކައިއުޅޭބައެކެވެ. މިޒާތުގެ ފަތުރުވެރިކަމެއް އޮތްތަނަކަށް، ނުރައްކާތެރި ރޯގާއެއް ފަތުރާފާނެ މީހަކު އޮޅުމަކުން ނަމަވެސް ދޫކޮށްލެވިއްޖެނަމަ، ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވާން، ތިބުމުގެ ބަދަލުގައި އެފަދަ ހާލަތަކަށް ނުދިއުމަށްޓަކައި، ކޮރޯނާވައިރަސް އުފުލާ މީހުންނަށް ވެލާނާ ގޭޓް ބަންދުކުރުން ބުއްދިވެރި ނޫންތޯ،" ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ފާއިޒު ވިދާޅުވި އެވެ.
ފާއިޒު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ ފަތުރުވެރިކަމުގައި މަޝްހޫރު ގައުމުތަކުގައި ކަމަށެވެ. އެގޮތުން ޔޫއޭއީ އާއި ސިންގަޕޫރަށް ވެސް ބަލީގެ އަސަރުކޮށްފައިވާއިރު އެދެ ގައުމަކީ ވެސް ހުރިހާ ގޮތަކުން ވެސް ކުރިއަރާފައިވާ ދެ ގައުމުކަން ފާއިޒު ފާހަގަ ކުރައްވަ އެވެ.
ރާއްޖޭގެ ރަށްރަށުގައި އަދިވެސް އޮތީ ހުރިހާ ބާވަތެއްގެ ރޯގާއަކަށް ޕެނެޑޯލްގެ ބޭސްސިޓީއެއް ލިޔެދީފައި ގެއަށް ފޮނުވާ ލުމުގެ ސަގާފަތްކަން ވެސް އޭނާ ފާހަގަކުރައްވަ އެވެ.
" ފާރަވެރިވާ ކެމެރާތަކަށް ބަރޯސާވެގެން، ކޮރޯނާވައިރަސް އުފުލާމީހަކު އާދޭތޯ ބަލަން އެއާޕޯޓުގައި ފާރަވެރިން ބައިތިއްބައިގެންތިބޭނީތޯ؟ ނަވަތަ ޝްރީލަންކާ އިން ފިޔަވަޅު އެޅިގޮތަށް އެފަދަ މީހުންނަށް ވަގުތީގޮތުން ދޮރު ބަންދު ކުރާނީތޯ؟ މިސުވާލު ކުރަންޖެހޭ ނޫންތޯއެވެ،"
ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެނިގެންދިޔަ ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި މި ބަލީގައި މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރާއްޖޭގެ އެއާޕޯޓްގައި ވެސް ބައްޔަށް ސްކްރީން ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވީ ނަމަވެސް މި ބައްޔަށް ޓެސްޓުތައް ހަދަން އަދި ދާންޖެހެނީ އިންޑިއާ އަށެވެ. މިހާތަނަށް މި ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.