ޓެކްސް އަށް ކެނޑުމަށް ފަހު މިދިޔަ އަހަރު ލިބުނު ހިންގުމުގެ ފައިދާ އޭގެ ކުރީ އަހަރާ ބަލާއިރު ވަނީ ދޭއް އިންސައްތަ އިތުރުވެފަ އެވެ.
ނަމަވެސް ހިންގުމުގެ ހަރަދާއި ޕްރޮވިޝަން ޗާޖު އިތުރުވެފައި ވާތީ ކުރިން ލަފާކުރި ގޮތަށް މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށް ބީއެމްއެލުން ބުނެ އެވެ.
އެކަމަކު ދޫކުރި ލޯނުތައް އިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ތިން ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބުނީ 209 މިލިއަން ރުފިޔާ އެވެ.
ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާއެއް ހޯދާފައި ވާއިރު، ބޭންކުގެ އެސެޓް 491 މިލިއަން ރުފިޔާއާ ހަމައަށް ވަނީ އިތުރުވެފަ އެވެ.
އޭގެ އިތުރުން ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީ ގައި ހިފެހެއްޓިފައި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު ބީއެމްއެލުން ހޯދި ކާމިޔާބީތަކާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އަހަރު ވެސް ބޭންކުގެ އަމާޒުތަކަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
"މިގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާއެކު ބޭނުންކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރެވިގެން ދާނެ. މި ކުއާޓާގައި އިތުރު ސެލްޕް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމް ކުރެވިގެން ދާނެ. އަދި އެކައުންޓް އޯޕަނިން ސެންޓަރަކާއި ލޯން ސެންޓަރެއް ވެސް ހުޅުވިގެން ދާނެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިން ޕްރޮޓަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،" ޓިމް ސޯޔާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެ އެވެ.