ބީއެމްއެލްގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮމިއުނިޓީ ފަނޑުގެ ދަށުން ރާއްޖޭގެ އެކި ރަށްތަކުގައި މުޖުތަމައަށް ފައިދާ ކުރަނިވި 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ވަނީ ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަަމައަށް ފައިދާ ކުރަނިވި ގިނަ ޕްރޮޖެކްޓްތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް ބީއެމްއެލުން ވަނީ މޮޓޮރައިޒްޑް ވީލްޗެއާ ވެސް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހަދިޔާކޮށްފަ އެވެ.
ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ވެސް އެ ކުއާޓާގައި ބީއެމްއެލުން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރު ވަނީ ހުޅުވާފަ އެވެ.
ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ތައާރަފްކޮށް، ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖޭއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. ވެލިދޫގައި ބްރާންޗެއް ވަނީ ގާއިމްކޮށްފަ އެވެ.
މިދިޔަ އަހަރު ބީއެމްއެލުން ހޯދި ކާމިޔާބީތަކާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އަހަރު ވެސް ބޭންކުގެ އަމާޒުތަކަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
"މިގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާއެކު ބޭނުންކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރެވިގެން ދާނެ. މި ކުއާޓާގައި އިތުރު ސެލްޕް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމް ކުރެވިގެން ދާނެ. އަދި އެކައުންޓް އޯޕަނިން ސެންޓަރަކާއި ލޯން ސެންޓަރެއް ވެސް ހުޅުވިގެން ދާނެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިން ޕްރޮޓަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،" ޓިމް ސޯޔާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެ އެވެ.