ޕީޖީ ގްރޫޕުގެ އިންތިޚާބު އޮންނާނީ ހުކުރު ދުވަހު މެންދުރު ފަހުއެވެ. ބެލެވޭ ގޮތުގައި މި އިންތިޚާބަކީވެސް އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފެކްޝަނުގެ ކުރިމަތިލުމެކެވެ. އަސްލަމަކީ ރައީސް ނަޝީދުގެ ފެކްޝަން ކަމަށް ބެލެވޭއިރު އާޒިމް ބެލެވިފައިވަނީ ރައީސް ސޯލިހުގެ ކެންޑިޑޭޓުގެ ގޮތުގައެވެ.
މަޖިލީހުގައި ފަސްދޮޅަސް ފަސް ގޮނޑިއާއި އެކު އެމްޑީޕީން ފުރިހަމަ މެޖޯރިޓީ ކޮންޓްރޯލް ކުރެއެވެ. ހުކުރު ދުވަހު އޮންނަ އެމްޑީޕީ ޕީޖީ ގްރޫޕުގެ ނާއިބުންގެ މަގާމަށް ކުރިމަތިލާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ޙުސައިންއެވެ. ތިން މެންބަރުން ވާދަކުރާއްވާ މި މަގާމަށް ހޮވޭނީ ދެ މެންބަރުންނެވެ.