ads
ކޮވިޑް-19ގެ ސަބަބުން މަރުވާ މީހުނަށްވުރެ، ތިމާވެށި ނުސާފް ވެގެން މަރުވާ މީހުން ގިނަ!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19އަށް ވުރެ ގިނަ އަދަދަކަށް މަރުވާ މީހުންގެ އަދަދު ތަޣައްޔަރުމުގެ ސަބަބުން އިތުރުވަމުން އަންނަ ކަމަށް، އަންގާރަ ދުވަހު ނެރެފައިވާ އދގެ ތިމާވެއްޓާ ބެހޭ ރިޕޯޓެއްގައި ބުނެފިއެވެ.

މީގެ އިތުރުން ބައެއް ވިހަ ކެމިކަލްތައް މަނާކުރުމަށް "މިހާރުން މިހާރަށް އަދި އުއްމީދީ ފިޔަވަޅުތަކެއް" އެޅުމަށް ގޮވާލާފައިވެއެވެ.

ޕެސްޓިސައިޑާއި ޕްލާސްޓިކާއި އިލެކްޓްރޯނިކް ކުނިބުނިން ތަޣައްޔަރުވުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން އަހަރެއްގެ މައްޗަށް މަދުވެގެން ނުވަ މިލިއަން ތުއްތު ކުދިން ވިހެއުމުގެ ކުރިން މަރުވާ ކަމަށާއި މި މައްސަލަ އިތުރަށް ބަލަމުން ގެންދާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 

ޑޭޓާ އެގްރިގޭޓާ ވޯލްޑްމީޓާއިން ހާމަކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން މިހާތަނަށް 5.9 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވެއެވެ.

"ތަޣައްޔަރުވުމާއި ވިހަ މާއްދާތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މެނޭޖްކުރުމުގައި މިހާރު އަމަލުކުރަމުންދާ ގޮތްތައް ވަރަށް ސާފުކޮށް ފެއިލްވަމުން އެބަދޭ ކަމާއި، އޭގެ ސަބަބުން ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މާހައުލެއް ލިބުމުގެ ހައްގު ވަރަށް ފުޅާ ދާއިރާއެއްގައި ނިގުޅައިގަނެވިފައިވާ ކަމަށް،" ރިޕޯޓު ލިޔުންތެރިޔާ، އދ.ގެ ސްޕެޝަލް ރެޕޯޓާ ޑޭވިޑް ބޯއިޑް ނިންމާލަމުން ބުނެފައިވެއެވެ. 

ސާފު ތިމާވެއްޓަކީ އިންސާނީ ހައްގެއް ކަމަށް ކަނޑައަޅައި، އަންނަ މަހު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، އެ ކައުންސިލްގެ ވެބްސައިޓްގައި މި ޑޮކިއުމަންޓް އަންގާރަ ދުވަހު ވަނީ ޝާއިއުކޮށްފައެވެ.

ކެންސަރާ ގުޅިފައިވާ އަދި "އަބަދަށް ދެމިހުންނަ ކެމިކަލްސް" ގެ ނަމުން ނަންދެވިފައިވާ ނޮން-ސްޓިކް ކުކްވެއާ ފަދަ ގޭތެރޭގައި ބޭނުންކުރާ އާލަތްތަކުގައި އެކުލެވޭ ޕޮލިފްލޯރޯއަލްކައިލް އަދި ޕާފްލޯރޯއަލްކައިލް، ބޭނުން ކުރުން ހުއްޓާލުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

އަދި ތަޣައްޔަރުވެފައިވާ ތަންތަން ސާފުކުރުމާއި، ގެއްލުން ލިބެމުންދާ މުޖުތަމަޢުތައް އެހެން ދިމާއަކަށް ބަދަލުކުރުމަށް ލަފާދީފައިވެއެވެ. އޭގެ ތެރެއިން ގިނަ މުޖުތަމަޢުތަކަކީ ފަޤީރު ސަރަހައްދު ތަކެވެ.

ނިއުކްލިއާ ޓެސްޓް ކުރާ ސަރަޙައްދުތައް ސިފަކުރުމަށް ކުރިން ބޭނުންކުރި އެ ބަސް، މި ރިޕޯޓުގައި ފުޅާކޮށްފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިނޫޅެވޭ ވަރަށް ތަޣައްޔަރުވެފައިވާ އެއްވެސް ސައިޓެއް ނުވަތަ ތަނެއް ހިމެނުމަށެވެ.

ތިމާވެށީގެ ނުރައްކާތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތައް ކަމަށާއި، މޫސުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ އިންސާނުންނަށް ކުރިއަށް ދިޔުމަށް މެދުވެރިވާ ހުރަސްތައް ކަމަށް އދގެ ހައްގުތަކާބެހޭ ޗީފް މިޝޭލް ބެޝެލެޓް ގޮވާލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް