ހޯނޑެއްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ރަށުގެ އެކި ސަރަހައްދު ތަކުގައި އަލިފާން ރޯކުރަމުން ދާކަމަށެވެ.
އެގޮތުން ގޯތިތެރެއާއި، ފަޅަށް ހުންނަ ގޯތިތަކާއި ވަލުތެރޭގައި އަލިފާން ރޯކުރުމުގެ ސަބަބަުން ކައިރި ގެތަކުގައި ދިރިއުޅޭ މީހުންނަށް ގެއްލުންވެ، އުނދަގޫވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެރަށު ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ގޮތަށް ހުޅުޖަހަމުން ދާތާ މިހާރު މަހެއްހާ ދުވަސް ވެފައި ކަމަށާއި، ހޫނު ގަދަ މިދުވަސް ވަރު އެގޮތަށް ހުޅު ޖެހުމުގެ ސަބަބުން ގެއްލުންތަކެއް ބައެއް މީހުންނަށް ލިބޭ ކަމަށެވެ.
އަލިފާން ރޯކުރަމުން ދަނީ މީހުންގެ ފަޅު ގޯތި ތަކުގަޔާއި ވަލުތރޭގައި އާއި ގޭގެއާއި އިންވެގެން ހުންނަ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ތަންތަނުގައި އަލިފާން ރޯކޮށް ހުޅުޖެހުންފަދަ ކަންތައްތަކުން އެންމެހާ ރައްޔިތުން ދުރުވެ، ރައްކާތެރިވެ ތިބުމަށް ވެސް އެ ކައުންސިލުން ނަސޭހަތްތެރި ވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދާދި ފަހުން އައްޑޫ ސިޓީއާއި ފުއައްމުލަކުގައިވެސް ވަލުތެރޭގައި ބޮޑު އަލިފާނުގެ ހާދިސާ ތަކެއް ހިނގާފައިވެއެވެ. މި ހާދިސާތައް ކޮންޓްރޯލް ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ.