މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެމްއައިބީއަށް ވަނީ ޖުމްލަ 25.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފަ އެވެ.
އެމްއައިބީން ބުނީ މިއީ ލަފާކުރި ވަރަށް ވުރެ ބޮޑު ފައިދާއެއް ކަމަށާއި، ރަނގަޅު އަދި އުއްމީދީ ނަތީޖާއެއް ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހިއްސާއަކާ އަޅާ ބަލާއިރު ނެޓް އެސެޓްގެ އަގު ވަނީ 23.56 އިން 24.7 ރުފިޔާއަށް ޖެހި ހިއްސާއަކަށް ޖެހޭ ފައިދާގެ އަގު 14 އިންސައްތަ އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމްއައިބީގެ ހިއްސާ ވިއްކަަން ފަށާފައި ވާއިރު، ވިއްކަން ހުށަހެޅި ހިއްސާގެ އަދަދަށް ވުރެން 46 އިންސައްތަ އިތުރަށް ހިއްސާ ގަންނަން އާއްމުންގެ ފަރާތުން ހުށަހެޅި އެވެ.
އެ ކާމިޔާބީއާއިއެކު އެމްއައިބީ ވަނީ 16،000 ހިއްސާދާރުންނާއިއެކު 17 ނޮވެމްބަރ 2019 ގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީވެފަ އެވެ.
އެމްއައިބީން ވަނީ އެހެނިހެން ގޮތްގޮތުން ވެސް 2019 ވަނަ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އެ ބޭންކުގެ ފައިސާ މޮބައިލް އެޕްލިކޭޝަނަށް ވަނީ އިސްލާމިކް ފައިނޭންސް ފޯރަމްގައި އަހަރުގެ އެންމެ މޮޅު ޕްރޮޑަކްޓުގެ ދާއިރާއިން ސިލްވަ އެވޯޑު ލިބިފަ އެވެ.
ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އެމްއައިބީން ވަނީ ބާޒާރު ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާފަ އެވެ. އަދި އޮންލައިން ކިޔު ސިސްޓަމެއް އޭންޓް ކިޔު އާއި ގުޅިގެން ތައާރަފްކުރި އެވެ.
އޭގެ އިތުރުން ކާމިޔާބު ކިޑްސްގެ ނަމުގައި އާ ސޭވިންގް އެކައުންޓެއް ތައާރަފްކޮށް، ކުދިންގެ ނަމުގައި މަހަކު ކަނޑައެޅޭ ވަކި އަދަދެއް ރައްކާކޮށް ރަނގަޅު ފައިދާއަކާއި އެކު ކުއްޖާއަށް 18 އަހަރު ފުރުމުން ނެގޭ ގޮތަށް އެމްއައިބީން ހިދުމަތެއް ތައާރަފު ކުރި އެވެ.
އެމްއައިބީން ބުނީ 2020 ވަނަ އަހަރު ވެސް ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ބްރާންޗު ހުޅުވުމާއި، އޭޓީއެމް އަދި ޕޮސް ޓާމިނަލް އިތުރުކުރުމުގެ އިތުރުން މޮބައިލް އަދި އޮންލައިން ބޭންކިންގް އިތުރަށް ފުޅާކޮށް އާ ޕްރޮޑަކްޓު ތަކާއިއެކު އިސްލާމިކް ފައިނޭންސް ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.