ads
ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫން
ޓެކްނޮލޮޖީއާއި ބަހާ އޮންނަ ގުޅުން ރަނގަޅު ކުރަން ޖެހޭ: ޔުމްނާ
ދިވެހި ބަސް މިހާރަށް ވުރެ ބޮޑަށް ޓެކްނޮލޮޖީ އާ "ރައްޓެހި" ވާން ޖެހޭ ކަމަށް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅު ވެއްޖެއެވެ.
Advertisement

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް އާޓްސްގެ ގޮފި، ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާޓްސް އާ ގުޅިގެން މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ، މި އަހަރުގެ މާދަރީ ބަހުގެ ދުވަހާއި ގުޅިގެން ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ، "ގިނަބަސް އެނގުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" މި ޝިއާރުން ވެސް ޒަމާނީ ޓެކްނޮލޮޖީ އާ ބަހާ އޮންނަ ގުޅުން ރަނގަޅު ކުރަން ޖެހޭކަން ސާފުވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ބަސް ކުރިއެރުވުމަކީ ހުރިހާ އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށާއި، އަދި ދިވެހި ބަސް ކުރިއެރުވުމަށް ބަހުގެ އެކެޑެމީއިން މަސައްކަތް ކޮށްދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. 

"ޓެކްނޮލޮޖީގެ ދާއިރާގައި އުޅޭ މީހުންނާ އެކު އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ. ދިވެހިބަސް ޓެކްނޮލޮޖީ އާ ރައްޓެހިވާން އެބަޖެހޭ." މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބަހުގެ ހަމައެކަނި މަގްސަދަކީ މުވާސަލާތު ކުރުން ނޫންކަމަށާއި، އެއީ ދިވެހި ވަންތަކަން ރަމްޒު ކޮށްދޭ އެންމެ ބޮޑު ރަމްޒު ކަމަށާއި، ބަހަކީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ސަގާފަތާއި ތަރިކައާ ގުޅިލާމެހިފައިވާ އެއްޗަކަށް ވެފައި ވާއިރު، އެއީ ސަގާފަތާއި ތަރިކައިގެ ތެރެއަށް ވަންނަން ދޮރު ހުޅުވާލަން ބޭނުންކުރާ އެންމެ މުހިއްމު އަސާސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި ބަހުން ވާހަކަ ދެއްކުން ޒުވާނުންނާއި ކުޑަކުދިން ހުއްޓާލައިފިނަމަ ދިވެހި ބަސް ނެތިގެން ހިނގައިދާނެ ކަމަށާއި، އެހެން ކަމުން މައިން ބަފައިންގެ އިތުރުން ތައުލީމްދޭ ތަންތަނުން ވެސް ކުދިންނަށް ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްދީ ދިވެހި ބަސް ދިރުވައި ދިނުމަކީ ކޮށްދޭންޖެހޭ ގައުމީ ވާޖިބެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް