މިވަގުތު ރަށް ގިރުމުގެ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ރ، ބ، ނ، ގއ އަދި ގދ އަތޮޅުގެ ރަށްތަކަށެވެ. މީގެތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ރ. ފައިނާއި ބ. ދަރަވަންދޫ އަށެވެ.
ރ. ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާސިރު ވިދާޅުވީ ފައިނު ގިރާ ސަރަހައްދު ކަންބޮޑުވާ ވަރަކަށް ގިރަން ފެށީ މިދިޔަ އަހަރުން ފެށިގެން ކަމަށެވެ. އެގޮތުން އެރަށުގެ ގޮނޑުދޮށުގައި ހުރި ގަސްތަކުގެ ތެރެއިން 200 އަހަރުވީ ބިޔަ ގަސްތައް ކަނޑުގެ ބިޔަ ރާޅުތަކާ އެކު ގެންދިއުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ތިމާވެށީގެ ގޮތުން މުއްސަނދި އަދި އެހާމެ ރީތި ރަށެއް ކަމަށްވާ ފައިނު ގިރަމުންދާ މައްސަލަ އެރަށު ކައުންސިލާއި ރައްޔިތުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން މިހާރު ވަނީ ފައިނުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ގިރާ ސަރަހައްދަށް އަލުން ފަސް އަޅައި އެ ސަރަހައްދުގެ ގޮނޑުދޮށް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަން ފާހަގަކުރައްވާ ރ. ފައިނަށް ނިސްބަތްވާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ސަރުކާރަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.
"ފައިނު އާދަޔާޚިލާފަށް ގިރަމުން ދިޔަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފި. ކުޑަރަށަކަށްވީތީ ތަފާތުނުކޮށް މިފަދަ ކަންކަމުގެ ހައްލަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ކުރައްވާ މަސައްކަތްޕުޅަށް ފަށްފަށުން ޝުކުރިއްޔާ،" ވަހީދު ވިދާޅުވެފައިވެ އެވެ.
ބ. ދަރަވަންދޫ ގިރަމުން ދިއުމަކީ ހަމައެކަނި އެރަށުގެ ރައްޔިތުންނަށް ކުރިމަތިވާނެ ގެއްލުމެއް ނޫނެވެ. ސަބަބަކީ ދަރަވަންދޫ އަކީ މިއަދު ރާއްޖޭގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓް ތަކުގެ ތެރެއިން ދިވެހި ދައުލަތަށް ފައިދާވާ ހަމައެކަނި އެއާޕޯޓް އަދި އެންމެ ބާރުބޮޑު އެއާޕޯޓް އޮތް ރަށެވެ. އެރަށުގައި ހަދާފައިވާ ގެސްޓްހައުސްތަކުގައިވާ 180 އަށް ވުރެ ގިނަ އެނދާ އެކު އެރަށުގެ ބިމުގެ އަގު މިއަދު އުޅެނީ އެތައް މިލިއަން ރުފިޔާ އެއްގަ އެވެ. އެހެންކަމުން ދަރަވަންދޫ ގިރައިގެން އެރަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ދިވެހި ދައުލަތުގެ އިގްތިސޯދަށް ގެއްލުންތަކެއް ކުރިމަތިކުރުވާނެ މައްސަލަ އެކެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވާ ގޮތުގައި އެރަށް ގިރާ، ރަށުގައި އެންމެ ރީތިކޮށް އޮތް ގޮނޑުދޮށުގެ ބޮޑު ބައެއް މިހާރު ވަނީ ގެއްލިފަ އެވެ. ދަރަވަންދޫ ގިރަމުންދާ މައްސަލަ އެރަށު ކައުންސިލުން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން އެރަށް ގިރަމުންދާ މައްސަލައާއި ގުޅުންހުރި 400 އަށް ވުރެ ގިނަ ސަފްހާ ހިމެނޭ ރިޕޯޓެއް ވެސް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މިހާރު ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް މައްސަލައަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި ދަރަވަންދޫގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްފަ އެވެ. އެރަށުގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ ބައެއް ގޯތިތަކާއި ގޮނޑު ދޮށާއި ދޭތެރޭގައި މިހާރު ބައެއް ސަރަހައްދުގައި ހުރީ ދެތިން ފޫޓެވެ.
އަތޮޅު ތެރޭގެ ރަށްތައް ގިރަމުންދާ މައްސަލަ ކަންބޮޑުވާ ދަރަޖައަށް ދިއުމުން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ވަނީ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަރަވަންދޫ ހިމެނޭ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ތިމާވެއްޓަށް ބަދަލުތަކެއް އަންނަ ގޮތަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި ބިޔަ މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވުރެ އިސްކަންދެވޭ އެހެންކަމެއް ސަރުކާރުގައި އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން ބޮޑެތި ފުން ކަނޑުތައް ހިއްކައިގެން ހަދަން ނިންމާފައިވާ ބޮޑެތި ބަނދަރުތަކާއި ބްރިޖުތައް ހެދުން މިވަގުތަށް މަޑުޖައްސާލައި ގިރަމުންދާ ރަށްތަކުގެ މައްސަލަތައް ހައްލުކޮށްދިނުމަށް އަލީ ހުސައިން ވަނީ ގޮވާލައްވާފަ އެވެ
"އަޅުގަނޑުމެން ފަހަށް ޖައްްސަންވީ ރައްޔިތުންގެ އަސާސީ ހިދުމަތްތަކެއް ނޫން. ފެނާއި ނަރުދަމާއެއް ނޫން. އަޅުގަނޑުމެން ފަހަށް ޖައްސަންވީ އަޅުގަނޑުމެން އަލަށް ހިއްކަން އުޅޭ ރަށްތައް. އަޅުގަނޑުމެން ދިރިއުޅޭ ރަށްތައް ހިމާޔަތް ނުކޮށް ދެން އިތުރަށް ރަށްތައް ހިއްކަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." އަލީ ހުސައިން ވިދާޅުވި އެވެ.
މެންބަރު އަލީ ހުސައިންގެ ގޮވާލެއްވުމަށް ތާއީދުކުރައްވަމުން އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަޅުގަނޑުމެން އިންސާނުންނަށް ކުރެވޭ ކަންތައްތަކެއްގެ ސަބަބުން ތިމާވެއްޓަށް ގެއްލުންތަކެއް ލިބޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާތީވެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކީ ސަރުކާރަށް ކުރަން ފަސޭހަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ދިރިއުޅުން ހުއްޓާލެވޭކަށްވެސް ނެތް. ތަރައްގީ ހުއްޓާލެވޭކަށްވެސް ނެތް. ބޯހިޔާވަހިކަން ހުއްޓާލެވޭކަށްވެސް ނެތް. އޮޑިދޯނިފަހަރު ފުރާ ލެފުންވެސް ހުއްޓާލެވޭކަށް ނެތް. އިންޖީނު ގެތަކާއި ކަރަންޓު ދިނުންވެސް ހުއްޓާލެވޭކަށް ނެތް. ބޯފެން ދިނުންވެސް ހުއްޓާލެވޭކަށް ނެތް،" ތިމާވެށީގެ މައްސަލަތަކުގައި އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ރައީސް ނަޝީދު ވިދާޅުވި އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓާ ޑރ. އިބްރާހީމް މުހައްމަދު ގަބޫލުކުރައްވާ ގޮތުގައި ރަށްތައް ގިރަނީ މުސުމީ ބަދަލުތަކުގެ އިތުރުން ތަރައްގީގެ ނަމުގައި އަހަރެމެން އިންސާނުން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަންމުގެ ސަބަބުންނެވެ. ބައެއް ރަށްރަށުގައި ބަނދަރު ހެދިފައި ހުރި ގޮތުން އެ ރަށް ރަށުގެ ވަށައިގެންވާ ވެލިގަނޑުގެ ދައުރުވުމަށް ހުރަސް އެޅި ރަށް ގިރުމާއި އެހެނިހެންވެސް މައްސަލަތައް ރަށްތަކަށް ކުރިމަތިވަމުންދާ ކަމަށް ޑރ. އިބްރާހީމް ގަބޫލުކުރައްވަ އެވެ.
ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ހާމަކުރަމުންދާ ނޭޗާ ކޮމިއުނިކޭޝަންސް މަޖައްލާގައިވާ ގޮތުން 2050 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު އުފުލިފައި ހުންނާނެ ހިސާބަށް ބަލާ، އެންމެ ބޮޑު ގެއްލުމެއް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އަދި މިގެއްލުންތައް އެންމެ ބޮޑަށް ތަޖުރިބާކުރަންޖެހޭ ރަށްތަކުގެ ތެރޭގައި ވެރިރަށް މާލެ ވުމަކީ ވަރަށް ގާތް ކަމެކެވެ.
ރާއްޖޭގެ ރަށްތައް ގިރަމުންދާ މައްސަލައަށް ހައްލުތަކެއް ހޯދުމަށް ދިރާސާތަކެއް ހަދަންޖެހޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ. އަދި ރަށްތައް ގިރަމުންދާ މައްސަލައަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ. އެކަމަކު ރައްޔިތުން ބޭނުންވަނީ މިމައްސަލައަށް އަވަސް ހައްލެކެވެ. ރައްޔިތުންގެ ރައްކާތެރިކަން އޮތީ ރަށްތައް ހިމާޔަތްކުރެވިގެންނެވެ.