ads
241 ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން——
އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ދިނުމަށް އެންގުމުން ހައިކޯޓަށް
އުތުރު ތިލަފަޅު ތަރައްގީކުރަން ދިވެހި ސަރުކާރުން އިންޑިއާއާއެކު ގާއިމުކުރި އެއްބަސްވުމާއި ގުޅޭ ބައެއް މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ޑިފެންސް މިނިސްޓްރީން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފިއެވެ.

އުތުރު ތިލަފަޅުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރަން ދިވެހި ސަރުކާރުން އިންޑިއާއާއެކު ގާއިމުކުރި އެއްބަސްވުމާއި ގުޅޭ މައުލޫމާތު ހޯދަން އެދުނީ "ދިޔަރެސް ނޫހުން" ނެވެ. ނަމަވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހަދާފައެވެ. 

އެއަށްފަހު މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް އެކަން އެ ނޫހުން ހުށަހެޅުމުން މިދިޔަ ޖަނަވަރީމަހު އެ އޮފީހުން ވަނީ ބައެއް މައުލޫމާތު ހާމަކުރަން ޑިފެންސް މިނިސްޓްރީއަށް އަންގާފަ އެވެ. އެއީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ދަށުން އުފެދިފައި އޮޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިންގެ ގުރޫޕުގެ މައުލޫމާތާއި, އުތުރު ތިލަފަޅުގައި މަތިންދާ ބޯޓު ޖެއްސުމަށްޓަކައި ރަންވޭއެއް ގާއިމުކުރާނަމަ އެކަމާބެހޭ ތަފްސީލު ހާމަކުރުމަށެވެ. 

މި މައްސަލަ ޑިފެންސް މިނިސްޓްރީން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅީ މިދިޔަ ޖަނަވަރީ ފަހުކޮޅުގައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި އެއްވެސް ގޮތެއް ނިންމައިފައެއް ނުވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓަށް ނުބެލޭނެކަމަށް ނިންމައި, މިދިޔަ އަހަރު އެ ކޯޓުން އެފަދަ މައްސަލަތައް ބެލުން ހުއްޓައިލިއެވެ. ނަމަވެސް އެ ނިންމުން ދައުލަތުން އިސްތިއުނާފުކުރިއެވެ. އެގޮތުން ދާދިފަހުން ސްޕްރީމް ކޯޓުން ވަނީ އެފަދަ މައްސަލަތައް އެ ކޯޓުން ބަލަންޖެހޭނެކަމަށް އަންގާފައެވެ. 

ދިވެހި ސަރުކާރުން އިންޑިއާއާއެކު ގާއިމުކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެދާނެކަމަށް ބުނެ އިދިކޮޅު އިއްތިހާދުން އިސް ނަގައިގެން އަންނަނީ ''އިންޑިއާ އައުޓު'' ގެ ނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. ނަމަވެސް އިދިކޮޅުން ކުރާ އެފަދަ ތުހުމަތުތައް ސަރުކާރުން އަންނަނީ ދޮގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް