ނަމަވެސް ދުނިޔޭގައި ހިކުމަތްތައް ލެއްވިފައިވަނީ ވިސްނާ ފިކުރުކުރާ މީހުންނަށެވެ. އިންސާނުންނަށް އެތައް ކަމަކުން ރައްކާތެރިވުމަށް ހަތް އުޑުމަތިން އަންގަވާފައި ވާއިރު، ނަފްސުގެ މައްޗަށް ރައްކާތެރިވުމަށް ހާއްސަގޮތެއްގައި ސަމާލުކަންދިނުމަށް ވަނީ އަންގަވާފައެވެ.
ކޮންމެ މީހަކީ ވެސް މުޖްތަމައުގެ ނިޒާމާއި ކޮންމެވެސް އެއް ސިފައަކަށް ގުޅިލާމެހިފައިވާ މީހެކެވެ. މުޖްތަމައުގައި ދިރިއުޅޭ މީހުންގެ އަމާންކަމާއި ރައްކާތެރިކަމުގެ ހައްގު އެހެންކަމުން ކޮންމެ މީހަކުވެސް ދަމަހައްޓަން ޖެހޭނެއެވެ. ގެއިން ނިކުންނަ ހިސާބުން އަޅާ ކޮންމެ ފިޔަވަޅަކަށް، އަދާކުރަން ޖެހޭ ހައްގުތަކެއް ވެސް ވާކަން ދަނެގެން އެކަމަށް އިހްތިރާމްކޮށްގެން ނޫނީ ފަރުދީ ޒިންމާ އެއް އަދާނުކުރެވޭނެއެވެ. ކަން ކަން މަތީ މަގުތައް މަތީ ހުއްޓި ތިބެ ހަށިން ގުރުބާން ވެގެން ހިންގޭ ހަރަކާތްތަކުން ދުރުހެލިވުމަކީ މިއަދުގެ މުޖްތަމައުގެ ޒުވާނުން ވިސްނަންޖެހޭކަމެކެވެ.
ފާއިތުވި އެތަކެއް އަހަރުތަކެއްގައި ރާއްޖޭގައި ހިންގުނު އެކި މާރާމާރީތަކުގައި އެތަކެއް ޒުވާން ފުރާނަތަކެއްވަނީ ދުނިޔެއަޅައި ގޮސްފައެވެ. މިފަދައިން ފުރާނައެއް ނެތޭ ކޮންމެ ފަދަ ހާލަތަކީ މާހައުލުގެ އަމާންކަން ގެއްލި މުޖްތަމައުގައި ބިރުވެރިކަން އާއްމުވާން ދިމާވާ ސަބަބެކެވެ. މައިންބަފައިންނަށް ލިބޭ ބޮޑު ހިތާމައެކެވެ. އެތަކެއް އާއިލާތަކެއް ރޫޅި، ދެލޯފަދަ ދަރިން ބިކަވެ ޒަވާޖީ ހަޔާތް ރޫޅެން ދިމާވުމުގެ މައިގަނޑު އެއް އަސްލަކަށް ވެދަނީ ހަވާނަފްސުގެ ވަސްވާހެވެ. ނަފްސަށް ރައްކާތެރިވާން ޖެހެނީ މިހާ ހިސާބުންނެވެ. ތިމާގެ ސިކުނޑިއަށް އަންނަ ވަހުމަތަކަކީ ދިރިއުޅުމުގެ އަސްލުކަމަށް ދެކިގެން ދުނިޔޭގައި އުޅެވޭނީ މިނާތަކެއް މަތީ ބިނާތަކެއް އަޅައިގެން އުޅޭ މީހެއްގެ މިސާލުންނެވެ.
ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ކައްސާނުލާނެ ގޮތެއް މިބީދައަކުން ނުވާނެއެވެ. އިންސާނާއަށް ދުނިޔޭގައި އުޅޭ އިރު އެތަކެއް ދަޅަތަކެއް ފެނި ފޮނިތަކެއް އަޑުއިވޭނެއެވެ. މިފަދަ ހާލަތްތަކުން އިބުރަތް ހާސިލްކޮށްގެން އަމާން އޮމާން ދިރިއުޅުމެއް އުޅޭނެ މަގު ކޮންމެ މީހަކުވެސް ހޯދަން އެބަޖެހެއެވެ. މުޖްތަމައުގައި ހިނގާ މިފަދަ ހިތާމަވެރި ހާދިސާތަކުން އިބުރަތް ހާސިލްކުރުމާއި އެއްވަރަށް މިފަދަ ކަންކަން ހުއްޓުވޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ.
ޖީލު ތަރައްގީވެ ދުނިޔެ ހުޅުވިފައިވާ ދުވަސްވަރެއްގައި އެތަސައްވުރުގެ ހުވަފެންތައް އަބަދުވެސް ބަޔަކު ދައްކަމުންދާ ދުނިޔެއެއްގައި ކަސިޔާރުވެ ތިބެ ދަތުރުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޅައިރުގެ ހުވަފެންތަކާއި ހަމައަށް ދެވޭނެ އެއްވެސް އަލިމަގެއް ފެންނަށް ނެތްއިރު ދިރިއުޅުމުގެ ހަރަދުތައް އާއްމު ހާލަތުގައި ހުންނަނީ އާންމްދަނީ އާއި ނުބައްދަލުވަރަށެވެ. އާމްދަނީ ބިނާވެފައި ދިރިއުޅުމުގެ އެންމެ އާދައިގެ އަސާސީ ހައްގުތަކަށް ބޮޑެތި އަގުތައް ދިނުމުގެ މައްޗަށެވެ.
ދިވެހިރާއްޖޭގައި ލިބޭ ހިދުމަތްތަކަކި ކޯރަކުން ބޯން ލިބޭ ކޯވަރެއްހާ ފެންފޮދެއް ފަދަ އަގުހުރި މުހިއްމު ހިދުމަތްތަކެވެ. މުޖްތަމައުގައި ދިރިއުޅޭ ޒުވާނުން ހޭލުންތެރިކޮށް ފަންނުވެރިކަމުގެ ރޮނގުންނާއި މިނޫންވެސް ހަރުދަނާ ރޮނގުތަކުން ކުރިއަށް ދާނެ މަގުފަހިވެފައި އޮންނަންޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައެއްފަހަރު ދިމާވާ ފަދަ ކަންކަމަކީ އިންސާނުންގެ ތެރޭގައި ދިމާވާންޖެހޭފަދަ ހާދިސާތަކެއްނޫނެވެ. ދެރަހިތާމައަކީ ޒުވާނުންނަށް މަގުދައްކައިގެން ކުރިއަށް ގެންދަން ހަވާލުވެތިއްބެވި ފަރާތްތަކުން އެކަމާއި އިހުމާލުވާތީއެވެ.
ޒުވާނުންގެ ފައިދާ ނަގައި އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރާ އަދި އެކަމުން މަންފާކުރާ އެތަކެއް ފަރާތްތަކެއް މުޖްތަމައުގައި އެބަތިއްބެވެ. ނަމަވެސް ހަގީގަތަކީ ކޮންމެ މީހަކަށް ވެސް ފައިދާ ކުރާނީ އެމީހާގެ ވަށައިގެން ހިނގާ ކަންކަމާއި ފުށޫނާރާ ގޮތަށް އަމަލުތައް ބަހައްޓައިގެންނެވެ. މަގުމަތީގައި އަދި އެނޫންވެސް އެހެން މާހައުލުތަކުގައި އުޅޭއިރު އެތަނެއްގެ ހައްގުތައް ފުރިހަމައަށް އަދާކުރަން ޖެހޭނެއެވެ.
ކޮންމެ އިންސާނަކުވެސް ގެއިން ނިކުމެގެން ހިނގައިގަންނަނީ އެވަތުގެއްގައި އެމީހަކަށް އެންމެ މުހިއްމު ކަމެއްކުރުމަށެވެ. ދާން ޖެހޭ ހިސާބަކަށް ދިއުމުގެ ނިޔަތުގައި އެ އުއްމީދުގައެވެ. ނަމަވެސް މަގުމަތީގައި އެތަކެއް ބަޔަކު ހަރަކާތްތެރިވާނެއެވެ. އޭގެއިން ކޮންމެ މީހެއްގެ ވެސް ހައްގުތަކެއް ވާކަން ކަށަވަރެވެ. ތިމާއަށް ކުރެވޭ އެންމެ ކުށެއްގެ ސަބަބުން އަމިއްލަ ނަފްސަށާއި، ލޯބިވާ މީހުންގެ އިތުރުން ނުދަންނަ އެތަކެއް އެހެން މީހުންގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެއެވެ. ތިމާއަށް އިންތިޒާރުކުރާނެ ބަޔަކުތިބޭނެކަން ގަބޫލުކުރަންޖެހޭނެއެވެ. މިހާތަނަށް ރާއްޖޭގައި ވަނީ މަގުމަތީގެ ތަފާތު އެކި އެކްސިޑެންޓްތަކުގައި އެކި އުމުރުފުރައިގެ މީހުން މަރުވެ ހިތާމަވެރި ހާދިސާތައް ހިނގާފައެވެ. މިފަދަ ކޮންމެ ކަމަކީ އެކަމަކުން އަޅުގަނޑުމެން އިބުރަތް ލިބިގަނެ ގެއްލުންވިފަރާތްތަކަށް ހެޔޮދުއާކޮށްދޭން ޖެހޭ ފަދަ ހާދިސާތަކެވެ. އަމާން އޮމާން ދުޅަހެޔޮވެއްޓެއް ގާއިމް ކުރެވޭނީ މިފަދަ ކަންކަމަށް މުޖްތަމައުގެ ރައްޔިތުން ހޭލުތެންވެރިވެ އެކަމަށް ދޭންޖެހޭ އެކަށީގެންވާ ސަމާލުކަމާއި އެއްބާރުލުންދީގެންނެވެ.
ކޮންމެ މީހަކުވެސް ބޭނުންވާނީ ދުނިޔޭގައި ހޭދަކުރާ ދުވަސްތައް އަމާންކަމުގައި ހޭދަކޮށްލާށެވެ. އަނބިދަރިން ގޮވައިގެން ނިކުމެ ހިތްހަމަޖައްސާލެވޭ ފަދަ މާހައުލެއް ގާއިމްވެފައި އޮތުމަށެވެ. އެކަކު އަނެކަކަށް ކުރަންޖެހޭ އިހްތިރާމްކޮށް މީހުން މިފަދަ ކަންކަމަށް އަހުލުވެރިކޮށް މުޖްތަމައުގެ އަމާންކަން ނަގަހައްޓަން ވައުދުވެލައްވައިގެން ތިއްބެވި ބޭފުޅުން މިކަންކަމުގައި ޒިންމާ ނަންގަވައިގެން މެނުވީ މުޖްތަމައުގެ ހާލަތު ރަނގަޅެއްނުވާނެއެވެ.
ނަމަވެސް އަޅުގަނޑުމެން އަމިއްލައަށް ވިސްނާލަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އިންސާނަކު ދުނިޔޭގައި ވަކި ވަރަކަށް ހަމަބުއްދިފިލައި ތަންދޮރުއެނގޭވަރުވެ އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ ހިސާބުން ދިރިއުޅުމުގެ ކަންކަން ކަނޑައަޅަން ޖެހޭނީ އަމިއްލަ ސިކުނޑިންނެވެ. ތިމާއަށް ތިމާގެ މިންވަރުން އަދާ ކުރަންޖެހޭ ހައްގުތައް އަދާކުރުމަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ އަތްމަތީގައި އޮންނަކަމެކެވެ. އިންސާނުންނަށް ދުނިޔެއިން ލިބިދޭ އެންމެ ބޮޑު އެއް ބާރަކީ އިހްތިޔާރު ކުރުމުގެ މިނިވަންކަން ސިކުނޑިން ލިބިދީފައިވުމެވެ.
މާޒީއިން އިބުރަތް ހާސިލްކޮށްގެން ވަށައިގެން ހިނގާކަންކަމުގެ ހިކުމަތްތައް ދެނެގަނެ އާ އުއްމީދަކުން ފެށުމުގެ އިހްތިޔާރު ކޮންމެ މީހަކަށް ވެސް އޮވެއެވެ. އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުހުމުގެ ތައުފީގު އަޅުގަނޑުމެންގެ ތެރެއިން އެންމެންނަށް ވެސް ދެއްވުމަކީ އަޅުގަނޑުގެ ދުއާ އެވެ.