ads
މަރްހޫމް ޖަމީލްދީދީ (މެދުގައި) މިސްރުގައި ތައުލީމް ހާސިލުކުރައްވާން ތިއްބެވި ދިވެހި ދަރިވަރުންނާއެކު. (ކަނާތުން ވާތަށް) ރައީސް މައުމޫން, އަހްމަދު ޝާތިރު, މުސާ ފަތުހީ, ހާމިދު ފަހުމީ.
މާޗު 15: "އަދުވަޑައި ތިޔަގަތީ ގައުމު ރޮށްވާފައޭ"
އަޅުގަނޑުގެ ''ގަލަން'' މި ހިންގައިލަނީ ވަަރަށް ވެސް ޖެހިލުންވެހުރެއެވެ. ސަބަބަކީ އެ މަނިކުފާނުގެ ހިދުމަތުގެ ''ބުރަދަން'' ބޮޑުކަމެވެ.

އަޅުގަނޑު މި ދަންނަވަނީ ދިވެހި އަދަބީ އުދަރެހުން އެރި "އުޖާލާވި ރަންތަރީ'' ގެ ވާހަކައެވެ. މި އާ ކުރަނީ "އުސްތާޒުލްޖީލު'' ގެ ހަނދާންތަކެވެ. މި ސިފަކޮށްދެނީ "މަ ވެސް އަދު ފަރިއްސެއް ހެދޭތޯ ބަލާނަމޭ" ވިދާޅުވެ ޅެން ހައްދަވަން ފަށްޓަވައި, ޅެންވެރިކަމުގެ ފަންނަށް އިންގިލާބެއް ގެންނަވާފައިވާ, ދިވެހި އަދަބީ އުދަރެހުން އެރި "އުޖާލާވި ރަންތަރި" އަލްއުސްތާޒުލް މަރުހޫމު މުހައްމަދު ޖަމީލުދީދީގެ ވާހަކައެވެ.

1915 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މ. ކުއްޅަވައްގޭގައި އުފަންވެވަޑައިގެންނެވި މުހައްމަދު ޖަމީލުދީދީއަކީ ދަރަވަންދޫގޭ އަބްދުﷲ ކަމާލުއްދީން ނުވަތަ ދަރަވަންދޫގޭ އަބްދުﷲ ދީދީ އާއި ފެންފޯއް ގަނޑުވަރު އައިމިނާދީގެ ދަރިކަލެކެވެ.

އަރަބި ބަހާއި, އުރުދޫ ބަސް ވެސް ދެނެވަޑައިގަންނަވާ ޖަމީލުދީދީ ސަރުކާރަށް ހިދުމަތްކުރައްވަން ފެށްޓެވީ 1937 އޮގަސްޓު 24 ގައެވެ. އެގޮތުން 45 އަހަރާއި, 11 މަހާއި, 29 ދުވަސްވަންދެން ހިދުމަތްކުރެއްވެވި އެވެ.

ޖަމީލްދީދީ އަދާކުރެއްވި ބައެއް މަގާމުތައް:

މަހުކަމަތުލް މައާރިފުގެ ކާތިބުކަން

މަޖީދިއްޔާގެ މުދައްރިސްކަން.

މަޖީދިއްޔާގެ ނާޒިރުގެ ނާއިބުގެ ގާއިމު މަގާމު. 

މަޖީދިއްޔާގެ ނައިބުކަން.

މަހުކަމަތުލް މައާރިފުގެ ވެރިޔާ.

މަޖީދިއްޔާގެ ނާޒިރުކަން.

ވަޒީރުލް މައާރިފުގެ ވަކީލުކަން.

މަހްކަމަތުއް ޝަރްއިއްޔާގެ ސެކްރެޓަރީކަމާއި, ނާއިބުކަމާއި, އިސް ނާއިބުކަން.

އުއްތަމަ ފަނޑިޔާރުކަން.

މަހްކަމަތުއް ދާހިލިއްޔާގެ ކާތިބުކަން.

ފިލްމު ސެންސަރު ބޯޑުގެ މެންބަރުކަން.

މުނިސިޕަލްޓީގެ މާފަންނު މެންބަރުކަން

ރައްޔިތުން މަޖިލީހުގެ ތިލަދުންމަތީގެ މެންބަރުކަން މުނިސިޕަލްޓީގެ ރައީސްކަން.

ބަންޑާރަ ނައިބުކަން.

ގާނޫނުއަސާސީއެއް ވުޖޫދު ކުރުމަށް ކަނޑައެޅުއްވި މަޖިލީހުގެ މެންބަރުކަން.

ވަޒީރުލް އައުޒަމްގެ އޮފީހުގެ ދަންނަބޭކަލުންގެ ކޮމިޓީގެ މެންބަރުކަން.

ކާބޯތަކެތި ހަމަޖައްސާ އޮފީހުގެ ވެރިކަން

ތިލަދުންމަތީ ހާއްސަ ވަކީލުކަން. 

ދާރުލް އިގާމާގެ ވެރިކަން.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ރެލިޖަސް ނޮލެޖް މުދައްރިސުކަން.

މައުހަދުއްދިރާސަތުލް އިސްލާމިއްޔާގެ ފިގްހު މުދައްރިސުކަން.

ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަން.

ދައުލަތް ހިންގާ މަޖިލީހުގެ ސެކްރެޓަރީކަން.

ޖަމީލްދީދީގެ އިލްމުވެރިކަމަށް ބަލާއިރު އޭނާއަކީ ކުރިން ވެސް ފާހަގަކުރި ފަދައިން އެހާމެ ކުޅަދާނަ ބޭފުޅެކެވެ. ތަފާތު އެކި ރޮނގުރޮނގުން ފޮތްތައް ލިޔުއްވި އެވެ. ދީނީ ރޮނގުން ލިޔުއްވި ފޮތްތަކުގެތެރޭގައި, ތައުލީމު ދިޔާނާގެ ފޮތްތަކާއި, ދީނިއްޔާތުގެ އަދަދުތަކާއި, ދުރޫސުލް އަހްލާގާއި, އިރުޝާދުލް އަނާމާއި, އަލް އިސްލާމާއި, އަލްމިންބަރާއި, ސަލާތުލް ޖަމާއަތާއި, ދަތުރުވެރިޔާގެ ނަމާދު ވެސް ހިމެނެއެވެ.

ބަހާއި އަދަބުގެ ރޮނގުން ލިޔުއްވި ފޮތްތަކުތެރޭގައި "ކުޑަކުދިންގެ ބަގީޗާ" ގެ އެއްވަނަބަޔާއި ދެވަނަބައި, "ދިވެހި ކިޔުން" މި ފޮތުގެ ތިން ބަޔާއި, "ޅެމާއި ޅެންވެރިކަން" އެ ނަން ދެއްވާފައިވާ ފޮތާއި, "ފިޔަވަޅު" ގެ ބައިތައް ހިމެނެއެވެ. މީގެ އިތުރުން ''ފަތްތޫރަ'' އާއި, "އައްރަފީގު" އާއި, "ސަރުކާރުގެ ހަބަރު" އާއި, "ޝުއުލާ" އާއި, "ދީނީ ރޫހު" ފަދަ މަޖައްލާތަކަށް ލިޔުއްވާފައިވާ  ލިޔުންތަކަކީ ވެސް އަގުހުރި ''ރަންމުތް'' ތަކެކެވެ.

"ޑިމޮކްރަސީ" ޝަރަހަކޮށްދެއްވާފައިވާ ގޮތް ބަލައިލާނަމެވެ.

"އެއީ ވެސް އިހަށް ނުހަނު ރަނގަޅު މާނައެއް އޮތް އެއްޗެކެވެ. ނަމަވެސް މިހާރަކަށް އައިސް އެބަހުގެ މާނައަކަށް މިވަނީ އެއްވެ ހަޅޭއްފަޅޭއްލަވައި އުޅުމާއި, ގާއުކުމާއި, ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލުމާ މިކަހަލަ ކަންތައްތަކެކެވެ. ކޮންމެއަކަސް އެކަހަލަ ސީ އަކަށް އަހަރެން އަރާހިތެއްނުވެއެވެ." އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.

މެއި ދުވަހާއި ބެހޭ ގޮތުން ވިދާޅުވެފައިވަނީ ކީކޭކަމަށްތޯ އެވެ!

''އަހަރުގެ ދުވަސްތަކުގެތެރެއިން ފާހަގަކުރެވޭ ދުވަސްތައް ވަރަށް ގިނަ އެވެ. އަދި ދަނީ ވެސް ގިނަވަމުންނެވެ. މިހެންގޮސް އަހަރުގެ ކޮންމެ ދުވަހަކީ ވެސް، ކޮންމެ ވެސް ކަމަކާ ގުޅިގެން ފާހަގަ ކުރެވޭ ދުވަހަކަށްވާދުވަސް މިހާރު އޮތީ ދާދިގާތުގަ އެވެ. މީލާދީ ސަނަތުން ދެހާސްވަނަ އަހަރު ހަމަވުމުގެކުރިން، އެދުވަސް ނާންނާނެކަމެއް ގައިމެއްނޫނެވެ. އަންނާނެކަމެއް ވެސް ގައިމެއްނޫނެވެ. އަޅުގަނޑުމެންނަކީ މަސްވެރިކަމުގެ ބައެކެވެ. މަސްވެރީންގެ ދުވަހެއް އެބައޮތެވެ. އެހެންކަމުން މޭ ދުވަހެއް ފާހަގަ ކުރާނެކަމެއްނެތެވެ. ދޮންބިހުގެ ދުވަހެއް ފާހަގަކުރުން އެންމެ ރަނގަޅެވެ."

އެ މަނިކުފާނުގެ ޅެންވެރިކަމަށް ނަޒަރު ހިންގާލާއިރު އޭގެތެރޭގައި އިޝްގީ ޅެމާއި, ގައުމީ ޅެމާއި, ފިކުރީ ޅެމާއި, މަދަހައާއި ތައުރީފާއި, ނަސޭހަތުގެ ޅެންތައް ހިމެނެއެވެ. އެ ގޮތުން ގައުމީ ޅެންތަކުގެތެރެއިން "ގައުމީ ސަލާމް" ފާހަގަކޮށްލެވެއެވެ.

އާދޭހެވެ. 1989 މާޗު 15 ގައި އަވަހާރަވި ޖަމީލްދީދީގެ ވާހަކައަކީ ''ހުސްނުވާނެ'' ވާހަކައެކެވެ. އެ މަނިކުފާނު ކުރެއްވި ހިދުމަތްތަކުގެ ''ބުރަދަން'' ވަޒަންކޮށްލާނެ ތަރާދެއް, އެ ހިދުމަތްތަކުގެ ދިގުމިން ބަލައިލާނެ ''ފީތާ'' އެއް އަޅުގަނޑަށް ލިބިފައިނުވާތީ ކުޑަ އެއްޗެއް ދަންނަވައިލުމަށް ފަހު މި ހިނދަށް ''ކަރުދާހުން'' ގަލަން ވަކިކޮށްލާނަމެވެ. 

''ހަނދުމަތައް އެކި ރޮނގުން ދޫކުރައްވާފައޭ އަދުވަޑައި ތިޔަގަތީ ގައުމު ރޮއްވާފައޭ.'' (އަބްދުﷲ ސޯދިގު)
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް